ސެކިއުރިޓީ ބަލަހައްޓަން ގޭތެރޭގައި އުދުހޭ ކެމެރާއެއް
ސެކިއުރިޓީ ބަލަހައްޓަން ގޭތެރޭގައި އުދުހޭ ކެމެރާއެއް

ވަގުންނަށް ފާރަލާ އާލާތެއްގެ ގޮތުގައި އެމެޒޯން އިން "އޯލްވޭޒް ހޯމް ކެމް" ގެ ނަމުގައި އުދުހޭ ކެމެރާއެއް ނެރެފި އެވެ.

ބުރާސްފަތި ދުވަހު ދައްކައިލި މި ސެކިއުރިޓީ ކެމެރާ އަކީ އެމެޒޯންގެ ޑޯބެލް އެންޑް ސެކިއުރިޓީ ކުންފުނި "ރިންގް" ޑިވިޝަންގެ އުފެއްދުމެކެވެ. "އޯލްވޭޒް ހޯމް ކެމް" މަސައްކަތް ކުރާނީ ގޭގައި މީހުން ނޫޅޭ ވަގުތުތަކުގަ އެވެ. ގެއަށް މީހަކު ވަނުމާ އެކު ކެމެރާގެ މަސައްކަތް ފަށާނެ އެވެ. އެއާ އެކު ޑިވައިސް ގެންގުޅޭ ގޭގެ މީހުން ސްމާޓްފޯނުން ގޭގެ މަންޒަތުތައް ދައްކުވައި ދޭނެ އެވެ.

"އޯލްވޭޒް ހޯމް ކެމް" އާ ބެހޭ ގޮތުން ރިންގްގެ ބާނީ ޖެމީ ސިމިނޮފް ބުނީ އެ އުފައްދާފައި ވަނީ ޕްރައިވެސީ އަށް ވެސް ވަރަށް ބޮޑަށް ބަލައިގެން ކަމަށްވާތީ މިއީ ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އެއްޗެއް ކަމަށެވެ. އަދި ބޭރުގެ ތެރޭގައި އުޅޭ އިރު، ގެއަށް ކުރިމަތިވެދާނެ ގިނަ ނުރައްކާތަކުން މި ޑިވައިސްގެ ސަބަބުން ރައްކާތެރިކަން ލިބޭނެ ކަމަށް ވެސް ބުންޏެވެ.

މިސާލަކަށް ގޭގެ ދޮރެއް ހުޅުވިފައި ހުރިތޯ އާއި މީހަކު ގެއަށް ވަދެގެން އުޅޭތޯ އާއި އަލިފާނުގެ އަސަރެއް ހުރިތޯ ވެސް ގެއިން ބޭރުގައި އުޅޭ އިރު "އޯލްވޭޒް ހޯމް ކެމް" ގެ އެހީގައި ދެނެގަނެވި، ފިޔަވަޅުތައް އަޅަން މަގުފަހިކޮށްދޭނެ އެވެ.

އަންނަ އަހަރު ވިއްކަން ފަށާ މި ޑިވައިސްގެ ރިޓެއިލް އަގަކީ 249 ޑޮލަރެވެ.