ދީމާ އަށް ދެން އޮތީ ކޮން ޗެލެންޖެއް؟
ދީމާ އަށް ދެން އޮތީ ކޮން ޗެލެންޖެއް؟

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔައިރު ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އޮތީ ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ. އެއީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައިގެންނެވެ.

ދީމާ އަށް ދެން އޮތީ ކޮން ޗެލެންޖެއް؟
ދީމާ އަށް ދެން އޮތީ ކޮން ޗެލެންޖެއް؟

އެކަމަކު ދީމާގެ މަންމަ އާއި ބައްޕަ އޭރު ނިންމީ ވޯލްޑް ހޯޕްސްގެ ބަދަލުގައި އައިއޯއައިޖީގައި ކުޅުވާށެވެ. ގައުމަށްޓަކަ އެވެ. ނަތީޖާ ފޮންޏެވެ. ދީމާ އެ ގޭމްސް އިން ރާއްޖެ އަށް ތިން ރަން މެޑަލް ހޯދައިދިނެވެ. އެކަމަކު ވޯލްޑް ހޯޕްސް މުބާރާތުގެ ތެރެއިން ލާފައި، ޔޫތު އޮލިމްޕިކްސްއާ ހަމަޔަށް ދެވެން އޮތް މަގެއް އެ ވަގުތަށް ބަންދުވުމުގެ މާޔޫސްކަން ވެސް އޮންނާނެ އެވެ.

އެހެންވެ ސްޕޯޓްސް މިނިސްޓްރީ އާއި ޓީޓީ އެސޯސިއޭޝަނުން، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އާ ވާހަކަދައްކައިގެން ދީމާ އަށް ދެން އޮންނަ ވޯލްޑް ހޯޕްސް މުބާރާތުން ފުރުސަތު ހޯދައިދިނެވެ. އެ ފުރުސަތު ލިބުނީ ދީމާގެ ކުޅުމާ މެދު ކޯޗުން ވެސް ރުހުން ދިނުމުންނެވެ.

ވޯލްޑް ހޯޕްސްގެ ކުރިން ބާއްވާ ތަމްރީން ޕްރޮގްރާމް ޗައިނާގައި ފުރިހަމަކޮށް ދީމާ މިހާރު އިންތިޒާރުގައި އެ ހުރީ އަންނަ އަހަރު އޮންނަ ވޯލްޑް ހޯޕްސް އަށެވެ. އެ މުބާރާތުން ގަދަ ހަ ކުޅުންތެރިން ތެރޭ ހިމެނިއްޖެ ނަމަ ވޯލްޑް ކެޑޭޓް މުބާރާތަށް ކޮލިފައިވާނެ އެވެ. އަދި ދެން އޮންނަ ހަރުފަތެއްގައި ވޯލްޑް ޖޫނިއާ މުބާރާތަށް ކޮލިފައިވެ އޭގެ ފަހުން ޔޫތު އޮލިމްޕިކްސްއާ ހަމަޔަށް ދެވޭނެ އެވެ.

އޮލިމްޕިކްސްގައި ވާދަކުރާނެ ކުޅުންތެރިން އުފައްދަން އައިޓީޓީއެފް އިން ކުރިއަށްގެންދާ އެ ޕްރޮގާމުގައި އުމުރުން 13 އަހަރުގެ ދީމާ ހިމެނިފައިވުމަކީ، ރާއްޖޭގެ ޓީޓީގެ ކުރިމަގުން އުޖާލާކަމުގެ ހެއްކެކެވެ.

ކޮވިޑުގެ ލޮކްޑައުންގައި މާލޭގައި ތާށިވުމަށް ފަހު އިއްޔެ ދީމާ ވަނީ އެނބުރި ސްރީ ލަންކާ އަށް ގޮސްފަ އެވެ. ވޯލްޑް ހޯޕްސްއާ ހަމަޔަށް އޭނާ ތަމްރީން ހަދާނީ އެތަނުގަ އެވެ. އުފަންވީއްސުރެ ދިރިއުޅެމުން އައި އަދި ޓީޓީގެ ފުރުސަތު ހޯދި ލަންކާ އިން މިހާރު އޭނާ އަށް ދޮރުބަންދުވެފައިވީ ނަމަވެސް ދިވެހި ސަރުކާރާއި މައިންބަފައިންގެ އެހީގައި ވަގުތީ ދޮރުތަކެއް ވަނީ ހުޅުވައިފަ އެވެ.

