އިސްލާމީ އަޚްލާޤީ ނިޒާމަކީ މީސްތަކުންނަށް އެ މީހުންގެ ދުނިޔެއާއި އާޚިރަތް ކާމިޔާބު ކުރުމުގައި އޭގެ ފައިދާ ނުހަނު ބޮޑަށް ލިބެނިވި ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ޚުލްޤުވެރިވާ އިންސާނާއަށް އަޚްލާޤީ ވަކިވަކި ސިފަތައް ދަސްކޮށްދިނުމުގެ އިތުރުން ޖުމްލަކޮށް ދަސްކޮށްދޭ ބައެއް ކަންކަން ވެސް ހުރެ އެވެ. މިގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އެއް ކަމަކީ އަޚްލާޤީ މިންގަނޑުތަކަށް ތަބާވުމުގެ މުހިންމުކަން ގަބޫލު ކުރުވުމެވެ. އަދި މި ގަބޫލުކުރުމުގެ ދަށުން އިންސާނާގެ އެންމެހާ ޢަމަލުތަކާއި ބަސްތަކަކީ އެއާ މެދު މަސްއޫލުވާން ޖެހޭ އަދި އޭގެ ޒިންމާ ނަގަންޖެހޭ ކަންކަން ކަމުގެ އިހުސާސް ކުރަން ދަސްކޮށްދިނުމެވެ.

އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ވުމުން ލިބޭ ދުނިޔަވީ ބައެއް އަދަބުތައް ހުރި ނަމަވެސް ފުރިހަމަ މުސްލިމަކު ނަމަ އަޚްލާޤީ މިންގަނޑުތަކަށް ތަބާވާން ޖެހޭނީ އެއަށް ތަބާވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބަލައިގެންނެވެ. އެއިން ލިބޭ ދުނިޔަވީ އަދަބަކަށް ބަލައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި ފުރިހަމަ އިންސާނެއްގައި ހުރުން ކޮންމެހެން ލާޒިމު ސިފަތަކެއް ކަމުގައި ބަލައިގެންނެވެ. ލިބޭ އަދަބަކުން މިންޖުވާކަށް ނޫނެވެ.

ހަމައެފަދައިން ފުރިހަމަ މުސްލިމަކު ނަމަ އޭނާގެ ކޮންމެ ޢަމަލަކާއި ބަހެއް އެއީ އޭގެ ނަތީޖާއާ މެދު އޭނާ ޒިންމާވާން ޖެހޭ ކަމެއް ކަމުގައި ބަލަންވާނެ އެވެ. ސަބަބަކީ ކީރިތި ޤުރުއާނުގައި އިންސާނީ މަސްއޫލިއްޔަތުގެ ވާހަކަތައް ބަޔާން ކުރައްވާފައި ވުމެވެ. މިގޮތުން އަލްއިސްރާއު ސޫރަތުގެ 36 ވަނަ އާޔަތުގައި ބަޔާން ވެފައިވަނީ އިވުމާއި ފެނުމަކީ އެއާ މެދު މަސްއޫލުވާން ޖެހޭ ކަންކަން ކަމުގަ އެވެ. އަދި އަލްޙިޖްރު ސޫރަތުގެ 92 އާއި 93 ގައާއި އައްޒުޚްރުފް ސޫރަތުގަ 44 ވަނައާޔަތުގައި ބަޔާން ވެފައި ވަނީ އަހަރެމެން ކޮށް އުޅުނު ޢަމަލުތަކާ މެދު ސުވާލު ވެވޭނެ ކަމުގަ އެވެ.

ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާ ގޮތުގައި ކޮންމެ ކަމެއް ބެލެހެއްޓުމާ ހަވާލު ވެފައިވާ މީހާއަށްވެސް އެމީހަކު އެބަލަހައްޓަން ޖެހުނު ކަމަކާ ބެހޭ ގޮތުން އެކަން ބެލެހެއްޓިތޯ ނުވަތަ ނޫންތޯ މާތް ﷲ ސުވާލު ކުރައްވާނެ އެވެ. ހަމައެފަދައިން ހަތަރު ކަމަކާ ބެހޭ ގޮތުން ޤިޔާމަތް ދުވަހު ސުވާލު ވެވޭނެ ކަމަށް ވެސް ބަޔާން ކުރައްވާފައި ވެ އެވެ. އެއީ އެ މީހެއްގެ ޢުމުރު ހޭދަކުރީ ކޮންކަމެއްގައިތޯ އާއި އެ މީހަކަށް ލިބުނު ޢިލްމު ބޭނުން ކުރީ ކޮންގޮތަކަށްތޯ އާއި އެ މީހަކަށް ލިބުނު މުދާ ހޯދީ ކިހިނެއްތޯ އަދި އެމުދާ ހޭދަކުރީ ކޮންކަންކަމެއްގައިތޯ އާއި އެ މީހެއްގެ ހަށިގަނޑުން ކުރީ ކޮން ބޭނުމެއްތޯއާ އެވެ. (އައްތިރުމިޛީ އާއި އިބްނުޙިއްބާން).

