27 ސެޕްޓެމްބަރ 2020 - 08:20

ބުދަ ދުވަހާ ގުޅޭ
"އަހަރުމެން އިނދެގެން އުޅެން ނަޝްފާ އެއްބަސް ނުވެއްޖެއްޔާ މާދަމާ އަހަރެން ވަރިކޮށްދޭނަންތަ؟" ރިފާ ސުވާލުކުރިއެވެ.
"ނަޝްފާ އެއްބަސް ވާނެ،" ޔަގީންކަމާ އެކުގައި މިހާދު ބުންޏެވެ. "ނުވެއްޖެއްޔާ އަހަންނަކަށް ނޯންނާނެ އެހެން ގޮތެއް. އަހަރެން ރިފާ ދޫކޮށްލާނަން. އެކަމަކު، އަހަރެން ދުއާކުރާނަން އެހެން ނުވޭތޯ. ދުއާކުރާނަން މި ދުނިޔޭގެ ހުރިހާ އުފަލެއް އަހަންނަށް ދެއްވާތޯ! ރިފާ ރަނގަޅަށް އަޑުއަހާ. ނަޝްފާގެ ރުހުން ލިބިއްޖެއްޔާ، އެއް ހާސް މިސްކީނުންނަށް އަހަރެން ކާންދޭނަން."
ރިފާގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާ އެކުއެކީގައި ކަހަލަ ގޮތަކަށް، ރިފާގެ ދެ ލޮލަށް ކަރުނަ ވެސް ޖަމާވިއެވެ. މިހާދު ހާ ލޯބިވާ މީހަކު ރިފާއަކަށް ނުލިބޭނެއެވެ. އެ ކަމަކާ ރިފާ ޝައްކެއް ނުކުރެއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އެތައް އިރަކު މިހާދަށް ބަލަހައްޓައިގެން ރިފާ އިނެވެ. ހިތުގައި ސުވާލު އުފެދިފައެވެ. އަހަރެން ދެކެ މީނަ މި ވަރަށް ލޯބިވަނީ ކީއްވެގެން ހެއްޔެވެ؟
ނަޝްފާ އިން ޓެކްސީ މިހާދުގެ ގެއަށް މަޑުކޮށްލިއެވެ. ޑުރައިވަރަށް އުޖޫރަ ދީފައި ނަޝްފާ ކާރުން ފޭބިއެވެ. ރީތި، އުސް ގޭގެ އެންމެ ކުރިއަށް ބަލައިލައިފައި ދޮރުގެ ރަނގަބީލު ޖެހިއެވެ. ދޮރު ހުޅުވީ ރިފާއެވެ. އުފަލުން ފޮޅިފައިވާ މޫނުކައިގެންނެވެ. ދަރިފުޅު ގައިގައި ބައްދައިލައިފައި ރިފާ އެތެރެއަށް ހިނގައިގަތެވެ. ގޭތެރޭގެ މުއްސަނދިކަމާއި ރީތިކަމަށް ނުބަލަން ނަޝްފާ ހިތްވަރުކޮށްގެން ހުއްޓަސް ނުބަލައެއް ނަޝްފާއަކަށް ނުހުރެވެއެވެ.
"ވާއޮ!" މަޑުމަޑުން ނަޝްފާއަށް ބުނެވުނެވެ. "ހީވަނީ ޕެލަސްއެއްހެން."
"ކަމުދޭ؟" ރިފާ ސުވާލުކުރިއެވެ. "އަދި ހިނގާބަލަ ތަނެއް ދައްކާލާނަން."
