އަކްޝޭ ކުމާރު ޗުއްޓީ ހޭދަކުރަނީ ރާއްޖެއަކު ނޫން
އަކްޝޭ ކުމާރު ޗުއްޓީ ހޭދަކުރަނީ ރާއްޖެއަކު ނޫން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އާއިލާ އާއެކު ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވިޔަސް އޭނާ މިފަހަރު ޗުއްޓީ ހޭދަކުރަން ގޮސްފައިވަނީ ދެކުނު އެފްރިކާއަށެވެ.

އަކްޝޭ ކޮށްފައިވާ ޓުވީޓެއްގައި އޭނާ ހުރީ ކޭޕް ޓައުންގައިކަން ޔަގީންކޮށްދީފައިވެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން މިއަދު ބުނެފައިވަނީ އަކްޝޭ ދެ ތަނަކަށް ޗުއްޓީއަށް ދާ ޚަބަރުތައް ފެތުރިފައިވާތީ އޭނާ ދިވެހިރާއްޖެއަށް ދާ ކަމަށް ބައެއް ނޫސްވެރިންނަށް ލަފާ ކުރެވިގެން އެ ޚަބަރު އެ ގޮތަށް ލިޔުނީ ކަމަށެވެ. ނަމަވެސް އޭނާ ހުރީ ކޭޕްޓައުންގައި ކަން މިހާރު ޔަގީންކުރެވިފައިވާ ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެފައިވެ އެވެ.

އަކްޝޭ ޗުއްޓީއަށް ފުރާފައި ވަނީ އޭނާގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ "ނާމް ޝަބާނާ" ކިޔާ ފިލްމެއްގެ ޝޫޓީންގަށް އެ ފިލްމުގެ ބަތަލާ ތަޕާސީ ޕަންނޫ އާއެކު މެލޭޝިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އެނބުރި މުމްބައި އަށް ދިއުމަށްފަހުގަ އެވެ.

މިއަހަރު ތެރޭގައި އަކްޝޭ އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ އާއި ދެ ދަރިންނާއެކު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި އެވެ.