މިފަދަ ނައްޞުތައް މިހެން ހުރުމާ އެކު މުސްލިމަކު ނަމަ އެންމެ ފުރަތަމަ ދުވަހުއްސުރެ މަސްއޫލިއްޔަތު އުފުލައި ޒިންމާ ނަގަން ދަސްކުރަން ޖެހެ އެވެ. ބުނާ ކޮންމެ ބަހެއް ބުނުމުގެ ކުރިން އަދި ކުރާ ކޮންމެ ކަމެއް ކުރުމުގެ ކުރިން އެކަމުގެ ނަތީޖާއާ މެދު ވިސްނަން ލާޒިމުވެއެވެ. ގޯސް ޢަމަލެއް ކުރެވިއްޖެ ނަމަ ނުވަތަ ގޯސް ބަހެއް ބުނެވިއްޖެ ނަމަ އެކަމުގެ ހިތި ނަތީޖާ ތިމާ އުފުލަން ޖެހޭނެކަން ގަބޫލު ކުރަން ޖެހެ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު ފަރުދީ ޒިންމާ ނުވަތަ މަސްއޫލިއްޔަތުގެ ދެބާވަތެއް ވެ އެވެ. އެއީ އެމީހެއްގެ އަމިއްލަ ނަފްސަށްޓަކައި ނަގަން ޖެހޭ ޒިންމާ އާއި އެހެން ފަރާތްތަކަށްޓަކައި ނަގަން ޖެހޭ ޒިންމާ އެވެ. މިގޮތުން އަމިއްލަ ނަފްސަށްޓަކައި ޒިންމާވާން ޖެހޭ އެންމެ މުހިންމު ކަމަކީ އޭނާގެ ޢަމަލުތަކެވެ. އޭގެ ޖަޒާގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އެ މީހެކެވެ. އައްޠޫރު ސޫރަތުގެ 21 ވަނަ އާޔަތުގައި ﷲ އަންގަވާފައިވަނީ ކޮންމެ މީހަކީވެސް އެ މީހަކު ހޯދި ޢަމަލަކަށް ކަނޑައަޅުއްވާފައިވާ ޖަޒާ ލިބޭނެ މީހެއް ކަމަށެވެ. ފާޠިރު ސޫރަތުގެ 19 ވަނަ އާޔަތުގައި އަންގަވާފައި ވަނީ އެހެން މީހަކު ކުޅަކަމެއްގެ ޖަޒާ އެއްވެސް މީހަކު އުފުލަން ނުޖެހޭނެ ކަމަށެވެ. ޒަލްޒަލާ ސޫރަތުގައި އަންގަވަނީ ހެޔޮކަމުގެ ޒައްރެއްގެ މިންވަރު ވިޔަސް އަދި ނުބައިކަމުގެ ޒައްރެއްގެ މިންވަރު ވިޔަސް ކުޅަ މީހާ އޭގެ ޖަޒާ ދެކޭނެ ކަމަށެވެ.

އެހެން މީހުންނަށްޓަކައި ނަގަންޖެހޭ ޒިންމާ ތަކުގެ ތެރޭގައި ﷲ ގެ މަގަށް މީސްތަކުންނަށް ގޮވާލުން ހިމެނެ އެވެ. (އައްނަޙްލު 125). ބައެއްގެ މެދުގައި ދެކޮޅުވެރިކަމެއް އޮތް ނަމަ އެ ދެމެދު އިޞްލާހު ކުރުން ހިމެނެ އެވެ. (އަލްޙުޖުރާތު 9). ޔަތީމުން ބާކީކޮށްނުލުމާއި މިސްކީނުންނަށް އެހީވާން ބާރުއެޅުން ހިމެނެ އެވެ. (އަލްމާޢޫން 3-4). ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މީހުން ސަލާމަތް ކޮށްދޭން ޖެހެ އެވެ. (ބުޚާރީ). މިހެންގޮސް މިފަދަ އެތައް ޒިންމާތަކެއް ހިމެނެއެވެ.

އެހެން ފަރާތްތަކަށްޓަކައި ނަގަން ޖެހޭ ޒިންމާތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަމަކީ ޚުދު ތިމާގެ އަމިއްލަ ނަފްސަށްޓަކައި ވެސް ނަގަން ޖެހޭ ޒިންމާ ކަމުގައި ވެދެ އެވެ. އެހެންކަމުން އެއީ އަމިއްލަ ކަމެއް ކަމުގައި ބަލައި އެފަދަ ޒިންމާތައް ތިމާ ނުނަގައިފި ނަމަ އެންމެން ހަލާކުވެގެން ހިނގައިދާނެ އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހިވަސައްލަމް، ވަނީ މީގެ ވަރަށް ރީތި މިސާލެއް ޖައްސަވއިފަ އެވެ. އެއީ ނަވެއްގައި ދަތުރުކުރަމުންދާއިރު އޭގެ ތިރީގައި ތިބޭ މީހުން ފެން ނަގަން މައްޗަށް ދާން ބުރައަކަށް ހަދައި އޭގެ ބަދަލުގައި ފަސޭހަކޮށްލަން ނަވުގައި ބާގަނޑެއް ހަދައިގެން ފެން ނެގުމުގެ މިސާލެވެ. މިގޮތަށް ކަންކުރީމާ ނަތީޖާ އަކީ އޭގެ ގެއްލުން އެހެން މީހުންނަށް ލިބިގެންދާއިރު އޭގައި ޚުދު ތިމާވެސް ބައިވެރިވާން ޖެހުމެވެ.