ދަރިފުޅު އަތުގައި ހިފައިގެން ގޮސް ރިފާ ކޮޓަރިއެއް ހުޅުވައިލިއެވެ. ހީވަނީ އަގު ބޮޑު ހޮޓަލެއްގެ އަގު ބޮޑު ކޮޓަރިއެއް ހެންނެވެ. ހުދު ކުލައިގެ ބޮޑު ކޮޓަރީގައި ހުރިހާ ފަރުނީޗަރެއް ވެސް ހުރީ ހުދުންނެވެ. ބޮޑު ސިންގާ އެނދުގައި އުސް ގޮދަޑިއެއް އޮތެވެ. ރީތި ސަނދުވާއަކާއި، ހުވަފެނީ މަދިރިގެއަކާއި، ބޮޑެތި ބާލީސްތަކެކެވެ. އެނދު ކައިރީގައި ލިޔާ މޭޒަކާއި ހިތްފަސޭހަ ގޮނޑިއެއް ހުއްޓެވެ. އޭރު ވެސް އޭސީ ހުރީ ޖައްސައިފައެވެ.
"ހާދަ ސަޅި ތަނެކޭ!" ސިއްރުސިއްރުން ނަޝްފާ ބުންޏެވެ. "ކާކު މި ތާ ނިދަނީ؟"
"ބޭނުންތަ މި ތާ ނިދާލަން؟" ސަމާސާ ރާގަކަށް ރިފާ އެހިއެވެ.
"ވަރަށެއްނު!" އެ ކަހަލަ ނަސީބެއް އަހަންނަށް ލިބޭނީ ކިހިނެއްހޭ ބުނާ ކަހަލަ މާނައެއްގައި ނަޝްފާ ބުންޏެވެ.
ހެމުން ވާހަކަދައްކަމުން އައިސް ރިފާ ވަނީ ރިފާގެ ކޮޓަރިއަށެވެ. އެ ތަން ނަޝްފާއަށް މާ ރީތިވިއެވެ. މަޑުމަޑުން އައިސް އެނދުގައި އިށީނދެލިއެވެ. އެހާ އަރާމު އެނދެއްގައި ނަޝްފާ ދުވަހަކު ވެސް ނީށީނދެއެވެ. ނަޝްފާ ފަހަތަށް ވެއްޓިގަތެވެ.
"ނުވޭ ދޯ ތެދުވާ ހިތް ވެސް؟" ނަޝްފާ ގާތުގައި އޮށޯވެލަމުން ރިފާ އެހިއެވެ.
"އެނގޭތަ؟" ފަންގިފިލައަށް ނަޒަރު ހުއްޓާލައިގެން އޮވެ ނަޝްފާ ބުންޏެވެ. "އިއްޔެ ވެސް ބައްޕަ ކައިރީގަ މާމަ ބުނި، ދެން މަންމައެއް ނާންނާނެޔޯ! ކާކުހޯ އެ ކަހަލަ ގެއަކުން ނުކުންނަން ބޭނުންވާނީ. އެހާ އަގު ބޮޑު ހެދުންތަކާ، މީރު ކާއެއްޗެހި ޒާހިރު ކިހިނެއް ހޯ ހޯދައިދޭނީ. ދެން އަހަންނަށް ދޯ ދެނީ."
"ކީކޭ ދަރިފުޅު ބުނީ؟" ރިފާ ސުވާލު ކުރިއެވެ.
"އަހަރެން ބުނީ މަންމަ އޮތީ އަންނާނަމޭ ބުނެފައޭ،" ވަރަށް ޔަގީންކަމާ އެކުގައި ނަޝްފާ ބުންޏެވެ. "މަންމަ އަންނާނޭ."
އެ ވާހަކަ އަޑު އިވިފައި ރިފާގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އެނދުން ތެދުވެގެން ގޮސް ނަޝްފާއަށް ގެނައި ހަދިޔާތައް ދިނެވެ. ރީތި ހެދުމާއި ބޫޓެވެ. ލިޕްސްޓިކާއި ފައިވާނެވެ. ސެންޓާއި ޗޮކުލެޓެވެ. ނަޝްފާ އިނީ އުފަލުން ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ބައްޕައަކަށް އެއްޗެއް ނުގެންނަން؟" ނަޝްފާ އެހިއެވެ.
މިހާދު ގަނެދިން ގަމީސް ރިފާ ދައްކާލިއެވެ. އޭގެ އިތުރަށް ރިފާ ގަތް ދެ ޓީޝާޓު ވެސް ދިނެވެ.
