30 އޮކްޓޯބަރ 2016 - 06:02

ދެ ފިލްމެއްގެ މެދުގައި މިއަހަރު އޮންނާނެ އެންމެ ބޮޑު ކުރިމަތިލުން ހުކުރު ދުވަހު އިންޑިއާގެ ބޮކްސް އޮފީހުގައި ވަނީ ފެށިފަ އެވެ. އެއީ ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އާއި އަޖޭ ދޭވްގަންގެ "ޝިވާއޭ"ގެ މެދުގަ އެވެ.

މި ދެ ފިލްމުން ކުރެ ފުރަތަމަ ބަލާނީ ކޮން ފިލްމެއްތޯ ނިންމަން ހިންދީ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ވެސް ވަނީ ދަތިވެފަ އެވެ. ގިނަ މީހުން ބޭނުންވީ އެއްފަހަރާ ދެ ފިލްމު ވެސް ބަލާށެވެ. އެހެންވެ އެއް ޝޯ ނިންމާފައި އަނެއް ޝޯ އަށް ވަން މީހުން ވެސް އިންޑިޔާގައި މަދެއް ނޫނެވެ.

ކަރަންގެ "އޭ ދިލް ހެ މުޝްކިލް" ގައި ފަވާދު ޚާން އުޅޭތީ އެ ފިލްމު ރިލީޒްކުރުމާ ދެކޮޅަށް ސިޔާސީ ޕާޓީތަކުންނާއި ހިންދޫންގެ ބައެއް މީހުން މަސައްކަތްކޮށްފައި ވިޔަސް އެންމެ ފަހުން ކަނޑައެޅިފައިވާ ތާރީހުގައި ފިލްމު ރިލީޒްކުރުމުގެ އިތުރުން ފިލްމަށް ކާމިޔާބު ހޯދުމުގައި ވެސް ކަރަން ވަނީ ކުރިއަތުލައިފަ އެވެ.
މިހާތަނަށް ފިލްމު ބެލި ގިނަ ބަޔަކު ބުނެފައިވަނީ "އޭ ދިލް ހެ މުޝްކިލް" މާ ރީތި ކަމަށެވެ. "ޝިވާއޭ"ގެ ލޮކޭޝަންތަކާއި އެކްޝަންތައް ވަރަށް ފުރިހަމަ ނަމަވެސް އަސަރުގެ ބައި މާ ކުޑަކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ. ނަމަވެސް "އޭ ދިލް ހެ މުޝްކިލް" ގައި ކަރަން ޖޯހަރް ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާހޭ" ކަހަލަ އިހްސާސެއް ހުރި ކަަމަށް ކަރަންގެ ފިލްމުތަކަށް ލޯބިކުރާ މީހުން ބުނެފައިވެ އެވެ.
ބޮކްސް އޮފީސް ރިޕޯޓުތައް ބުނާ ގޮތުގައި ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ އަދި އައިޝްވަރިޔާ ރާއީގެ "އޭ ދިލް ހެ މުޝްކިލް" ރިލީޒްކުރި ފުރަތަމަ ދުވަހު ހެނދުނު ޝޯތަކުގެ އޮކިއުޕަންސީ އުޅެނީ ގާތްގަނޑަކަށް 50 ޕަސެންޓުގަ އެވެ. މިއީ ހެނދުނު ގަޑިއާ އަޅާބަލާއިރު ވަރަށް ރަނގަޅު އަދަދެއް ކަމަށްވެ އެވެ. އަޖޭގެ "ޝިވާއޭ"ގެ އޮކިއުޕެންސީ އުޅެނީ 20 ޕަސެންޓުގަ އެވެ.
ކްރިޓިކްސް އަށް ބޮޑަށް ކަމުދިޔައީ "ޝިވާއޭ" އެވެ. ގިނަ ރިވިއުތަކުގައި "ޝިވާއޭ" އަށް ފަސް ތަރިން ތިން ތަރި ދީފައި ވާއިރު "އޭ ދިލް ހެ މުޝްކިލް"އަށް ދީފައި ވަނީ 2.5 ތަރި އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ގޮތުން "އޭ ދިލް ހެ މުޝްކިލް" ގެ ފުރަތަމަ ދުވަހުގެ ކަލެކްޝަން އުޅެނީ 13.25 ކްރޯޑު (132 މިލިއަން) ރުޕީސްގަ އެވެ. "ޝިވާއޭ"އަށް ލިބުނީ އަށް ކްރޯޑު (80 މިލިއަން) ރުޕީސް ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
