28 ސެޕްޓެމްބަރ 2020 - 12:44

ނަގޯނޯ ކަރަބާޚް (ސެޕްޓެމްބަރު 28) - ބިމުގެ މައްސަލާގަައި ދުނިޔޭގެ އެންމެ ޒަމާންވީ އެއް ހަމަނުޖެހުން އޮންނަ ދެ ގައުމު ކަމަށްވާ އާމީނިއާ އާއި އާޒަރްބައިޖާނުން އާދިއްތަ ދުވަހު ކުރިމަތިލުމަކަށް ގޮސް 23 މީހުން މަރުވެއްޖެ އެވެ.
ދެ ގައުމުން ވެސް ހަމަނުޖެހުމަކަށް ދިޔައީ މައްސަލަ އުފެދިފައިވާ ނަގޯނޯ ކަރަބާޚާ ގުޅޭ ގޮތުންނެވެ. ނަގޯނޯ ކަރަބާޚަކީ އަޒަރްބައިޖާނުގެ ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވީ ނަމަވެސް އެ ތަނުގެ ކޮންޓްރޯލް އޮންނަނީ އާމީނިއާ ދަރިކޮޅު މީހުންގެ އަތުގަ އެވެ. ނަގޯނޯ ކަރަބާޚުގެ ހަމަނުޖެހުންތައް 1990ގެ އަހަރުތަކުގެ ކުރީކޮޅު ހިނގި އިރު އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ. އެ މައްސަލަ ހައްލު ނުވެ އޮންނަތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ދެ ގައުމުގެ ބޯޑަރުގެ ހަމަނުޖެހުންތަކުގައި ޖުލައި މަހު ވަނީ 16 މީހުން މަރުވެފަ އެވެ.
އާޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް އިއްޔެ ވިދާޅުވީ އެ ސަރަހައްދުގެ ކޮންޓްރޯލް އަލުން ހޯދޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ދެ ގައުމުގެ ބޯޑަރާ ގުޅޭ ސަރަހައްދުގައި އާދިއްތަ ދުވަހު ހިންގި ކުރިމަތިލުންތަކުގައި ވަނީ ބަރު ހަތިޔާރު ބޭނުންކޮށްފަ އެވެ. އާޒަރްބައިޖާނުން ވަނީ ނަގޯނޯ ކަރަބާޚުގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށް އިއްޔެ ބުނެފަ އެވެ. ނަމަވެސް އާމީނިއާ އިން ބުނެފައި ވަނީ އާޒަރްބައިޖާން ސިފައިންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަޒަރްބައިޖާން ސިފައިންގެ ދެ ހެލިކޮޕްޓަރާއި ތިން ޑްރޯން ވައްޓާލި ކަމަށް ވެސް އާމީނިއާ އިން ބުނެފައިވެ އެވެ.
ދެ ގައުމުގެ ހަމަނުޖެހުމުގައި ތުރުކީން ތާއީދު ކުރަނީ އަޒަރްބައިޖާނަށެވެ. މިދިޔަ އޮގަސްޓް މަހު އާޒަރްބައިޖާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައި ވަނީ ތުރުކީ ސިފައިންގެ އެހީއާ އެކު ނަގޯނޯ ކަރަބާޚް އަނބުރާ ހޯދާނެ ކަމަށެވެ.