"ވަރަށް ބައްޕަ!" ހުރިހާ އެއްޗެއް ނިއުޅުވައިލައިފައި ނަޝްފާ ބުންޏެވެ. "މަންމަގެ އިނގިލި ކިހިނެއް؟"
ރިފާ އަތް ދައްކައިލިއެވެ. ކުޑަކޮށް އަތް ތަޅުވައިލައި، ތަދު ނުވާކަން އަންގައިލިއެވެ.
"އެކަމަކު އަދި ވެސް ހީވޭ ކުޑަކުޑަކޮށް ތަދުވާހެން،" ވާހަކަ ގެންދަން ބޭނުންވި މިސްރާބަށް ރިފާ އަމާޒު ހިފިއެވެ. "ދަރިފުޅު ދެން މަންމައަށް ފަސޭހަ ކޮށްދޭން މި ގޭގައޭ ހުންނަންވީ. އެއްކަލަ ކޮޓަރީގަ."
ކުއްލިއަކަށް ނަޝްފާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ ތަން ރިފާއަށް ފެނުނެވެ. ނަޝްފާ ވަގުތުން އެނދުން ތެދުވިއެވެ. ވީ ގޮތް އެނގުނު ކަމަކަށް ރިފާ ނަހަދައެވެ.
"ކިހިނެއްވީ؟" ރިފާ އެހިއެވެ.
މަންމަގެ މަގުސަދު ނަޝްފާއަށް ވިސްނުނެވެ. ނަސްފާ އެ ގެއަށް އައީ އެ ފަދަ އުންމީދެއް ކޮށްގެނެއް ނޫނެވެ. އެންމެ ހިތްދަތި އިހުސާސެއް ނަޝްފާއަށް ކުރެވުނީ، މާމަ ދެއްކި ވާހަކަ ހަގީގަތަކަށް ވީމައެވެ.
"މަންމައަށް އެނގޭތަ މަންމަ ދެކެ ބައްޕަ ކިހާ ލޯބިވާކަން؟" އެ ހިސާބަށް ބުނި އިރު ނަޝްފާއަށް ރޮވިއްޖެއެވެ. "މަންމަ ހަނދާންވާ ވަރުން ބައްޕައަކަށް ނުވެސް ނިދޭ! ނުވެސް ކެވޭ! އަހަންނަށް އެނގޭ ބައްޕަ ކިހާ ދެރަވާކަން. ކިތަންމެ ސިއްރުން ރުޔަސް އަހަންނަށް އެނގޭ ބައްޕަ ކިހާ ވަރަކަށް ރޯކަން. ބައްޕަ ހީކުރަނީ ބައްޕަ މަތިން މަންމަ ހަނދާން ނެތެނީއޭ! ބައްޕައަށް ކިރިޔާ ވެސް ހިތްވަރު ލިބޭ އެއްޗެއް ބުނަނީ އަހަރެން އެކަނި. ދެން މިހާރު އަހަރެން ކީކޭ ބައްޕަ ކައިރީގަ ބުނާނީ؟ މަންމަ ނާންނާނެކަން ބައްޕައަށް އެނގޭ ދުވަހު ބައްޕަ ހިތް ހުއްޓިގެން މަރުވާނެ. ހެޔޮ ނުވާނެ ބައްޕައަށް އެހެން ހަދަން."
