28 ސެޕްޓެމްބަރ 2020 - 11:27

ނިއު ޔޯކް (ސެޕްޓެމްބަރު 28) - އެމެރިކާގެ ރިޔާސީ އިންތިޚާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވި، 2016 ވަނަ އަހަރާއި ވަައިޓް ހައުސްގައި ހޭދަކުރެއްވި ފުރަތަމަ އަހަރު، 2017 ގައި އިންކަމް ޓެކްސްގެ ގޮތުގައި އެމަނިކުފާން ދެއްކެވީ އެންމެ 750 ޑޮލަރު ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނީ އެ ނޫހަށް ވަނީ ޓްރަމްޕާއި އެމަނިކުފާނުގެ ކުންފުނިތަކުގެ 20 އަހަރުގެ ޓެކްސް ރެކޯޑް ލިބިފައިވާ ކަމަށެވެ. ނޫހުން ބުނީ 2016 ވަނަ އަހަރުގެ ކުރިން، ވޭތުވެދިޔަ 15 އަހަރުގެ ތެރޭން 10 އަހަރު ޓްރަމްޕް ޓެކްސް ދައްކަވާފައި ނުވާ ކަަމަށެވެ. ޓެކްސް ނުދައްކާ ސަބަބެއް ކަމަށް ބުނެފައި ވަނީ ވިޔަފާރިން ގެއްލުންވުމެވެ.
ނިއު ޔޯކް ޓައިމްސްގެ ޚަބަރަކީ "ފޭކް ނިއުސް"އެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑު ޓެކްސް ދައްކަން. އެކަން ވަރަށް އަވަހަށް ހާމަވެގެންދާނެ. ޓެކްސްގެ ބަޔާންތައް މިހާރު ދަނީ އޮޑިޓްކުރަމުން،" ނިއު ޔޯކް ޓައިމްސްގެ ރިޕޯޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އައިއާރްއެސް (އިންޓާނަލް ރެވެނިއު ސާވިސް) އިން އަޅުގަނޑާ މެދު ކަންތައް ކޮށްފައި ވަނީ ވަރަށް ގޯސްކޮށް."
ޓްރަމްޕް އޮގަނައިޒޭޝަންގެ ޗީފް ލީގަލް އޮފިސަރު އެލަން ގާޓަން ވިދާޅުވެފައި ވަނީ ނިއު ޔޯކް ޓައިމްސްގައި ހުރި މައުލޫމާތު ރަނގަޅު ނޫން ކަމަށެވެ.
ޓްރަމްޕުގެ ވިޔަފާރި އާއި އާމްދަނީގެ ބަޔާންތައް ހާމަނުކޮށްގެން ގާނޫނީ ގޮތުން ވެސް ވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. ޓްރަމްޕަކީ 1970 ގެ އަހަރުތަކުގެ ފަހުން، ޓެކްސް ބަޔާން އާއްމު ނުކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސް އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު އެމަނިކުފާނަށް 434.9 މިލިއަން ޑޮލަރު ލިބިވަޑައިގަތް ކަމަށެވެ. އެކަމަކު ޓައިމްސް އިން ބުނެފައި ވަނީ އެ އަހަރު ޓްރަމްޕަށް 47.4 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް މާލީ ބަޔާންތަކުން ދައްކާ ކަމަށެވެ.
ނިއު ޔޯކް ޓައިމްސްގެ ރިޕޯޓް ނެރެފައި ވަނީ ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން، ނޮވެމްބަރު 3 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ރިޔާސީ ބަހުސަަށް ވަޑައިގަތުމަށް ތައްޔާރުވެފައި ވަނިކޮށެވެ.