"އޭ ދިލް ހެ މުޝްކިލް" ވަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި ވެސް ހުކުރު ދުވަހު ރިލީޒްކޮށްފަ އެވެ. އަދި ހުރިހާ ގައުމެއްގައި ވެސް "ޝިވާއޭ" އަށް ވުރެ ބޮޑަށް ހިނގަނީ "އޭ ދިލް ހެ މުޝްކިލް" ކަމަށް ވެއެވެ. ޚާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކުގައި "އޭ ދިލް ހެ މުޝްކިލް"ގެ ވިޔަފާރި ވަރަށް ރަނގަޅުކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނެފައިވެ އެވެ.
ތަރަން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޔޫއޭއީން އެކަނިވެސް "އޭ ދިލް ހެ މުޝްކިލް"އަށް ފުރަތަމަ ދުވަހު 3.70 ކްރޯޑު (554،000 ޑޮލަރު) ލިބިފައިވާ ކަމަށެވެ.
"ޝިވާއޭ" ރިލީޒްކޮށްފައިވަނީ ސިންގަލް ސްކްރީންތަކުގަ އެވެ. އެއާ ޚިލާފަށް "އޭ ދިލް ހެ މުޝްކިލް" ރިލީޒްކުރީ ގިނަ ސިނަމާތައް އެއް ބިލްޑިންގެއްގައި ހިމެނޭ ބޮޑެތި މަލްޓީޕްލެކްސް ތަކުގަ އެވެ.
ދެ ފިލްމުގެ ބަޖެޓަށް ބަލާއިރު "އޭ ދިލް ހެ މުޝްކިލް" ގެ ޕްރޮޑަކްޝަން ޚަރަދަކީ 70 ކްރޯޑު (700 މިލިއަން ރުޕީސް) އެވެ. ޕްރޮމޮޝަނަށް 150 މިލިއަން ޚަރަދު ކޮށްފައި ވެއެވެ. ނަމަވެސް ފިލްމުގެ ސެޓެލައިޓް ރައިޓްސް އާއި މިއުޒިކް ރައިޓްސް ވިއްކާލައިގެން 500 މިލިއަން ވަރު ލިބިފައި ވެއެވެ.
"ޝިވާއޭ"ގެ ބަޖެޓް މާ ބޮޑެވެ. ޕްރޮމޯޝަން ޚަރަދު ލުމުން ގާތްގަނޑަކަށް 105 ކްރޯޑު (1050 މިލިއަން ރުޕީސް) ފިލްމު އުފެއްދުމަށް ޚަރަދު ވެފައި ވެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ބޮކްސް އޮފީހުގައި ގެއްލުން ވުމުގެ ފުރުސަތު ބޮޑީ "ޝިވާއޭ" އަށް ކަމަށް ބެލެވެ އެވެ.
ނަމަވެސް ފިލްމީ ވިޔަފާރިކުރާ ފަރާތްތަކުން ބުނަނީ ކުރިއަށް އޮތީ ދިވާލީ އާ ގުޅިގެން ލިބޭ ބޮޑު ބަންދަށް ވާތީ ދެ ފިލްމު ބަލަން ވެސް ވަންނަ މީހުންގެ އަދަދު އާދަޔާޚިލާފަށް ގިނަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެ ފިލްމަށް ލިބޭ ވަރަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުތަކެއް އަތުވެދާނެކަމަށް ވެސް ބައެއް ފަރާތްތަކުން ގަބޫލު ކުރެ އެވެ.