ނަޝްފާ ރޮމުންރޮމުން ދުއްވައިގަތެވެ. އެތައް ފަހަރަކު ރިފާ ގޮވިއެވެ. ނަޝްފާއެއް ނުހުއްޓުނެވެ. ރިފާ ދިން އެއްވެސް ހަދިޔާއެއް ނަޝްފާ ނުގެންދެއެވެ. ދިޔަ ގޮތަށް ނުކުމެގެން ދިޔައީއެވެ. ރިފާ ދުވަހަކު ވެސް ނަޝްފާ ހިތަކު ނުޖައްސައެވެ. ނުރޮއްވައެވެ. ހުރިހާ ދުވަހަކަށް ވާ ވަރަށް އެ ދުވަހު ނަޝްފާ ރޯނެކަން އެނގުމުން ރިފާގެ ހިތް ކުދިކުދިވި ކަހަލައެވެ. ކޮންމެ އެތިކޮޅެއް އެތައް އެތިކޮޅު ތަކަކަށް ފުނޑުފުނޑުވި ކަހަލައެވެ. ރިފާއަށް އިހުސާސް ކުރެވުނީ ރިފާއަކީ އަމިއްލަ އެދުން ބޮޑު، ލޯބީގެ އަގު ވަޒަން ނުކުރާ މީހެއް ކަމުގައެވެ. ބަހުގެ އިތުބާރެއް ނެތް، ފައިސާއަށް ހެއްލޭ މީހެއް ކަމުގައެވެ. މިހާދާ އިން އިރު ރިފާ ދެއްކި ހުރިހާ ވާހަކައެއް ރިފާގެ ހަނދާނަށް އަލުން އެނބުރި އައެވެ. އެ ވާހަކަތައް ކޮބައި ހެއްޔެވެ؟ އަމިއްލަ ހިތާ ރިފާ ސުވާލުކުރިއެވެ. ޒާހިރަކީ ކިހާ ލޯބިން ރިފާ އިން މީހެއް ހެއްޔެވެ؟ ރިފާއަށް ޓަކައި ޒާހިރު ނުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ދެން ރިފާއަށް ފެނުނީ، މަގުގެ އަނެއް ފަރާތުގައި ހުރި މިހާދެއެވެ. މިހާދު ދޫކޮށްލައިފައި ރިފާ ހިނގައްޖެއްޔާ މިހާދަށް ވާނީ ކިހިނެއް ހެއްޔެވެ؟ ރިފާއަކީ އެންމެ މީހެކެވެ. އެ ހަށިގަނޑުގައި ވަނީ އެންމެ ހިތެކެވެ. އެ ހިތް ދެ ފަޅި ކުރާނެ ގޮތެއް ރިފާއަކަށް ނުވިސްނުނެވެ. ދެ މީހުންނަށް ހެޔޮކޮށް ހިތާނެ ގޮތެއް ވެސް ނޭނގުނެވެ. މޭގައި ލައްކޮށްލަންވީ ކާކުކަމެއް، ދުރަށް ކޮއްޕައިލަންވީ ކާކުކަމެއް ވެސް ރިފާއަކަށް ނުނިންމުނެވެ. އެކަމަކު އެއް ކަމެއް ޔަގީންވިއެވެ. ދަރިފުޅުގެ ލޮލުން ކަރުނަ ހިކެން ޖެހޭނެއެވެ.
"ކޮން ކަހަލަ މާބޮނޑިއެއް ގެންދަންވީ؟" ރިފާއަށް ލިބުނީ މިހާދުގެ މެސެޖެކެވެ.
ނަޝްފާގެ ފައްސި ޖަވާބަކަށް އުންމީދު ކޮށްގެން ހުރި މިހާދުގެ ލޮލުން އުތުރު އަރަމުން ދިޔައީ ލޯތްބެވެ. ރިފާ ދެކެ މިހާދު އިންތިހާއަށް ލޯބިވެއެވެ. މިހާދު ހިތަށްއެރިއެވެ. މިހާދުގެ އަންބެއް ގޮތުގައި ހުރެއްޖެ ނަމަ، ރިފާގެ ފައިތިލައިގައި ތަނަވަސްކަމާއި އުފާވެރިކަން ބޮސްދޭނެއެވެ. ދުވަހަކު ވެސް މީހަކު ނުވާ ވަރަށް ރިފާ ދެކެ މިހާދު ލޯބިވާނެއެވެ. ރިފާގެ ލޯބިވާ ދަރިފުޅަށް ބާއްޖަވެރި މުސްތަގުބަލެއް ލިބޭނެއެވެ. ނުވާ ތާކަށް މިހާދު ނަދުރެއް ވެސް ބުނެފިއެވެ. ވީމާ، މިހާދު މާޔޫސްވާކަށް ނުޖެހޭނެއެވެ. ބޯމަތިވަމުން އައި ހިތްދަތިކަމުގެ ކަޅު ވިލާތަކެއް މިހާދަކަށް ނުފެނެއެވެ. ފޯނަށް ބަލަހައްޓައިގެން ހުރި ރިފާއަށް މިހާދަށް ގުޅާނެ ހިތްވަރެއް ނުލިބުނެވެ.
