30 އޮކްޓޯބަރ 2016 - 06:06

އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ލޭޑީ ގާގާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު ޓޭލާ ކިނީ ރުޅިވިތާ ފަސް އަހަރުވެފައިވީ ނަމަވެސް، ދެ މީހުން އަލުން ގުޅުމާ ދޭތެރޭ ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޑެއިލީ މެއިލުން ރިޕޯޓްކޮށްފައިވާ ގޮތުން ދެ މީހުންގެ ފަސް އަހަރުވީ އެންގޭޖްމަންޓް ގާގާ މިދިޔަ ޖުލައި މަހުގެ ތެރޭގައި ރޫޅާލި ނަމަވެސް، ދެ މީހުންގެ މެދުގައި އޮތް "އެކުވެރި ކަމަކަށް" އެއްވެސް ބަދަލެއް ނާދެ އެވެ.
އަދި އެ ދެ މީހުން ހަމަ ކޮންމެ ދުވަހަކުހެން އެކަކު އަނެކަކާ ފޯނުން ވެސް ވާހަކަ ދައްކައި ކަންކަން ހިއްސާ ކުރާ ކަމަށްވެ އެވެ.
އެހެންވެ މިއިން ދައްކައި ދެނީ ގާގާ، 30، އާއި ކިނީ، 35، ވެސް އަލުން ގުޅެން ބޭނުންވުން ކަމަށާއި ދެވަނަ ފުރުސަތެއް އޮތުމަކީ މައްސަލައެއް ކަމަށް ނުދެކުން ކަމަށް މީޑިއާތަކުން ބުނެ އެވެ.
ގާގާ އާއި ކިނީ ރައްޓެހިވީ ދެ މީހުން އެކުގައި 2011 ވަނަ އަހަރު "ޔޫ އެންޑް އައި ވީޑިއޯ ލަވަ ކުޅުނު ދުވަސްވަރު އެވެ.
ގާގާ އާ ވަކިވި ފަހުން ކިނީ އެހެން މީހަކާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ވެސް އަޑު ފެތުރުނެވެ.
މި މަހުގެ 21 ގައި "ޖޮއާން" ގެ ނަމުގައި އާ އަލްބަމެއް ވެސް ނެރުނު ގާގާ ބުނީ ކިނޭއަކީ އަދިވެސް އޭނާގެ ވަރަށް ގާތް މީހެއް ކަމަށާއި ދެ މީހުންގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ.
"އަދި އާ އަލްބަމްގެ ލަވަތައް އިންސްޕަޔާކޮށްފައި ވާނީ ވެސް އަހަރެމެން ދެ މީހުންގެ ގުޅުމުގެ މައްޗަށް،" ފަސް ވަނަ އަލްބަމާ ބެހޭ ގޮތުން ގާގާ ބުންޏެވެ.