ކޮވިޑްގެ ނަތީޖާ 15 މިނެޓުން ލިބޭ އެންޓިޖެން ޓެސްޓް ރާއްޖެއަށް ތައާރަފުކޮށްފި
ކޮވިޑްގެ ނަތީޖާ 15 މިނެޓުން ލިބޭ އެންޓިޖެން ޓެސްޓް ރާއްޖެއަށް ތައާރަފުކޮށްފި

ހަށިގަނޑުގައި ހުރި އެކްޓިވް އިންފެކްޝަންގެ ނަތީޖާ 15 މިނެޓުން ލިބޭ ކޮވިޑް-19 "އެންޓިޖެން" ޓެސްޓު ކިޓް، މެޑްޓެކުން މިއަދު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން ބުނީ ލެބޯޓްރީ ތަހުލީލުކުރުމަށް ބޭނުންކުރާ އާލަތްތައް އުފެއްދުމުގައި މަޝްހޫރު އެބޮޓް ލެބޯޓްރީގެ ޕޯޓަބަލް އެންޓިޖެން ޓެސްޓް، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭނެ ކަމަށެވެ.

ކްރެޑިޓް ކާޑު ސައިޒުގެ ޓެސްޓުގެ ސެންސިޓިވިޓީ އަކީ 97 ޕަސެންޓެވެ. ސްޕެސިފިސިޓީ ނުވަތަ އިންފެކްޝަން ދެނެގަތުމުގެ ޕަސެންޓޭޖަކީ 98.5 ޕަސެންޓް ކަމަށް ކްލިނިކަލް ސްޓަޑީތަކުން ދައްކަ އެވެ.

އެންޓިޖެން ޓެސްޓު ކިޓުގެ ސަބަބުން ކޮންޓެކްޓް ޓްރޭސިންގައި އެކްޓިވް އިންފެކްޝަން ހުރި މީހުން ދެނެގަތުމަށް ޓެސްޓުކުރުމާއި އާބާދީގެ ބޮޑު ބައެއް ޓެސްޓުކުރުން އަދި ކޮވިޑަށް ޝައްކު ކުރެވޭ މީހުން އަވަހަށް ޓެސްޓުކުރުމަށް މަގުފަހިވެ އެވެ.

މީގެ ޓެސްޓް ކިޓް މިހާރު އަންނަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރަމުން ކަމަށާއި އިތުރު ގައުމުތަކަށް އޭގެ އެތައް މިލިއަން ކިޓް ފޮނުވަން ފަށާނެ ކަމަށް އެބޮޓް ކުންފުންޏާ ހަވާލާދީ އެ ކުންފުނީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީސްޓްރިބިއުޓާ މެޑްޓެކުން ބުންޏެވެ.

"ބައިނެކްސް ނައު ކޮވިޑް-19 އޭޖީ ކާޑު"ގެ ނަން ދީފައިވާ ޓެސްޓަކީ ނޭސަލް ސްވަބް ބޭނުންކޮށްގެން ވީހާ ވެސް އަވަހަށް އަދި ހެޔޮ އަގެއްގައި ކޮވިޑަށް ގިނަ ބަޔަކު ޓެސްޓް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ތައާރަފްކުރި ޓެސްޓެކެވެ. ކަމާބެހޭ އިދާރާތަކަށް ފަސޭހަވާނެ ގޮތަށް، އެބޮޓުން ވަނީ ޓެސްޓާ ގުޅޭ ހާއްސަ އެޕެއް ތައާރަފްކޮށް ފޯނުން ޓެސްޓުގެ ނަތީޖާ ފެންނާގެ ގޮތް ހަދައިފަ އެވެ. އެ ކުންފުނީގެ އަމާޒަކީ އަލަށް ތައާރަފުކުރި ޓެސްޓާއެކު، އަންނަ މަހުން ފެށިގެން ކޮންމެ މަހަކު ވެސް މަދުވެގެން 50 މިލިއަން ޓެސްޓް ހެދުމެވެ.