"އަހަރެން ވަރިކުރޭ!" ރިފާ ކުރު މެސެޖެއް ލިޔުނެވެ. "ސޮރީ މިހާދު!"
އެ މެސެޖު ފޮނުވައިލަން ރިފާގެ ހަށިގަނޑުގައި ހުރި ހުރިހާ ހަކަތައެެއް ބޭނުން ކުރުމުން ވެސް ރިފާއަކަށް "ސެންޑް" އަކަށް ނުފިއްތުނެވެ. މާބޮނޑި ހިފައިގެން މިހާދު އައި އިރު ވެސް ރިފާ އިނީ ފޯނު އަތަށް ލައިގެންނެވެ. މިހާދު ކޮޓަރިއަށް ވަނުމުން ރިފާ އިސް އުފުލައިލިއެވެ. އޭގެ އެއް ދުވަސް ކުރިން ލޯބީގެ ވިދުވަރު ބަބުޅަމުން ދިޔަ ރިފާގެ ދެ ލޮލުން މިހާދަށް ފެނުނީ ނާއުންމީދެވެ. ވީރާނާކަމެވެ. ކޮންމެވެސް ގޯހެއް ހިނގައިފިއެވެ. އެ ކަން މިހާދަށް ޔަގީންވިއެވެ. އެއްޗެއް ނޭހިގެން އުޅެނިކޮށް މިހާދުގެ އަތުން މާބޮނޑި ދޫވިއެވެ. ތަޅުންގަނޑު މަތީގައި ޖެހި، ބިއްލޫރިގަނޑެއް ފަދައިން މިހާދުގެ ހިތް ކުދިކުދިވި ކަހަލައެވެ. ނޭވަޔަށް ދަތިވެ ފުން ނޭވައެއް އެތެރެއަށް ދަމައިލަން މިހާދަށް މަޖުބޫރުވިއެވެ. ރިފާއަކަށް ދުރަކު ނީނދެވުނެވެ. ދުވެފައި އައިސް މިހާދު ގައިގައި ބައްދައިލިއެވެ. ވެލަވަރު ތެރޭގައި ފަހު ފަހަރަށް މީހަކު ހައްޔަރުކޮށްލާހެން މިހާދު ހައްޔަރު ކޮށްލިއެވެ. މިހާދަށް ވެސް ވީ އެ ވަރެވެ.
"ހާދަ ދެރައޭ މި ވީ ގޮތް،" ކުރެހިފައިވާ އަޑަކުން މިހާދު ބުންޏެވެ. "ހާދަ ދެރައޭ!"
"އަހަރެން ބޭނުމެއް ނޫން ދާކަށް،" މަޑުމަޑުން ރިފާ ބުންޏެވެ. "އެކަމަކު އަހަންނަކަށް ނެތް ހުރެވޭކަށް."
ދެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. މިހާދުގެ ލޯ ކުރިމަތީގައި ސިފަވެގެން ދިޔައީ، ރިފާއާ އެކުގައި ހޭދަކުރެވުނު މަދު ދުވަސްކޮޅުގެ ފޮނި ހަނދާންތަކެވެ. ހަމަ އެ ފޮޓޯތައް ރިފާ ކުރިމަތީގައި ވެސް ފިޔަޖަހަމުން ދިޔައެވެ.
"އެކަމަކު އަދި އެއް ޗާންސް ދީ!" މިހާދު އެ ތަނުން އެ ތަނަށް ގޮތެއް ނިންމިއެވެ. "އަހަރެން ބޭނުން ނަޝްފާޔާ ވާހަކަދައްކަން. ވާހަކައެއް ނޫން ދައްކާނީ. އާދޭސްކުރާނީ. ސަލާންޖަހާނީ. އެކަމަކު ރިފާ ހުއްދަ ދީފިއްޔާ!"
ނުނިމޭ