27 ސެޕްޓެމްބަރ 2020 - 23:01

ހުޅުމާލޭގައި ސައިކަލެއް، ޓްރަކް ދަށުވެ ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ. ނަމަވެސް ސައިކަލުގައި އިން ދެ މީހުންނަށް ވެސް މާ ބޮޑު އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ.
ރެޑްވޭވް މެގަމޯލް ކުރިމަތީގައި އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ ޓްރަކާއި ސައިކަލު ވެސް ދިޔައީ ދެ ވަނަ ފިޔަވައްސާ ދިމާލަށް ކަމަށެވެ. ޓްރަކް ކައިރިން އޯވަޓޭކް ކުރިއިރު އޭގެ ކަނާތު ފަޅީގައި ޖެހި ސައިކަލު ދިޔައީ ޓްރަކް ދަށަށެވެ.
ލަފާކުރެވެނީ ޓްރަކްގައި ޖެހުނު ގަޑީގައި، ސައިކަލުގައި އިން ދެ ފިރިހެނުން ފުންމާލީ ކަމަށެވެ.
"(ޓްރަކް) ދަށަށް ވަދެފައި ސައިކަލު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި،" އޭނާ ބުންޏެވެ.
ސައިކަލުގައި ޖެހުނުއިރު ވަރަށް ބާރު އަޑެއް އިވުނު ކަމަށާއި ނަމަވެސް ޓްރަކް ދުއްވަން އިން ބިދޭސީ މީހާ އުޅުނީ ވެހިކަލް މަޑުނުކޮށް ދާންވެގެން ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
"އެ މީހުން ކަނާތު ފަޅިއަށް ވެއްޓުނީ. ވާތު ފަޅިއަށް ވެއްޓުނު ނަމަ މީހާ އަށް ވަރަށް ބޮޑަށް އަނިޔާއެއް ވާނެހެން ހީވަނީ. އެކަމަކު އޭނާ ދިޔައީ އަނެއް ފަޅިއަށް."
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓްރަކަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ހަވީރު 6:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގިއިރު ޓްރަކް ދުއްވަން އިނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ސައިކަލު ދުއްވީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ސައިކަލުގައި ދިޔަ މީހާ އަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓް ހިނގިއިރު އުޅަނދު ދުއްވަން އިން ދެ މީހުން އަތުގައި ލައިސަންސެއް ނެތް. މި އެކްސިޑެންޓުގައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.