ބޮޑު މޮޅަކާ އެކު ލިވަޕޫލް ލީގު ކަޕުގެ އަނެއް ބުރަށް
ބޮޑު މޮޅަކާ އެކު ލިވަޕޫލް ލީގު ކަޕުގެ އަނެއް ބުރަށް

ލަންޑަން (ސެޕްޓެމްބަރު 25) - އިނގިރޭސި ލީގު ކަޕްގެ ތިން ވަނަ ބުރުގައި ރޭ ރަށުން ބޭރުގައި ލިންކަން ސިޓީ އަތުން 7-2 އިން މޮޅުވެ ލިވަޕޫލް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

ރޭގެ މެޗުން ލިވަޕޫލް މޮޅުވުމާ އެކު އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ދެ ފަހަރު ކުޅެން ޖެހޭނެ އެވެ. ޕްރިމިއާ ލީގުގައި ލިވަޕޫލުން ދެން ކުޅޭ މެޗުގައި ހޯމަ ދުވަހުގެރޭ އާސެނަލާ ކުޅުމަށް ފަހު މިހާރު އޮތްގޮތުން ލީގު ކަޕްގެ ހަތަރު ވަަނަ ބުރުގައި އާސެނަލާ ބައްދަލުކުރާނީ ބުރާސްފަތި ދުވަހުގެރޭގަ އެވެ.

ގިނަ އަހަރުތަކަކަށް ފަހު ލިންކަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ. ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ ކުޅުންތެރިން ނުލައި ކުޅުނު ނަމަވެސް ނިސްބަތުން ވަރުގަދަ ޓީމަކާ އެކު ނުކުތް ލިވަޕޫލަށް ލިޑުނަގައިދިނީ ހިލޭ ޖެހުމަކުން ޒެރްޑަން ޝަގީރީ އެވެ. ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯންސް ދެ ގޯލް ޖެހިއިރު އަނެއް ގޯލް ކާމިޔާބުކުރީ ޓަކޫމީ މިނަމީނޯ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިނަމީނޯ ވަނީ މެޗުގައި އޭނާގެ ދެ ވަނަ ގޯލު ޖަހައި ލިވަޕޫލަށް ފަސް ވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ލިންކަން އިން ވަނީ ދެ ވަނަ ހާފްގައި ލިވަޕޫލްގެ ގޯލަށް ނުރައްކާ ކޮށްފަ އެެވެ. ލިންކަން އިން ފުރަތަމަ ޖެހި ބޯޅަތައް ލިވަޕޫލްގެ ގޯލު ބެލެހެއްޓި ސްޕެއިނުގެ ކީޕަރު އެޑްރިއާން ވަނީ މަތަކޮށްފަ އެވެ. އެކަމަކު ފަހުން ލިންކަންގެ ޓަޔޯ އެޑަން އާއި ލެވިސް މޮންސްމާ ވަނީ އެ ޓީމަށް ދެ ގޯލު ޖަހައިދީފަ އެވެ.

ލިވަޕޫލްގެ ފަހު ދެ ގޯލު ޖެހީ މާކޯ ގްރުޔިޗް އާއި ޑިވޮކް އޮރީގީ އެވެ. މި މެޗުގެ ދެ ވަނަ ހާފްގައި ލިވަޕޫލުން ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު ޕޯޗުގީސް ވިންގް ޑިއޯގޯ ޔޮޓާ ކުޅެން އަރުވައިފަ އެވެ.

ލީގު ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވަނީ ރޭ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 2-1 އިން މޮޅުވެފަ އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ އުމުރުން 17 އަހަރުގެ ލިއަމް ޑެލަޕް އެވެ. ލިއަމް އަކީ ޕްރިމިއާ ލީގުގައި ކުރިން ކުޅުނު ރޯރީ ޑެލަޕްގެ ދަރިއެކެވެ.

ބޯންމައުތަށް ސޭމް ސަރިޖް އެއްވަރުކޮށްދީފައިވަނިކޮށް ދެ ވަނަ ހާފްގައި ސިޓީ މޮޅުކޮށްދިނީ ފިލް ފޯޑެން އެވެ. ހަތަރު ވަނަ ބުރުގައި ސިޓީ ކުޅޭނީ ރަށުންބޭރުގައި ބާންލީއާ އެެވެ.