29 ސެޕްޓެމްބަރ 2020 - 13:48

ވެކްސިނެއް ލިބެންދެން ވެސް ޓޫރިޒަމް ދަމަހައްޓަން ޖެހޭތީ، އެންމެންގެ ދިރިއުޅުމަށްޓަކައި ކޮވިޑް ކޭސްތަކުގެ އަދަދު ދަށްކޮށްދޭން، އާންމުންގެ ކިބައިން، މުހައްމަދު އުމަރު މަނިކު އިއްޔެ އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނޭ އަދި ޓޫރިޒަމަށް ބޮޑު އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ އެމް.ޔޫ. މަނިކު، ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ޓޫރިޒަމް މިނިސްޓްރީން ނެރުނު ސަޕްލިމެންޓެއްގައި، ވިދާޅުވީ ކޮވިޑްގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އޮތް ފެންވަރަށް ދާނީ ވެކްސިނެއް ލިބިގެން ކަމަށެވެ.
"މިހާރު ޓޫރިސްޓުން އަންނަ ވަރު މަދުކަން އެއީ ސިއްރެއް ނޫނެވެ،" ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މައި ޖަމިއްޔާ މަޓީގެ ޗެއާމަންގެ ހައިސިއްޔަތުން ލިއުއްވި ބަޔާނުގައި، އެމް.ޔޫ މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮވިޑް-19ގެ ކުރިން ތިބި ފެންވަރަށް ދެވޭނީ ރަނގަޅު ވެކްސިނެއް ލިބި، އަދި އެ ވެކްސިން ދީ ނިމުމުންނެވެ."
އެކަމަކު އޭނާ ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދެއްވީ، އެ ހިސާބަށް ރާއްޖޭގެ ޓޫރިޒަމް ދިއުމުގެ ކުރިން ވެސް، އެންމެންގެ ދިރިއުޅުމާއި ވަޒީފާ އާއި އާމްދަނީއަށްޓަކައި، ކޮވިޑް ކޭސްތައް ދަށުގައި ބަހައްޓަން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމެވެ.
އެމް.ޔޫ. މަނިކު ވިދާޅުވީ ވަރަށް އާދައިގެ ގޮތަކަށް ފަށައި އެންމެން ކުރި މަސައްކަތުން ތަރައްގީކުރި ޓޫރިޒަމް އިންޑަސްޓްރީއަށާއި ގައުމުގެ މުޅި އިގުތިސާދަށް ކޮވިޑް-19ގެ ސަބަބުން ވަރަށް ބޮޑު ހިލުމެއް އަތުވެއްޖެ ކަމަށެވެ. ނަމަވެސް ޖުލައި 15 އިން ފެށިގެން ޓޫރިޒަމް އަލުން ހުޅުވި، ރިސޯޓްތަކާއި ސަފާރީތައް މަޑުމަޑުން އޮޕަރޭޝަނަށް ނުކުންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮކްޓޯބަރު 15 އިން ފެށިގެން ގެސްޓްހައުސްތައް ހުޅުވުމަކީ، ރަށްރަށުގެ އިގުތިސާދު އަލުން ދިރުވަން ލިބޭނެ ފުރުސަތެކެވެ. އެހެންކަމުން އެއީ ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމަށް ވެސް، އެމް.ޔޫ މަނިކު ވިދާޅުވި އެވެ.