ގްރިޒްމަން ހޯދަން ޕީއެސްޖީން އަދި އަންނާނެ: އޭޖެންޓް
ގްރިޒްމަން ހޯދަން ޕީއެސްޖީން އަދި އަންނާނެ: އޭޖެންޓް

މެޑްރިޑް (އޮކްޓޯބަރު 29) - އެތުލެޓިކޯ މެޑްރިޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އެންޓޮއިން ގްރިޒްމަން އާކުރި ނަމަވެސް އޭނާ ގެންދިއުމުގެ މަސައްކަތް ފްރާންސުގެ ޗެމްޕިއަން ޕީއެސްޖީން ކުރާނެ ކަމަށް ގްރިޒްމަންގެ އޭޖެންޓް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީން ވަނީ ޖޫން މަހު ގްރިޒްމަން ގަތުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭނާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ އަދަދު ކަމަށްވާ 80 މިލިއަން ޔޫރޯގެ ސަބަބުން އެ މަސައްކަތް ހުއްޓުނީ އެވެ.

އޭނާގެ އޭޖެންޓް ބުނީ ޕީއެސްޖީން ގްރިޒްމަން އަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށާއި އެ ކްލަބުން ސީރިއަސް މަޝްވަރާތަކެއް ކުރި ކަމަށެވެ. އެހެންކަމުން ގްރިޒްމަން ކޮންޓްރެކްޓް އާކުރި ނަމަވެސް ޕީއެސްޖީން މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އެކަމަށް މަސައްކަތްކުރާނެ ކަމަށް އޭޖެންޓް ބުންޏެވެ.

ގްރިޒްމަން އަންނަ ސީޒަނުގައި ގެންދިއުމަށް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް ޝައުގުވެރިވެ އެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވޭތީ ގްރިޒްމަން ވެސް ފަހަރުގައި ކްލަބް ބަދަލުކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޕެނިޝް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގްރިޒްމަން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެތުލެޓިކޯ ދަތުރުކުރިއިރު އަދި ޔޫރޯގެ ފައިނަލަށް ފްރާންސް ދިޔައިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެޓޭކިން މިޑްފީލްޑަރަކަށް ކުޅޭ ގްރިޒްމަން އަކީ ގޯލާ ވެސް އެހާމެ ރަށްޓެހި ކުޅުންތެރިޔެކެވެ.