29 އޮކްޓޯބަރ 2016 - 12:05

މެންޗެސްޓާ (އޮކްޓޯބަރު 29) - މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީ އެ ކްލަބް ދޫކޮށްލަން ނޫޅޭ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޔުނައިޓެޑުން ވަނީ ރޫނީ އަށް އިތުރު ފުރުސަތެއް ނެތް ކަމަށާއި ކްލަބް ދޫކޮށްލަން އަންގާފަ އެވެ. މީގެ އިތުރުން އޭނާގެ ކުރީގެ ކްލަބް އެވަޓަން އިން ވެސް ރޫނީ ގެންދަން މަސައްކަތްކުރާ ކަމަށް ވާހަކަދެކެވެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ވެޓްފޯޑް އަތުން 3-1 އިން ޔުނައިޓެޑް ބަލިވި މެޗުގެ ފަހުން ރޫނީ އަށް ޕްރިމިއާ ލީގުގެ މެޗެއްގެ ފުރަތަމަ 11 އިން ފުރުސަތެއް ނުލިބެ އެވެ. އޭނާ އަށް ފުރުސަތު ނުދޭން ކްލަބުގެ ސަޕޯޓަރުން ވެސް އަންނަނީ ގޮވާލަމުންނެވެ.
"އެއްވެސް މައްސަލައެއް ނެތް ރޫނީއާ މެދު. އެކަމަކު ނޫސްވެރިން ނޫސް ވިއްކަން ވާހަކަތަކެއް ބޭނުންވޭތާ،" އެއީ ނޫސްވެރިން ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް އިޝާރާތްކޮށް މޮރީނިއޯ ބުންޏެވެ. "ރޫނީ އަކީ މި ކްލަބުގެ މުހިއްމު ކުޅުންތެރިޔެއް. އޭނާ ނޫޅޭ އެއްވެސް ދިމާލަކަށް ދާން. އަހަރެމެން ވެސް އޭނާ ބޭނުންވޭ އަދި އޭނާ ވެސް ބޭނުންވޭ ކްލަބުގައި މަޑުކުރަން."
ލީގުގައި ޗެލްސީ އަތުން 4-0 އިން ބަލިވި މެޗާއި ލީގު ކަޕުގައި މެންޗެސްޓާ ސިޓީ އަތުން 1-0 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ރޫނީ އަށް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. އެކަމަކު މިހާރު ވަނީ ފިޓްވެފަ އެވެ.
ރޫނީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ 249 ލަނޑު ޖަހައިގެން ބޮބީ ޗާލްޓަން ހަދާފައިވާ ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް މުގުރާލުމެވެ. އެކަމަށް އޭނާ އަށް މަދުވަނީ އެންމެ ހަތަރު ލަނޑެވެ. އޭނާ އަށް މި ސީޒަނުގައި ޖެހިފައިވަނީ އެންމެ ގޯލެކެވެ.
ރޫނީގެ އަމިއްލަ ދިރިއުޅުމުގެ ބައެއް މައްސަލަތަކާ ގުޅިގެން އިނގިރޭސި މީޑިއާތަކުން ކުރި ޕްރެޝަރަށް ކެތްނުވެގެން އޭނާ ކުރިން ވެސް ޔުނައިޓެޑް ދޫކޮށްލަން ނިންމި އެވެ. އެކަމަކު ފަހު ވަގުތު އޭނާ ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.