29 ސެޕްޓެމްބަރ 2020 - 14:23

ހިތަށް އަނިޔާވާ ހުރިހާ ކަމަކުން ދުރުވާން އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމް ގޮވާލައްވައިފި އެވެ.
ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި އަސްލަމް ފޮނުއްވި މެސެޖުގައި ވިދާޅުވީ އުފާވެރި ދިރިއުޅުމެއް ލިބޭނީ ދުޅަހެޔޮ ހިތަކާ އެކު ކަމަށެވެ. އަދި ކޮވިޑް-19ގެ މި ހާލަތުގައި އެންމެން ވެސް ދަތިތަކާ ކުރިމަތިލަމުން އަންނަ އިރު މި ހާލަތުގައި ވެސް ދުޅަހެޔޮކޮށް ތިބެން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި ކަސްރަތުކުރުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އަސްލަމް ގޮވާލެއްވި އެވެ.
"މިއަދު އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހާ ކަންކަމުން ދުރުހެލިވާން،" އަސްލަމް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. މި އަހަރުގެ ހިތުގެ ދުވަހުގެ ޝިއާރަކީ ހިތް ބޭނުންކުރުމެވެ.