29 ސެޕްޓެމްބަރ 2020 - 00:23

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން މިރޭ ބުނެފި އެވެ.
ޒިކުރާ މިސްކިތް އިމާރާތް ކުރަން ކުރީގެ ސަރުކާރުގައި އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމުގައިި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޒިޔާދުގެ މައްޗަށް އުފުލައި، ދައުލަތުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައިވަނީ ޒިޔާދުގެ މައްޗަށް ކުރި ދައުވާއަކީ ހުރިހާ ގޮތަކުން ވެސް ސަރުކާރު ފެއިލްވެ އަދި ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުުކާރުގައި އިސް މަގާމެއް އަދާކުރި ބޭފުޅަކާ ގުޅުވައިގެން މި ސަރުކާރުން ކުޅޭ ސިޔާސީ ޑްރާމާއެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"ކޮރަޕްޝަންގެ ތުހުމަތުކޮށް، ދައުވާ ކުރުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ މައްސަލައަކީ އެއްވެސް އަސާސެއް އަދި އަސްލެއް ނެތް ނެތް ކަމެއްގައި، އުފަން ކުރުވާފައިވާ މައްސަލައެކެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ އެ ދައުވާއަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށި ފެރީ ދަތުރާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިނުގަނެވުމުން ރައްޔިތުންގެ ފޯކަސް އަނބުރާލަން ކުރާ ކަމެއް ކަމަށެވެ. އަދި އެ ކޯލިޝަންގެ އިސް ބޭފުޅުން ޖަލަށްލިޔަސް، ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.