25 ސެޕްޓެމްބަރ 2020 - 10:50

ލަންޑަން (ސެޕްޓެމްބަރު 25) - ސްޕެއިންގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ލޯން އެއްބަސްވުމެއްގެ ދަށުން އެހެން ޓީމަކަށް ދޫކޮށްލަން ޗެލްސީން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޗެލްސީން މި ގޮތަށް ނިންމީ ރެނެސްގެ ކީޕަރު އެޑޮއާޑް މެންޑީ ގަތުމަށް ފަހު އެވެ. ޗެލްސީން އުމުރުން 28 އަހަރުގެ މެންޑީ ގަތީ ރެނެސް އަށް 22 މިލިއަން ޕައުންޑްގެ ފީ އެއް ދައްކައިފަ އެވެ. މެންޑީ ގަންނަން އެންމެ ބޮޑަށް ބާރު އެޅީ ޗެލްސީގެ ޕާފޯމަންސް އެޑްވައިޒަރަކަށް އަދި ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުން އަންނަ ކުރީގެ އެއް ވަނަ ކީޕަރު ޕެޓަ ޗެކް އެވެ.
މެންޑީ ލިބުމާ އެކު ޗެލްސީން މިހާރު ވިސްނުން ހުރީ އޭނާ އަށް ކުރިއަށް ހުރި މެޗުތަކުން ފުރުސަތު ދީފައި ރަނގަޅު ނަމަ ކެޕާ ލޯން އެއްބަސްވުމަކަށް ދޫކޮށްލާށެވެ. މި ސީޒަނުގައި ޗެލްސީ ފުރަތަމަ ލީގުގައި ކުޅުނު މެޗުގައި ބްރައިޓަންއާ ދެކޮޅަށް 3-1 އިން މޮޅުވި ނަމަވެސް އެ މެޗުގައި ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލުގައި ކެޕާ އަށް ގޯހެއް ހެދުނެވެ. ފަހުން މިދިޔަ އާދިއްތަ ދުވަހު ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވި މެޗުގައި ސަޑިއޯ މާނޭ ޖެހި ދެ ވަނަ ގޯލުގައި ކެޕާ ވަނީ ބޮޑު ގޯހެއް ހަދައިފަ އެވެ.
ލިވަޕޫލް މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ކެޕާ އަށް ހެދުނު ގޯހުގެ ސަބަބުން މުޅި ޓީމަށް އޭގެ ގެއްލުން ކުރިމަތިވި ކަމަށް ބުނެފަ އެވެ.
މީގެ ދެ އަހަރު ކުރިން އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި އެތުލެޓިކް ބިލްބާއޯ އަށް 91 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދީފައި ގެނައި ކެޕާގެ ފަރާތުން މިދިޔަ ސީޒަނުގައި ވެސް ފެނުނީ ދަށް ކުޅުމެކެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކެޕާ ވިއްކާލަން ބޭނުންވި ނަމަވެސް އެކަށީގެންވާ ބިޑެއް އައުމުގެ ފުރުސަތު ކުޑަ އެވެ. އެހެންވެ ޗެލްސީގެ ވިސްނުން ހުރީ މެންޑީގެ ކުޅުން ރަނގަޅުނަމަ އޭނާ ލައިގެން ކުޅުމަށް ފަހު ބެކަޕް ކީޕަރަކަށް ވިލީ ކަބަލޭރޯ ބަހައްޓާށެވެ. އަދި ކެޕާގެ ފުލް މުސާރަ ދޭން އެއްބަސްވާ ޓީމަކަށް އޭނާ ލޯން އެއްބަސްވުމަކަށް ދޫކޮށްލުމުގެ ވިސްނުން އެބަހުއްޓެވެ. ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީގައި ކެޕާ އަށް ހަފްތާ އަކު 150،000 ޕައުންޑް ލިބެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ގިނަ ކުޅުންތެރިންތަކެއް ގެނެސްފައިވާއިރު، އަންނަ މަހު ފަހެއްގައި ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އެ ޓީމުން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާނެ އެވެ. އޭގެ ތެރޭގައި އެންޓޯނިއޯ ރޫޑިގާ، ކަލުމް ހަޑްސަން އޮޑޯއި، ރުބެން ލޮފްޓަސް ޗީކް އަދި ރޮސް ބާކްލީ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.