27 ސެޕްޓެމްބަރ 2020 - 14:43

ބެއިޖިން (ސެޕްޓެމްބަރު 27) - ޗައިނާގައި އުފެއްދި ކޮވިޑް-19 ގެ ވެކްސިން އެތައް ހާސް ބަޔަކަށް ދޭން ފަށައިފި އެވެ.
ފުރަތަމަ ދޭން ފެށީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށެވެ. އޭގެ ފަހުން ސަރުކާރުގެ އޮފިޝަލުންނާއި ވެކްސިން ކުންފުނިތަކުގެ ސްޓާފުންނަށެވެ. ވެކްސިން ދޭން، ދެން ހަމަޖެހިފައި ވަނީ ޓީޗަރުންނާއި ސުޕަމާކެޓްތަކުގެ މުވައްޒަފުންނާއި ބަލީގެ ނުރައްކާ އޮތް ގައުމުތަކަށް ދަތުރުކުރާ މީހުންނަށެވެ.
ކޮރޯނާވައިރަހަށް އިތުބާރު ލިބިފައިވާ ވެކްސިނެއް އަދި މިހާތަނަށް އެއްވެސް ގައުމަކުން އުފައްދާފައި ނުވި ނަމަވެސް ޗައިނާ އިން ގެންދަނީ އެތައް ހާސް ބަޔަކަށް ވެކްސިން ދެމުންނެވެ. ޗައިނާ އިން މިހާރު ދަނީ ތިން ވެކްސިނެއް ޓެސްޓް ކުރަމުންނެވެ. ޗައިނާ އިން މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށެވެ. ބޭނުމަކީ ވެކްސިންގެ ޔަގީންކަން ކަށަވަރު ކުރުމެވެ.
ޗައިނާ އިން މިހާރު ދެނީ ސްޓޭޖް ތިނެއްގައި އުޅޭ ވެކްސިނެވެ. ވެކްސިން ދޭ މީހުން ގެންދަނީ ވަރަށް ގާތުން މޮނިޓާ ކުރަމުންނެވެ.
ޗައިނާއެކޭ އެއްގޮތަށް އެމެރިކާ އާއި ރަޝިޔާގައި ވެސް ވެކްސިންގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ވެކްސިން އަވަސް ކުރުމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ. ރަޝިޔާގައި ވަނީ ޓްރަޔަލްތައް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ދޭން ފަށައިފަ އެވެ.
ޗައިނާގައި ވެކްސިން ދިނީ ކިތައް މީހުންނަށް ކަމެއް ނޭނގެ އެވެ. ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސިނޯފާމް އިން ބުނެފައި ވަނީ އެތައް ހާސް ބަޔަކަށް ވެކްސިން ދީފައިވާ ކަމަށެވެ. ބެއިޖިންގެ ކުންފުންޏެއް ކަމަށްވާ ސިނޮވެކް އިން ބުނެފައި ވަނީ 10،000 މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނީގެ ގާތްގަނޑަކަށް 3،000 ސްޓާފުންނަށް ވެސް ވަނީ ވެކްސިން ދީފަ އެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ އޮފިޝަލެއް ކަމަށްވާ ޒެންގް ޒޮންގްވެއި ވިދާޅުވީ ވެކްސިން ބޭނުން ކުރުމުގެ އިމަޖެންސީ ޕްރޮގްރާމަށް ޗައިނާގެ ކެބިނެޓުން ހުއްދަ ދިނުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ އެކު "އެއް ވިސްނުމަކަށް އާދެވިފައިވާ" ކަމަށެވެ. ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވިދާޅުވީ ޗައިނާ އިން ވެކްސިން ދެނީ "ޑޮމެސްޓިކް އިމަޖެންސީ"ގެ ދަށުން ކަމަށާއި އެއީ ޑަބްލިއުއެޗްއޯގެ ހުއްދައިގެ ދަށުން ވެކްސިން ބޭނުން ކުރުން ނޫން ކަމަށެވެ.
ޗައިނާ ސަރުކާރުގެ ސީނިއާ އޮފިޝަލަކު މި މަހު ވިދާޅުވެފައި ވަނީ އެ ގައުމުގެ ވެކްސިން އާއްމުންނާ ހަމައަށް ނޮވެމްބަރު މަހު ކުރީކޮޅު ލިބޭނެ ކަމަށެވެ.