ނަޒާހަތްތެރި ދައުލަތަކަށް އެންމެ މުހިއްމު ވަސީލަތަކީ މައުލޫމާތު ހޯދައި ލިބިގަތުން: ފިޔާޒު
ނަޒާހަތްތެރި ދައުލަތަކަށް އެންމެ މުހިއްމު ވަސީލަތަކީ މައުލޫމާތު ހޯދައި ލިބިގަތުން: ފިޔާޒު

ނަޒާހަތްތެރި ދައުލަތެއް ހަދަން އެންމެ މުހިއްމު ވަސީލަތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުންކުރުން ކަމަށް، އިންފޮމޭޝަން ކޮމިޝަރު ހުސެއިން ފިޔާޒު މޫސާ މިއަދު ވިދާޅުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި، ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޔާޒު ވިދާޅުވީ ފަސާދަ އާއި ކޮރަޕްޝަނަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަތައް ކަމަށެވެ. ރައްޔިތުން އަބަދުވެސް އެދެނީ ސާފުތާހިރު ދައުލަތެއް ކަމަށާއި އެކަމަށް އޮތް އެންމެ މުހިއްމު ވަސީލަތަކީ، ފިޔާޒު ވިދާޅުވި ގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ބޭނުންކުރުމެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި ފާހަގަވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ މުހިއްމުކަން ކަމަށެވެ. މީޑިއާގެ ސުރުހީތަކުން ފެނުނު ރައްޔިތުން ކަންބޮޑުވާ ބައެއް ކަންތައްތަކުން ކަށަވަރުވީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ހާމަކޮށްދިނުމާއި ރައްޔިތުން އެދޭ މައުލޫމާތު ދިނުމުގެ މުހިއްމު ކަން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދާރާތަކުން އަމިއްލަ އިސްނެގުމަށް މައުލޫމާތު ފޯރުކޮށްދޭ ނަމަ ރައްޔިތުން މައުލޫމާތަށް އެދޭ އެދުމުގައި އެ ކުރިމަތިވާ އުނދަގޫތައް ތަހައްމަލުކުރާކަށް ނުޖެހޭނެ އެވެ.

"ގާނޫނުގައި އޮތް ގޮތަށް މައުލޫމާތު ހާމަކޮށް، އަމިއްލަ އިސްނެގުމަށް ރައްޔިތުންނާ ގުޅޭ ކަންކަމަށް، ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގެ މައުލޫމާތު މިހާރަށް ވުރެ ބޮޑަށް ހާމަކުރަމުން ދިއުމަށް ދައުލަތުގެ އިދާރާތަކަށް އަޅުގަނޑު އިލްތިމާސްކުރަން،" ފިޔާޒު ވިދާޅުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ފުރިހަމައަށް ބޭނުންކުރަން ފެށުމުން ރައްޔިތުންގެ ބައިވެރިވުމާ އެކު ކަންކަން ނިންމުމުގައި ފަސޭހަވުމާއި ދައުލަތާ މެދު އިތުބާރު ބޮޑުވެ، ފަސާދަ އާއި ކޮރަޕްޝަން ފަދަ ކަންކަން ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ ދުނިޔޭގައި 16 ވަނަ އަށް އެންމެ ބާރުގަދަ ގާނޫނެވެ. އެކަމަކު އެ ބާރު ރައްޔިތުންނަށް ލިބިގެންދާނީ ސުވާލުކުރާ ރައްޔިތުންތަކެއް އުފެދިގެން ކަމަށް ވިދާޅުވި އެވެ. އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތަކީ ކުޅޭކުޅޭ އެއްޗެކަށް ނުހެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނުގައި އެބަހުރި މައުލޫމާތު ހިފެހެއްޓޭ ހާލަތްތައް ބަޔާންކޮށްފައި. ނަމަވެސް އިސްތިސްނާ ހާލަތްތަކަކީ އިންފޮމޭޝަން އޮފިސަރު ނުވަތަ ދައުލަތުގެ އިދާރާ ހިންގަން ހުންނަ ބޭފުޅަކު ހިތުހުރި ގޮތަކަށް ބޭނުންކުރުމަށް، މާނަކުރުމަށް އޮތް އިހުތިޔާރެއް ކަމަކަށް ނުދެކެން،" ފިޔާޒު ވިދާޅުވި އެވެ.