30 ސެޕްޓެމްބަރ 2020 - 08:09

ޓެސްލާ އިން "ބެޓެރީ ޑޭ"ގެ ނަމުގައި ހަފުލާއެއް ބާއްވައިފި އެވެ. މިއީ ގިނަ ބަޔަކަށް ހީވެފައި އޮތް ގޮތުގައި، ޓެސްލާ އިން މޮޅު އުފެއްދުންތަކެއް ދައްކާނެ ދުވަހެކެވެ. ޓެސްލާ އިން އުފައްދާނެ ކަމަށް ބެލެވޭ "ކަރަންޓް މަތިންދާބޯޓް"، "ކަރަންޓް ޓްރަކް" އަދި ކަރަންޓް ބޯޓާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހާމަކުރާނެ ދުވަހެކެވެ. ނަމަވެސް، ހީކޮށްގެން ތިބި ގޮތާ މުޅިން ޚިލާފަށް، "ބެޓެރީ ޑޭ"ގެ ނަމުގައި ހަފުލާއެއް ބާއްވައި، މުޅިހެން ދެއްކީ ބެޓެރީއާ ގުޅުން ހުރި ވާހަކަތަކެވެ.
"ބެޓެރީ ޑޭ" – ނަމުން ވެސް އެނގޭ ފަދައިން، ބެޓެރީ ނޫން އެއްޗަކަށް މުހިންމު ވާންޖެހޭ ސަބަބެއް ނެތެވެ. ނަމަވެސް، ސަޕޯޓަރުން ހީކުރީ މިއީ ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ބާއްވާ ކަހަލަ ހަފުލާއެއް ކަމަށެވެ. ބޭނުންކުރަން ކޮންމެވެސް އެއްޗެއް އަތަށް ލިބޭނެ ކަމަށެވެ. ނޫން ނަމަ، ބޭނުންކުރެވޭ ޒާތުގެ އެއްޗެއް ކައިރި މުސްތަގުބަލެއްގައި ލިބިދާނެ ކަމަށެވެ.
ޓެސްލާ އިން ބެޓެރީ ޑޭގެ ނަމުގައި ބޭއްވި ހަފުލާ ބަލާލުމުން އަހަންނަށް ދޭހަވީ އެއީ އިންވެސްޓަރުންނަށް ދިން އުންމީދީ މެސެޖެއް ކަމަށެވެ. އަދި ޓެސްލާ އަށް ބެޓެރީ އުފައްދައިދޭ ސައުތު ކޮރެއާގެ އެލްޖީ އަދި ޖަޕާނުގެ ޕެނަސޮނިކް ފަދަ ކުންފުނިތަކަށް ދިން އިންޒާރެއް ކަމަށެވެ.
އިންވެސްޓަރުންނަށް ޓެސްލާ އިން ބުނަން ބޭނުންވީ ކުންފުނީގެ އުފެއްދުންތަކަށް ޑިމާޑް އޮތް ވާހަކަ އެވެ. ވިޔަފާރި ހަލުއި މިންވަރާއި އުންމީދީ އުފެއްދުންތަކުގެ ވާހަކަ އެވެ. މި ވަރުން އިންވެސްޓަރުންގެ ކޮލު ދަތްތައް ފެންނާނެ އެވެ.
ޓެސްލާ އަށް ބާރުގަދަ ބެޓެރީތައް ބޭނުންވެ އެވެ. އެއީ ކަރަންޓް އުޅަނދުތައް ދުރަން ދުއްވުމަށެވެ. ބެޓެރީތަކުގެ ސައިޒު ކުޑަކުރަން ވެސް ޖެހެ އެވެ. މާނަ އަކީ ސައިޒު ކުޑަކުރުމާ އެކު ބެޓެރީތަކުން ލިއްބައިދޭ ހަކަތަ ވެސް އިރުވުމެވެ.
ބެޓެރީ އުފައްދަން ޓެސްލާ އިން ބޭނުންހިފާ ޓެކްނޮލޮޖީ ކުރިއަރައި ވަނީ ދާންޖެހިފަ އެވެ. އަނެއްކޮޅުން، ކުންފުނީގެ ވިޔަފާރިއާ މެދު ދުރާލާ ވިސްނާއިރު، 2022 ގައި ޓެސްލާ އަށް ބޭނުންވާ ވަރަށް – ބެޓެރީ މިހާރު ސަޕްލައިކޮށްދޭ ކުންފުނިތަކަށް – އެކަން ނުވާނެކަން ހަމަ ކަށަވަރެވެ. އެހެންކަމުން، ބާރުގަދަ ބެޓެރީތައް އުފައްދަން އަމިއްލަ ފެކްޓާރީތަކެއް ބިނާކުރާ ވާހަކަ ވެސް ހިއްސާކޮށްލަން އޮތީ ޖެހިފަ އެވެ. ބެޓެރީތައް އުފައްދަން ބޭނުންކުރާ ކެމިކަލް އަދި މައުދަންތަކާ ބެހޭ ގޮތުން ވެސް އޮތީ ވާހަކަދައްކާލަން ޖެހިފަ އެވެ. ބެޓެރީ ޑޭގައި ހިނގައިދިޔަ ކަންތައްތަކަކީ މިއީ އެވެ.