ސަބާ ސްޓޭޓުގެ ވޯޓު ކާމިޔާބުކޮށް މެލޭޝިއާގެ ބޮޑުވަޒީރަށް ހިތްހަމަ ޖެހުމެއް
ސަބާ ސްޓޭޓުގެ ވޯޓު ކާމިޔާބުކޮށް މެލޭޝިއާގެ ބޮޑުވަޒީރަށް ހިތްހަމަ ޖެހުމެއް

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 27) - މެލޭޝިއާގެ ސަބާ ސްޓޭޓުގައި އިއްޔެ ބޭއްވި ސްޓޭޓް އިންތިޚާބުގައި ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ޕާޓީ އަށް ލިބުނު ކާމިޔާބީއާ އެކު ބޮޑުވަޒީރުގެ މަގާމު ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ސިޔާސީ ތަޖްރިބާކާރުން ބުނަނީ އިރުމަތީގެ ސަބާ ސްޓޭޓުގެ ވޯޓު ބޮޑުވަޒީރަށް ކާމިޔާބު ނުވި ނަމަ ކޯލިޝަން ސަރުކާރު ދަމަހައްޓަން ދަތިވާނެ ކަމަށެވެ.

ސަބާ ސްޓޭޓުގައި އިންތިޚާބު ބާއްވާފައި ވަނީ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް އިސްވެ ހުންނަވައިގެން މުހްޔިއްދީންގެ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާފައިވާ ދުވަސްވަރެއްގަ އެވެ. އަންވަރު ވިދާޅުވެފައި ވަނީ މިދިޔަ މާޗް މަހު ވެރިކަމަށް އައި މުހްޔިއްދީންގެ ސަރުކާރު ބަދަލު ކުރެވޭ ވަރަށް ޕާލަމެންޓުގެ ތާއީދު އޭނާ އަށް ލިބިފައިވާ ކަމަށެވެ.

ސިޔާސީ މައްސަލަގަނޑެއްގެ ތެރެއަށް މެލޭޝިއާ ވެއްޓިފައި ވަނީ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހު، މަހާތިރު މުހައްމަދު އިސްކޮށް ހުންނަވައިގެން، އިންތިޚާބު ކުރި ސަރުކާރު މިދިޔަ ފެބްރުއަރީ މަހު ވެއްޓުމާ ގުޅިގެންނެވެ. މުހްޔިއްދީނަށް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުނީ ޕާލަމެންޓުގެ ހަނި އަޣުލަބިއްޔަތުންނެވެ.

ސަބާ ސްޓޭޓުގެ ވޯޓުގައި ސަރުކާރު ހިމެނޭ ކޯލިޝަނުން ވަނީ 73 ގޮނޑީގެ ތެރޭން 38 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކަށް ލިބުނީ 32 ގޮނޑި އެވެ. ބާކީ ގޮނޑިތައް ކާމިޔާބުކުރީ މިނިވަން ކެންޑިޑޭޓުންނެވެ.

ސަބާ ސްޓޭޓުގެ ވޯޓުން މައި ސަރުކާރަށް ސީދާ އަސަރެއް ނުކުރި ނަމަވެސް، އެއީ މުހްޔިއްދީންގެ މަގްބޫލްކަން ޓެސްޓްކުރަން ލިބުނު ފުރުސަތެކެވެ. ސަބާ ސްޓޭޓުގެ ވޯޓުން މުހްޔިއްދީނަށް ނާކާމިޔާބު ލިބުނު ނަމަ، ކޯލިޝަން ޕާޓްނަރުން ސަރުކާރާ ވަކިވުމަކީ އެކަށީގެންވާ ކަމެކެވެ.

އަންވަރު އިބްރާހިމަށް ތާއީދު ކުރަނީ ޕާލަމެންޓުގެ ކިތައް މެންބަރުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. މެލޭޝިއާގެ ރަސްގެފާނާ ބައްދަލު ކުރެއްވުމަށް އަންވަރު ވަނީ އެދިވަޑައިގެންފަ އެވެ. އެ ބައްދަލުވުން ނުބޭއްވި ލަސްވެފައި ވަނީ ރަސްގެފާން އާލާސްކަންފުޅާ އުޅުއްވާތީ އެވެ. މެލޭޝިއާގައި ބޮޑު ވަޒީރު އައްޔަންކުރަން ފުރުސަތު ދޭ ފަރާތަކީ ރަސްގެފާނެވެ.