27 ސެޕްޓެމްބަރ 2020 - 11:31

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި 100 އިން ދަށުގައި ހުންނަތާ އިއްޔެގެ ނިޔަލަށް 10 ދުވަސް ވެފައި ވާއިރު ނަގާ ސާމްޕަލްތަކުގެ ނިސްބަތުން ޕޮޒިޓިވް ރޭޓް މި މުއްދަތުގައި ފަސް ޕަސެންޓަށް ވުރެ ދަށްވެފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
އިއްޔެ އަކީ މިދިޔަ އޯގަސްޓް މަހުން ފެށިގެން، 24 ގަޑިއިރެއްގެ ތެރޭ އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެގެ ހަވީރު 6:00 އާ ހަމައަށް ހިނގި 24 ގަޑިއިރު ތެރޭގައި 1،264 ސާމްޕަލެއް ޕްރޮސެސްކުރި އިރު ކޮވިޑަށް ޕޮޒިޓިވް ވީ 31 މީހުންނެވެ. ޓެސްޓުކުރި އަދަދާއި ޕޮޒިޓިވްވި އަދަދަށް ބަލާއިރު ޕޮޒިޓިވްވި ޕަސެންޓޭޖަކީ 2.45 އެވެ.
މިއީ ޕޮޒިޓިވްވާ ނިސްބަތަށް ބަލާ ނަމަ ބޮޑު ދަށްވުމެއް ނަމަވެސް އާންމުކޮށް މި ނިސްބަތް ރާއްޖޭގައި އަދި ހުންނަނީ ހަ ޕަސެންޓުގަ އެވެ.
އެޗްޕީއޭ އިން ކޮންމެ ރެޔަކު ހާމަކުރާ އަދަދުތަކުގައި، އެހެން ދުވަސްތަކުގެ ސާމްޕަލްތަކުގެ ނަތީޖާ ވެސް ހިމަނާފައި ހުންނާތީ ދުވަހުގެ ސާފު އަދަދު ފެންނަނީ ދެ ދުވަހެއް ފަހުން، ނަތީޖާތައް އެއްކޮށް ލިބުމުންނެވެ. މި އަދަދުތައް ހިމަނައިގެން ބަލާއިރު، ޕޮޒިޓިވްވާ އަދަދު 100 އިން ދަށުގައި ހުންނަތާ 10 ދުވަސް ވީ މިދިޔަ ހުކުރު ދުވަހަށެވެ. އެ 10 ދުވަހަށް ބަލާއިރު 656 މީހަކު ޕޮޒިޓިވް ވި އެވެ. އެހެންވެ ކޮންމެ ދުވަހަކަށް އެއީ އެވްރެޖްކޮށް 65.6 އެވެ.
މި 10 ދުވަހު 13،537 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވެ އެވެ. އެއީ އެވްރެޖްކޮށް ބަލާ ނަމަ ދުވާލަކަށް 1،353.7 ސާމްޕަލެވެ. އެހެންވެ މި 10 ދުވަސް ތެރޭ ޕޮޒިޓިވްވި ނިސްބަތަކީ 4.84 ޕަސެންޓެވެ.
އެޗްޕީއޭ އިން ހާމަކުރާ ކޮންމެ 24 ގަޑިއިރެއްގެ ހިސާބުތަކަށް ބަލާއިރު، ކޭސްތައް 100 އިން ދަށުގައި ހުރި 10 ދުވަހު ޕޮޒިޓިވްވި ރޭޓް އެންމެ މައްޗަށް ވެސް އަރާފައިވަނީ މި މަހުގެ 20 ގަ އެވެ. އެ ދުވަހުގެ ރޭޓަކީ 6.23 އެވެ. ޖެހިގެން އައި ދުވަހުގެ ރޭޓަކީ 3.35 އެވެ.
މި ދަށްވުން އައިސްފައި މި ވަނީ މިދިޔަ މަހު، ކޮވިޑަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ރޭޓް 15.54 ޕަސެންޓަށް ވެސް އެރުމަށް ފަހު އެވެ.
އަލަށް ބަލި ޖެހޭ މީހުންގެ އަދަދާއި ފްލޫ ކްލިނިކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް ކޭސްއަކާ ގުޅުމެއް އޮތްކަން ނޭނގި ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް މިދިޔަ ހަފުތާތަކުގައި ވަނީ ކުޑަކޮށް ދަށްވެފަ އެވެ. މި ނަންބަރުތަކުގެ ތެރެއިން ވެސް އެންމެ މުހިންމީ ޕޮޒިޓިވް ކޭސްއަކާ ގުޅުން އޮތްކަން ނޭނގޭ ކޭސްތަކުގެ އަދަދު ކަމަށް ވާއިރު އެންމެ ފަހުން ހާމަކޮށްފައިވާ، މި މަހުގެ 15އާ ހަމައަށް ހުރި މައުލޫމާތުން ދައްކާ ގޮތުން މިފަދަ 32 ކޭސް ކޮންމެ ހަފުތާއަކު ފެނެ އެވެ. ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި ބަލި ފެތުރުން މަޑުޖެހޭ ކަމަށް ބުނެވޭނީ މި އަދަދު 20އާ ހަމައަށް ދަށްކުރެވިގެންނެވެ. މި އަދަދާ ގުޅޭ އެންމެ ފަހުގެ ހިސާބުތައް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެ އެވެ.
އަދަދުތައް ދަށްވެފައި ހުއްޓަސް ކޮވިޑާ ދެކޮޅަށް އަޅަން އިރުޝާދު ދީފައިވާ ފިޔަވަޅުތައް ދޫކޮށް ނުލުމަށާއި ބަލީގެ ނުރައްކާ އަދިވެސް ބޮޑުކަން ގަބޫލުކޮށް ރައްކާތެރިވެ ތިބެން އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ރާއްޖޭން ކޮވިޑް-19 ފެނުނުތާ 200 ދުވަސް ވެއްޖެ އެވެ. އިއްޔެ އިރު އޮއްސި 6:00 އާ ހަމައަށް އެ ބައްޔަށް 10،045 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 8،756 މީހަކު ރަނގަޅު ވެއްޖެ އެވެ. މާނަ އަކީ، ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 87.17 ޕަސެންޓް މީހުން ރަނގަޅުވެފައިވެ އެވެ. މަރުވީ ބަލި ޖެހުނު މީހުންގެ ތެރެއިން 0.34 ޕަސެންޓް މީހުންނެވެ. އެއީ 34 މީހުންނެވެ. އެހެންވެ އިއްޔެގެ ނިޔަލަށް ތިބި މި ބަލީގެ މީހުންގެ އަދަދަކީ 1،248 އެވެ.