02 ޖޫން 2016 - 06:11

ސައިފް އަލީ ޚާންއާ ކައިވެނި ކުރުމަށްފަހު ކަރީނާ ކަޕޫރު ބުނެފައިވަނީ މަންމައަކަށް ވާނީ ކައިވެންޏަށް ދެތިން އަހަރު ފަހުން ކަމަށެވެ. މިހާރު ބެލެވޭ ގޮތުން ކަރީނާ ބުނީ ހަމަ ވަރަށް ތެދު ވާހަކަ އެކެވެ.
ބޮލީވުޑް ލައިފްގައިވާ ޚަބަރެއް ބުނާ ގޮތުން އެ ނޫހަށް މައުލޫމާތު ދިން މީހަކު ވަނީ ކަރީނާ ހަމަ އަސްލު ވެސް އިނީ ބަލިވެ ކަން ޔަގީންކޮށްދީފަ އެވެ.
ޔަގީންވާ ކަމަކީ ކަރީނާ އަށް ވަރަށް ރަނގަޅު ފިލްމުތަކެއް ކުޅެން ލިބުނު ނަމަވެސް މިދުވަސްވަރު އެއްވެސް ފިލްމެއް ކުޅެން އެއްބަސްނުވާ ކަމެވެ. އެހެންކަމުން ކަރީނާ މާކުރިއްސުރެ ކުއްޖެއް ހޯދަން ވިސްނާފައި އޮތީ ކަމަށް ބެލެވެ އެވެ.
ކަރީނާ ވަނީ ފިރިމީހާ ސައިފްއާ އެކު ލަންޑަންގައި ވަރަށް ދިގު ޗުއްޓީއެއް ހޭދަކޮށްލުމަށްފަހު މީގެ ދެ ދުވަހެއް ކުރިން އެނބުރި މުމްބައި އަށް ގޮހެވެ.
ތަންކޮޅެއް ކުރިން ކަރީނާ ދީފައިވާ އިންޓަވިއުއެއްގައި ވެސް ނޫސްވެރިން ކަރީނާ ގާތު ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ ސުވާލުކޮށްފައިވެ އެވެ. ކަރީނާ ބުނެފައިވަނީ އޭނާގެ މިޒާޖު އެންމެންނަށް ވެސް އެނގޭނެ ކަމަށާއި އޭނާ ބޭނުންވީ އިރަކުން ނޫނީ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
"މީގެ ދެ އަހަރުފަހުން އަހަރެން މަންމައަކަށް ވާނަން،" އޭރު ކަރީނާ ބުނެފައިވެ އެވެ.
މަންމައަކަށް ވާ އުމުރު ފަހަނަޅާ ދާން ކައިރިވެއްޖެ ނޫންތޯ ސުވާލުކުރުމުން ކަރީނާ ބުނެފައިވަނީ މިޒަމާނުގައި 40 އަހަރުގައި ވެސް މީހުން ބަލިވެ އިނދެ ކުދިން ހޯދާ ކަމަށާއި އޭނާއަށް އަދި އެހިސާބަށް ދާން ލައްކަ ދުވަސް އެބައޮތް ކަމަށެވެ.
ކަރީނާ ބުނެފައި ވަނީ އޭނާ އަބަދުވެސް ކަންތައްތައް ކުރަނީ އޭނާ ބޭނުންވާ ގޮތަށް ކަމަށެވެ. އެގޮތުން ފިލްމީ ތަރިއަކަށް ވާން ބޭނުންވީމާ ފިލްމު ކުޅެން ފެށީ ކަމަށާއި ކައިވެންޏެއް ކޮށްގެން ދިރިއުޅުމެއް ހޯދަން ބޭނުންވީމާ ކައިވެނި ކުރީ ކަމަށެވެ. އަދި މަންމައަކަށް ވާން ބޭނުންވީމާ އެކަން ވެސް ކުރާނެކަމަށް ކަރީނާ ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ވެސް ފިލްމު ކުޅުމައިގެން ކުރިޔަށް ދާނެ ކަމަށް ވެސް އެ އިންޓަވިއުގައި ކަރީނާ ބުނެފައިވެ އެވެ.
ކަރީނާ އެންމެ ފަހުން ފެނިފައި ވަނީ އަރްޖުން ކަޕޫރާ އެކު ކުޅުނު "ކީ އެންޑް ކާ" އިންނެވެ.
ސޯނަމް ކަޕޫރު އަލަށް ޕްރޮޑިއުސްކުރާ ފިލްމުގައި ސޯނަމްއާ އެކު ދެ ވަނަ ބަތަލާއެއްގެ ގޮތުގައި ކެޓުރީނާ ކައިފް ހަމަޖެހިފައިވާ ކަމަށް ކުރިން ޚަބަރު ފެތުރުނު ނަމަވެސް ފަހުން ކެޓުރީނާގެ ބަދަލުގައި ކަރީނާ އެ ރޯލު އަދާކުރާ ގޮތަށް ހަމަޖެހުނު ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. ނަމަވެސް މިހާރު މި އިވޭ އަޑުތަކަށް ބަލާއިރު މި ދުވަސްވަރު ކަރީނާ އެއްވެސް ފިލްމެއް ގަބޫލުކޮށްފާނެ ކަމަކަށްނުބެލެވެ އެވެ.