އިލްހާމްގެ އަނބިކަނބަލުން "ރަހީނުކުރި" މައްސަލަ ބަލައިދޭން އެދެފި
އިލްހާމްގެ އަނބިކަނބަލުން "ރަހީނުކުރި" މައްސަލަ ބަލައިދޭން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން ފުލުސް އޮފީހުގައި "ރަހީނުކުރި" މައްސަލަ ބަލައިދޭން އޭނާ ގޮވާލައްވައިފި އެވެ.

އިލްހާމްގެ އަނބިކަނބަލުން އައިމިނަތު މާޝާ ފެބްރުއަރީ، 2018 ގައި ފުލުސް އޮފީހުގައި ހިފެހެއްޓީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި އިލްހާމް ހޯދަން ފުލުހުން އިއުލާން ކުރުމަށް ފަހު އޭނާ ނުފެނުމުންނެވެ. އިލްހާމް ނުފެނުމުން މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް އެތައް ގަޑިއިރެއް ވަންދެން ބޭންދީ އޭނާ ދޫކޮށްލެވެނީ އިލްހާމް ފުލުހަށް ވަޑައިގަތުމުން ކަމަށް ބުނެ އެވެ. ދެ ދުވަސް މަތިން އެގޮތަށް އަމަލު ކުރިއިރު ވެސް މާޝާއަށް އެއްވެސް ތުހުމަތެއް ފުލުހުން ނުކުރެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޓެގް ކުރައްވައި، އިލްހާމް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އޭނާގެ އަނބިކަނބަލުން ރަހީނުކުރި މައްސަލަ އަވަހަށް ބަލައި ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

އިލްހާމް އަމިއްލައަށް ފަހުން ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމުން އޭނާ ހައްޔަރު ކުރުމަށް ފަހު ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓި އެވެ. ހަތް މަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލީ ސެޕްޓެމްބަރު، 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުން އޭރުގެ އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބުނުތާ އެއް ދުވަސް ފަހުންނެވެ.