މިސާލަކަށް މިދުވަސްވަރުގައި ނަމަ އަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުން މިދާ ރޯގާ އިން މީސްތަކުން ސަލާމަތްކޮށް މިކަން ކޮންޓްރޯލު ކުރުމަށްޓަކައި ޞިއްޙީ ކަންކަމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުން ތަކަށާއި ދީނީގޮތުން ބަލާއިރު ތަބާވާން ޖެހޭ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާ ނަމަ ތިމާއަށް އެކަމުގައި ފަރުދީގޮތުން އަދާކުރަން ޖެހޭ ޒިންމާ އެ ނުނެގުނީ އެވެ. ނަތީޖާއަކަށް ވެގެންދަނީ އެކަމުގެ ގެއްލުން ހަމައެކަނި އެހެންމީހުންނަށް ލިބުމެއް ނޫނެވެ. ޚުދު ތިމާއަށް ވެސް އޭގެ ޖަޒާ ލިބިގެންދިއުމެވެ. ޒިންމާ ނުނެގުމުން ލިބޭ ޖަޒާ އަކީ ހުރިހާ ހާލަތެއްގައި އުޚުރަވީ ޖަޒާއަށް ވުން ލާޒިމެއް ނޫނެވެ. ކައުނުގައިވާ އިލާހީ ޤާނޫނުތަކުގެ ދަށުން ދެންމެ މި އިޝާރާތް ކުރި ފަދަ މިސާލުތަކުގައިވާ ގޮތަށް ދުނިޔަވީ ޖަޒާވެސް ލިބޭނެ އެވެ.

ފަރުދީ ޒިންމާ ނެގުމަކީ މިހާ މުހިންމު ކަމެއް ކަމުގައިވާ އިރު މިކަމަށް ނަފްސު ހާނުވަންވެސް ޖެހެ އެވެ. މިގޮތުން އެންމެ ފުރަތަމަވެސް އީމާންތެރިކަން ވަރުގަދަ ކުރަން ޖެހެ އެވެ. އީމާންކަމުގެ ހުރިހާ ރުކުންތަކަށް ފުރިހަމައަށް އީމާންވާން ޖެހެ އެވެ. އަދި މި އީމާންތެރިކަމުގެ ދަށުން އިސްލާމްކަމުގެ ރުކުންތައް އަދާކުރަން ޖެހެ އެވެ. މީގެ އިތުރުން ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރުމާއި ﷲ ގެ މަގުގައި ޖިހާދު ކުރުން ފަދަ ކަންކަމަށް އިސްކަން ދޭން ޖެހެ އެވެ. ޖިހާދަކީ ހަމައެކަނި ހަނގުރާމަ އެއް ނޫނެވެ. ﷲ އަށްޓަކައި ތިމާވާ ކޮންމެ ޤުރުބާނަކީ ޖިހާދެކެވެ. އޭގެ ތެރޭގައި އެންމެހާ ހަރާމް ކަންކަމުން ދުރުހެލިވެ ހުރުން ހިމެނެ އެވެ. ރިވެތި އަޚްލާޤީ ސިފަތަކުގެ މައްޗަށް ނަފްސު ހޭނުވުން ހިމެނެ އެވެ. ރިވެތި އަޚްލާޤީ ސިފަތަކަށް ތަބާވުމުގެ މުހިންމުކަން ގަބޫލު ކުރުން ހިމެނެ އެވެ. އަޚްލާޤަށް ތަބާވުމުން ތިމާއަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަން ހަނދާން ބަހައްޓަން ޖެހެ އެވެ.

މިކަންކަން މިގޮތަށް ކުރެވޭ ނަމަ ފަރުދީ ޒިންމާ ނެގުމުގައި ފަރުވާކުޑަކުރަން ޖެހިލުންވާނެ އެވެ. އެ ޒިންމާ ނެގުމަކީ ތިމާ އަށް ގެއްލުންހުރި ކަމެކޭ ހީވާ ދަނޑިވަޅެއް އަޔަސް އެކަމާ މެދު ފުންކޮށް ވިސްނައިލާން ހަނދާންވާނެ އެވެ. އަދި މިގޮތަށް ވިސްނާއިރު މާއްދީ ނަޒަރަކުން އެކަނި ނުބަލައި ރޫޙާނީ ނަޒަރަކުން ބަލާނެ އެވެ. ދުނިޔަވީ މަންފާތަކަށް އެކަނި ނުވިސްނައި އުޚްރަވީ މަންފާތަކަށް ވެސް ބަލާނެ އެވެ. ނަތީޖާއަކަށް ވެގެންދާނީ ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން ތަސައްވުރު ވުމެވެ. އަދި ފަރުދީ ޒިންމާ ނެގުމަށްޓަކައި ވާން ޖެހޭ ގުރުބާންތައް ވުމެވެ.