ފިލްމީ ބަތަލާ އާސިން އާއި ރާހޫލް ޝަރުމާ ވެސް ރާއްޖޭގައި
ފިލްމީ ބަތަލާ އާސިން އާއި ރާހޫލް ޝަރުމާ ވެސް ރާއްޖޭގައި

ބޮލީވުޑްގެ ބައެއް ތަރިން މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވާއިރު ފިލްމީ ބަތަލާ އާސިން އާއި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މައިކްރޮމެކްސްގެ ވެރިޔާ ރާހޫލް ޝަރުމާ ވެސް ރާއްޖޭގައި ތިބިކަން އާސިންގެ ފޮޓޯތަކަކުން ހާމަކޮށްފި އެވެ.

އާސިން އާއި ރާހޫލް ރާއްޖެ އައީ އާސިންގެ 31 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަކުރުމަށެވެ.

އާސިން ވަނީ ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނާ ހިއްސާ ކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއަކާއި އުފަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޑިނާ ގެ ފޮޓޯ ވެސް ހިމެނެ އެވެ. އަދި ރާއްޖޭގައި އެމީހުން ތިބޭ ރިސޯޓްގެ މަންޒަރު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް ވެސް އޭނާ އިންސްޓަގްރާމް ކޮށްފައިވެ އެވެ.

އާސިން އާއި ރާހޫލް ރާއްޖޭގައި ތިބެނީ ރަންދެލި ރިސޯޓުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

ކައިވެނި ކުރީއްސުރެ އާސިން އާއި ރާހޫލް އުޅެނީ އެކި ގައުމުތަކަށް ދަތުރުކުރުމުގަ އެވެ.
އުމުރުން އެންމެ 15 އަހަރުގައި މޮޑެލްކޮށް ފިލްމީ މައިދާނަށް ނުކުތް އާސިން އަކީ ސައުތު އިންޑިއާގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ ކާމިޔާބު ބަތަލާ އެކެވެ. އޭނާގެ ރީތިކަމާއި އެއްވަރަށް އެކްޓްކުރުމުގެ ހުނަރު ވެސް ލިބިފައިވާތީ ފިލްމު އުފައްދާ ގިނަ ބަޔަކު އާސިން ލައްވާ ފިލްމު ކުޅުވަން ބޭނުންވެ އެވެ.

އާސިންގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ އާމިރު ޚާނާއެކު އޭނާ ކުޅުނު "ގަޖްނީ" އެވެ. އޭގެ ފަހުން ވެސް ބައެއް ހިންދީ ފިލްމުތައް އާސިން ކުޅުނެވެ. ނަމަވެސް ރާހޫލް ޝަރުމާ އާ ކައިވެނި ކުރުމުގެ ކުރިން އޭނާ ސޮއިކޮށްފައިވާ ހުރިހާ ފިލްމުތަކެއްގެ މަސައްކަތް އާސިން ވަނީ ނިންމާފަ އެވެ. އަދި އިތުރަށް ފިލްމު ކުޅުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވެސް އާސިން ބުނެފައި ވެއެވެ.