29 އޮކްޓޯބަރ 2016 - 10:36

އެ މީހުންގެ ތެރޭގައި ގިނައީ ގޭގައި ތިބެގެން، އާމްދަނީ ހޯދުމަށް ކޭކު އަޅާ ޅަދަރިމައި އަންހެނުންނެވެ. އެކަމަކު ހާލުުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ކޮންމެ މަހަކު ވެސް އެއް ފަހަރު އެ މީހުން އަންނަނީ މަގުމައްޗަށް ނިކުމެ ކަޕް ކޭކް ވިއްކަމުންނެވެ. ކުދިކުދި ކޭކު ވިއްކައިގެން، ލިބުނު ފައިސާއިން ހަތަރު މީހަކަށް އެހީތެރިވެދީފައިވާއިރު ދެ މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

މިއީ ކޭކު އަޅާ 70 އަށް ވުރެ ގިނަ މީހުން ހިމެނޭ "ކޭކު ޑޯނާސް"ގެ ވާހަކަ އެވެ.

މީގެ ފަސް މަސް ކުރިން ފެށިގެން މަހަކު އެއް ފަހަރު އެ ގުރޫޕުން އަންނަނީ ހާލުގައި ޖެހިފައިވާ ކޮންމެވެސް މީހަކަށް ކަޕްކޭކު ވިއްކައިގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ގޭގައި ތިބެގެން، އެ މީހަކަށް އެޅުނު ވަރަކަށް ކަޕްކޭކް އަޅައިގެން، މަގުމައްޗަށް ނިކުމެ އެ ވިއްކަނީ އެވެ. އަގުހެޔޮކޮށް ކޭކު ވިއްކައިގެން ލިބޭ އެ ހުރިހާ ފައިސާއެއް، އެންމެ ރުފިޔާއެއް ވެސް މަދުނުކޮށް ހަދިޔާ ކުރަނީ އެ ހާލުގައި ޖެހިފައިވާ މީހަކަށެވެ.

"މިކަން ކުރަން އަޅުގަނޑުމެންނަށް މިލިބެނީ އެންމެ ދެ ގަޑިއިރު. އެއީ ހަވީރު 4-6އަށް. އެކަމަކު އާއްމުކޮށް 3000 ޑޮލަރު ވަރު ކޮންމެ ފަހަރަކު ވެސް އެއް ކުރެވޭ،" މިކަން ފެށުމުގައި އިސްނެގި، އައިޝަތު ޝެރީން ބުންޏެވެ.

އެއް ފަހަރަކު އެ މީހުން ވަނީ އެ މަދު ވަގުތުކޮޅުގެ ތެރޭގައި 75،000 ރުފިޔާ ވެސް އެއްކޮށްފަ އެވެ.
ކޭކު ޑޯނާސް އިން މިހާރު ތައްޔާރު ވަމުން އަންނަނީ، ގޮތް ނޭނގޭ ބަލިތަކެއްގެ ޝިކާރައަކަށް ވެފައިވާ އުމުރުން 17 އަހަރުގެ އިބްރާހިމް ޒާހިލް އަށް އެހީތެރިވުމަށް ކޭކުތައް ހިފައިގެން މަގުމައްޗަށް ނިކުންނާށެވެ.
އެހެން ފަހަރުތަކާ ހިލާފަށް، މި ހަރަކާތުގައި މި ފަހަރު 100އެއްހާ ބޭކާސް ބައިވެރިވެ އެވެ. އަދި ކަޕްކޭކުގެ އިތުރުން ޑޯނަޓާއި ކޭކުބޯލް ކަހަލަ ފޮނި އެއްޗެހި ވިއްކާނެ އެވެ.
މުޖުތަމައަށް އެހީތެރިވުމަށް، އަމިއްލައަށް ބަޔަކު އިސްނަގައިގެން ކުރަމުން އަންނަ މި މަސައްކަތަށް އާއްމުންގެ ތަރުހީބު ވެސް މިހާރު ބޮޑެވެ. އެގޮތުން ކޭކު ހިފައިގެން މަގުމައްޗަށް ނުނިކުމެވޭ ބޭކާސްއަށް އެހީވުމަށް ވޮލެންޓިއާސް ވެސް މިހާރު ހަރަކާތްތެރިވެ އެވެ.
ޝީރީން ބުނީ ފަންޑްރައިޒް ކުރުމަށް ބިމެއް ހިފައިގެން މިހާރު ހަރަކާތްތައް ނުބޭއްވޭ ކަމަށާއި އެހެންވެ، އެ މީހުން ކޭކު ވިއްކަން ތިބެނީ މާލޭގެ އެކި ސަރަހައްދުތަކުގައި މަގުމަތީގައި ކަމަށެވެ. އެގޮތުން އެމްޕީއެލް ސަރަހައްދާއި ރަސްފަންނާއި އާޓިފިޝަލް ބީޗާއި ކުޑަކުދިންގެ ބަގީޗާ އާއި ހުޅުމާލޭ ސެންޓްރަލް ޕާކު ފަދަ ތަންތަން ހިމެނެ އެވެ.
ޒާހިލަށް އެހީވުމަށް މިއަދު ހަވީރު ބާއްވާ މި ހަރަކާތް ވެސް، އެމްޕީއެލް ސަރަހައްދުގައި ނޫން ހުރިހާ ތަނެއްގައި އޮންނާނެ ކަމަށް ޝެރީން ބުންޏެވެ.
"އެއްވެސް ބޭކާއަކަށް އަޅުގަނޑުމެން ނާންގަން ވަކި އަދަދަކަށް ކޭކު އަޅާކަށް. މިއީ ދަރުމައަށް ކުރާ ކަމެއް ވީމައި، އެ މީހަކަށް ކުޅަދާނަ ވަރަކުން ކޭކުއަޅަނީ. ބައެއް މީހުން 30 ކޭކު ވެސް އަނެއް ބައި މީހުން 100 ކަޕްކޭކު ވެސް އަޅާނެ،" އޭނާ ބުންޏެވެ.
އާއްމު ގޮތެއްގައި ކަޕްކޭކުގެ އަގު އުޅެނީ 15-35 ރުފިޔާ ދެމެދުގައި ނަމަވެސް، މި ހަރަކާތުގައި ވިއްކާ ކަޕްކޭކުގެ އަގު އުޅެނީ 10 ރުފިޔާގަ އެވެ. އެހެންވެ، ޝެރީން ދެކޭ ގޮތުގައި އަމިއްލަ ބަޔަކު އިސްނަގައިގެން ފެށި މި ހަރަކާތުން، އެންމެ ކޭކެއް ގަނެލައިގެން ވެސް މީހަކަށް އެހީތެރިކަމުގެ ފުރުސަތު އެބަ އޮތެވެ.
"އަޅުގަނޑުމެން މި ދައްކައިދިނީ މިކަން ކުރެވޭނެ ގޮތެއް. އެކި މަސައްކަތް ކުރާ އެހެން މީހުންނަށް ވެސް މި ފަދަ ކަންކަން ކުރެވިދާނެ. ކޮންމެހެން މުހިއްމެއް ނޫން ސަރުކާރުގެ ނިޒާމުގެ ތެރޭން މި ފަދަ ކަންކަން ކުރާކަށް،" ޝެރީން ބުންޏެވެ.