ރާމޮސްގެ ޕެނަލްޓީން ރެއާލް މޮޅުވެއްޖެ
ރާމޮސްގެ ޕެނަލްޓީން ރެއާލް މޮޅުވެއްޖެ

މެޑްރިޑް (ސެޕްޓެމްބަރު 27) - ސްޕެނިޝް ލީގުގައި ރޭ ސާޖިއޯ ރާމޮސް ވައްދާލި ޕެނަލްޓީން 3-2 އިން ރެއާލް ބެޓިސް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ފުރަތަމަ މެޗުން ރެއާލް ސޮސިއެޑާޑާ އެއްވަރުވުމުން ރޭގެ މެޗަށް ރެއާލުން ނުކުތީ ސީޒަންގެ ފުރަތަމަ މޮޅު ހޯދާށެވެ. އެ ގޮތުން ފުރަތަމަ ލީޑުނެގީ ވެސް ރެއާލުންނެވެ. އެ ޓީމަށް ލީޑުނަގައިދިން ގޯލު ޖެހީ މެޗުގެ 14 ވަނަ މިނިޓްގައި އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވޭޑޭ އެވެ.

ބެޓިސް އިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން މިނިޓްގެ ތެރޭގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ބެޓިސް އަށް އެއްވަރުކޮށްދިނީ އަލްޖީރިއާގެ ޑިފެންޑަރު އައީސާ މަންޑީ އެވެ. އޭގެ ދެ މިނިޓް ފަހުން ބެޓިސް އަށް ލީޑުނަގައިދިނީ ޕޯޗުގީސް މިޑްފީލްޑަރު ވިލިއަމް ކަވާލިއޯ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ ރެއާލުން ނަތީޖާ ހަމަހަމަކުރިއިިރު މި ގޯލަކީ ބެޓިސްގެ އެމަސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބެޓިސް އަށް މައްސަލަ ދިމާވީ މެޗުގެ 67 ވަނަ މިނިޓްގައި އެމަސަން އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އެމަސަން އަށް ރަތް ކާޑު ދެއްކީ ލޫކަ ޔޯވިޗަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެމަސަން އަށް ރަތް ކާޑު ދައްކަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

ރާމޮސް ރެއާލް މޮޅުވި ގޯލު ޖެހީ މެޗުގެ 82 ވަނަ މިނިޓްގަ އެވެ. މި ޕެނަލްޓީ އަކީ ބެޓިސްގެ ޑިފެންޑަރު މާކް ބާޓްރާ އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ވެސް ދިނީ ވީއޭއާރް އިން ބެލުމަށް ފަހު އެވެ. ޕެނަންކާ ޕެނަލްޓީއެއް ރާމޮސް ކާމިޔާބުކުރިއިރު، މިއީ ޖެހިގެން ލަލީގާގައި އޭނާ ލަނޑު ޖެހި 17 ވަނަ ސީޒަނެވެ. އޭނާ އަކީ ޖެހިޖެހިގެން ލަލީގާގެ 17 ސީޒަނުގައި ލަނޑު ޖެހީ ތިން ވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ އިތުރުން ދެން އެކަން ހާސިލްކުރީ ޖެހިޖެހިގެން 19 ސީޒަނުގައި ލަނޑު ޖެހި ކުރީގެ ފޯވާޑް އޮގަސްޓިން ގައިންޒާ އާއި 17 ސީޒަނުގައި ޖެހި ކާލޮސް އަލޮންސޯ އެވެ.