ބައިނަލްއަގްވާމީ ޓީޓީގައި ލަންކާ ތަމްސީލްކުރަން ދިން ފުރުސަތުގެ ބޭނުން ނުހިފުމުން ލަންކާ އެސޯސިއޭޝަނުގެ ހިތްހަމަނުޖެހުން އޭނާ އަށް އޮތެވެ. އަދި އެކުގައި ކުޅެންދާ ކުޅުންތެރިންނާ މެދު އެސޯސިއޭޝަނުން ހިތްހަމަނުޖެހޭތީ ދީމާ އަށް ރަނގަޅު ޑަބަލްސް ޕާޓްނަރެއް ވެސް ލިބޭ ގޮތެއް ނެތެވެ. ކުޅޭނެ ކޯޓެއް ވެސް ލިބޭނެ ގޮތެއް ނެތެވެ.

އެ ވާހަކަ ސްޕޯޓްސް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ އެކު މިނިސްޓްރީން ވަނީ ލަންކާ އެމްބަސީގެ ދަށުގައި ހުންނަ ސޯސަން ވިލާގައި ދީމާ އަށް ޓީޓީ ކުޅޭނެ ވަސީލަތް ދުވަހުން ދުވަހަށް ގާއިމްކޮށްދީފަ އެވެ. އެތަނުގައި ފިޓްނަސް ތަމްރީން ހެދޭނެ ފުރުސަތު ވެސް ވަނީ ހަމަޖެހިފަ އެވެ.

"މިނިސްޓަރު މަހުލޫފު ވަރަށް ރަނގަޅޭ ދީމާގެ ކަންތައްތަކުގައި،" ދީމާގެ ބައްޕަ އަބްދުއްސައްތާރު އަލީ ބުންޏެވެ.

ލޮކްޑައުނުގެ ކުރިން ދީމާގެ މައިންބަފައިންގެ ހަރަދުގައި ތައިލެންޑުން ޕްރައިވެޓް ކޯޗެއް ގެނެސްގެން ތަމްރީން ދިނެވެ. މިވަގުތު ލަންކާ ކޯޗެއްގެ އެހީގައި ތަމްރީން ހެދި ނަމަވެސް އަލުން ތައިލެންޑް ކޯޗު ގެންނަން ދީމާގެ މައިންބަފައިން ވަނީ ނިންމަިފަ އެވެ.

ޓީޓީ އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ޓްރެއިނިން ސްކޮލަޝިޕެއްގެ ދަށުން ދީމާ އެހެން ގައުމަކަށް ފޮނުވަން މިނިސްޓްރީން ނިންމާފައިވާ ކަމަށާއި އެކަން ވަރަށް އަވަހަށް ހަމަޖެހިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ތައިލެންޑް ފަދަ ޓީޓީގެ ފެންވަރު ރަނގަޅު ގައުމަކަށް ބަދަލުވާން މިނިސްޓަރު އެދުނީ. ކިޔެވުމާ އެކު ތަމްރީން ގެންދެވޭނެ ގޮތަކަށް ރާވަމުން އަންނަނީ،" އައްޔަ ވިދާޅުވި އެވެ.

އެ ހުރިހާ ޕްލޭންތަކާ އެކު ދީމާގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށެވެ. އެކަމަކު މިހާރު އޭނާގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ޗެލެންޖަކީ އަންނަ އަހަރުގެ ވޯލްޑް ހޯޕްސް އެވެ. އެ މުބާރާތުގެ ތެރެއިން ދީމާ އަށް ކުރިއަރައި ގޮސް ދުނިޔޭގެ އުހަށް ދިއުމުގެ ފުރުސަތު އެވަނީ ހުޅުވިފަ އެވެ.