ކުވޭތުގެ އަމީރު ޝެއިޚް ސަބާހު އަވަހާރަވެއްޖެ
ކުވޭތުގެ އަމީރު ޝެއިޚް ސަބާހު އަވަހާރަވެއްޖެ

ކުވޭތު ސިޓީ (ސެޕްޓެމްބަރު 29) - ކުވޭތުގެ އަމީރު ޝެއިޚް ސަބާހު އަލް އަހުމަދު އަލް ސަބާހު މިއަދު އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

އުމުރުން 91 އަހަރުގައި ޝެއިޚް ސަބާހު އަވަހާރަވުމުން، އަމީރުގެ މަގާމު ދެން ލިބިވަޑައިގަންނަވާނީ ޝެއިޚް ސަބާހްއާ އެއްބައްޕާފުޅު އަދި ވަލީ އަހުދުގެ މަގާމުގައި ހުންނެވި 83 އަހަރުގެ ޝެއިޚް ނަވާފް އަލް އަހުމަދަށެވެ.

ކުވޭތުގައި ކުރެއްވި އޮޕަރޭޝަނަކާ ގުޅިގެން އިތުރު ފަރުވާ އަށް ޝެއިޚް ސަބާހު ވަނީ ޖުލައި މަހު އެމެރިކާ އަށް ވަޑައިގެންފަ އެވެ. ޝެއިޚް ސަބާހު ގެންދަވަނީ 2006 ވަނަ އަހަރުން ފެށިގެން ކުވޭތުގެ ވެރިކަން ކުރައްވަމުންނެވެ. ޝެއިޚް ސަބާހު ވަނީ އަރަބި ދުނިޔޭގެ ގިނަ މައްސަލަތައް ހައްލު ކުރުމުގައި މީޑިއޭޓަރެއްގެ ރޯލް އަދާކުރައްވައިފަ އެވެ. އޭނާ އަށް ވަނީ "ޑީން އޮފް އަރަބް ޑިޕްލޮމެސީ"ގެ ލަގަބް ލިބިވަޑައިގެންފަ އެވެ.

ކުވޭތުގެ މި ޒަމާނުގެ ބާނީ މުބާރަކް އަލް ސަބާހުގެ މުނިކާފަ ދަރިކަލެއް ކަމަށްވާ ޝެއިޚް ސަބާހު އުފަންވެ ވަޑައިގެންނެވީ 1929 ވަނަ އަހަރު އެވެ. ޝެއިޚް ސަބާހު ވަނީ ކުވޭތުގެ ފޮރިން މިނިސްޓަރުގެ މަގާމާ 1963 ވަނަ އަހަރު ހަވާލުވެވަޑައިގެންފަ އެވެ. ފޮރިން މިނިސްޓަރުގެ މަގާމު އަލުން ދެއްވީ 1992 ވަނަ އަހަރު އެވެ. ބޮޑުވަޒީރުގެ މަގާމަށް 2003 ވަނަ އަހަރު، ބޭބޭފުޅު އަމީރު ޝެއިޚް ޖާބިރު އަލް އަހުމަދު ނޮމިނޭޓް ކުރައްވަންދެން ޝެއިޚް ސަބާހު ވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ.

ޝެއިޚް ސަބާހު އަށް ކުވޭތުގެ އަމީރުކަން 2006 ވަނަ އަހަރު ލިބިވަޑައިގެންނެވީ ޝެއިޚް ޖާބިރު އަވަހާރަވުމުންނެވެ. ސަބާހު އާއިލާ އިން ކުވޭތުގެ ވެރިކަންކުރާތާ 260 އަހަރުވެއްޖެ އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުވޭތުގެ އާބާދީ އަކީ 4.8 މިލިއަނެވެ.