އާ ޑިފެންޑަރުން ބޭނުމެއް ނުވޭ: ގާޑިއޯލާ
އާ ޑިފެންޑަރުން ބޭނުމެއް ނުވޭ: ގާޑިއޯލާ

މެންޗެސްޓާ (އޮކްޓޯބަރު 29) – މެންޗެސްޓާ ސިޓީން ޖެނުއަރީ މަހު އާ ޑިފެންޑަރުން ނުހޯދާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީން ރަނގަޅު ފެށުމެއް ހޯދި ނަމަވެސް ފަހަކަށް އައިސް އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. އަދި ގިނަ މެޗުތަކުގައި ބައިކޮޅަށް ވަނީ ގޯލް ވަދެފަ އެވެ. މީގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރުން ކަމަށްވާ ވިންސެންޓް ކޮމްޕެނީ އާއި ބަކާރީ ސަންޔާ އެއްކޮށް ފިޓްނުވާތީ ބެލެވިފައި އޮތީ ސިޓީން އާ ޑިފެންޑަރުން ހޯދާނެ ކަމަށެވެ.

"އަހަރެން އެކަމާ ނުވިސްނަން. ޕަބްލޯ ޒަބަލެޓާ އާއި ބަކާރީ ސަންޔާ އެނބުރި އައުމުން އަދި ކޮމްޕެނީ 90 މިނެޓު ކުޅޭ ވަރަށް ފިޓްވުމުން އަހަރެންގެ އޮޕްޝަންތައް ބައިވަރު ހުންނާނެ،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ސިޓީގެ ޑިފެންސިވް ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުތަކުން އެކަން ފާހަގަވި ކަމަށެވެ. އެގޮތުން ޔުނައިޓެޑުގައި ޒަލަޓާން އިބްރަހިމޮވިޗާއި ޕައުލް ޕޮގްބާ އާއި މާކަސް ރަޝްފޯޑް ފަދަ އިސްކޮޅުން ދިގު ކުޅުންތެރިން ހުއްޓުވުމުގައި ސިޓީން މޮޅަށް ކުޅުންކަން އޭނާ ފާހަގަކުރި އެވެ. ލީގުގައި ޔުނައިޓެޑް އަތުން 2-1 އިން ސިޓީ މޮޅުވި ނަމަވެސް ލީގު ކަޕުގައި އެ ޓީމު ވަނީ ޔުނައިޓެޑް އަތުން 1-0 އިން ބަލިވެފަ އެވެ.

ސިޓީން ވަނީ ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ގަތުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުގައި އެ ކްލަބުން އޭނާ ގަތުމަށް ޖެނުއަރީ މަހު 60 މިލިއަން ޔޫރޯ ހުށައަޅާނެ އެވެ. ސިޓީން ޑިފެންޑަރަކަށް ނުބެލުމަކީ ޗެލްސީ އަށް އޮތް ހިތްހަމަޖެހުމެކެވެ. އެއީ ބޮނޫޗީ ގަތުމުގެ ރޭހުގައި ޗެލްސީ އަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިކުރާނެ ޓީމަކީ ސިޓީ ކަމަށް ވުމެވެ.¬¬

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 20 ޕޮއިންޓާ އެކު އޮތް ސިޓީ ލީގުގައި މިރޭ ނުކުންނާނީ ވެސްޓްބްރޮމްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން 7 ޖަހާއިރެވެ.