28 ސެޕްޓެމްބަރ 2020 - 00:08

މެންޗެސްޓާ (ސެޕްޓެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޖޭމީ ވާޑީގެ ހެޓްރިކާ އެކު ލެސްޓާ ސިޓީން ރަށުން ބޭރުގައި 5-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ އިރުޝާދުދިން ޓީމެއް ކޮޅަށް ލީގު މެޗެއްގައި ފަސް ގޯލު ވަން ފުރަތަމަ ފަހަރެވެ. ސިޓީ ކޯޗުކަމާ ގާޑިއޯލާ ހަވާލުވިފަހުން އެ ޓީމު ކޮޅަށް ހެދީ ތިން ހެޓްރިކް އެވެ. އޭގެ ތެރެއިން އެއް ހެޓްރިކް ހެދީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެވެ. އަނެއް ދެ ހެޓްރިކް ހެދީ އުމުރުން 33 އަހަރުގެ ވާޑީ އެވެ. މިރޭގެ ހެޓްރިކާ އެކު ވާޑީ ވެފައިވަނީ 2003 ވަނަ އަހަރު ޓެޑީ ޝެރިންހަމް ހެދި ހެޓްރިކަށް ފަހު ޕްރިމިއާ ލީގުގައި އެއް މެޗެއްގައި ތިން ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.
މި މޮޅާ އެކު ލެސްޓާ ވަނީ ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވަނީ ލެސްޓާ އާއި އެވަޓަން އެވެ. ދެ ޓީމަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ކުރިން ލެސްޓާ އަށް ކުޅުނު ރިޔާދު މާރޭޒް އެވެ. އޭރިއާގެ އަރިމަތިން މާރޭޒްގެ ކަނާތު ފައިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ލެސްޓާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 37 ވަނަ މިނިޓްގަ އެވެ. ވާޑީ އަށް ސިޓީގެ ކައިލް ވޯކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ވާޑީ ވަނީ ކާމިޔާބުކޮށްފަ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅުގައި ސިޓީން ވަނީ ފެނާންޑީނިއޯ ބޭލުމަށް ފަހު 17 އަހަރުގެ ފޯވާޑް ލިއަމް ޑެލަޕް ކުޅެން އަރުވައިފަ އެވެ. ސިޓީގެ ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބިއިރު އޭގެ ތެރޭގައި ކުރިއަށް ކުޅޭ ސާޖިއޯ އަގުއޭރޯ އާއި ގަބްރިއެލް ޖީސޫސް ވެސް ހިމެނެ އެވެ.
ލެސްޓާ ލީޑުނެގި ގޯލު މެޗުގެ 54 ވަނަ މިނިޓްގައި ވާޑީ ޖެހީ އެ ޓީމުގެ ފުލްބެކް ޓިމޮތީ ކަސްޓާނިއޭ ދިން ބޯޅައަކުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ވާޑީ އަށް ސިޓީގެ އެެރިކް ގާސިއާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ވާޑީ ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ލެސްޓާގެ ހަތަރު ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭމްސް މެޑިސަން އެވެ. އޭރިއާ ބޭރުން މެޑިސަން ޖެހި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އަތްމަތިން ގޮސް އަމާޒުވީ މަތީ ކަަނަށެވެ.
މި ސީޒަނުގައި 40 މިލިއަން ޕައުންޑަށް ސިޓީން ގެނައި ނޭތަން އަކޭ އެ ޓީމަށް ދެ ވަނަ ލަނޑެއް ޖަހައިދީފައިވަނިކޮށް ލެސްޓާ އަށް މި މެޗުގައި ލިބުނު ތިން ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ޔޫރީ ޓީލަމެންސް ވަނީ އެ ޓީމަށް ފަސް ވަނަ ލަނޑެއް ޖަހައިދީފަ އެވެ. މި ޕެނަލްޓީ އަކީ ސިޓީގެ ބެންޖަމިން މެންޑީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް ރޭ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ 1-1 އިން އެެއްވަރުވެފަ އެވެ. ފުރަތަމަ ހާފުގައި ހެރީ ކޭން ދިން ބޯޅައަކުން ލޫކަސް މޯރާ ޓޮޓެންހަމަށް ލީޑުނަގައިދީފައިވަނިކޮށް މެޗުގެ ފަހު ވަގުތު ނިއުކާސަލް އެއްވަރުކުރި ލަނޑު ޖެހީ ޕެނަލްޓީ އަކުން ކަލުމް ވިލްސަން އެވެ. މިއީ ނިއުކާސަލްގެ އެންޑީ ކެރޯލް ޖެހި ބޯޅައެއް ޓޮޓެންހަމްގެ އެރިކް ޑަޔާ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.