25 ސެޕްޓެމްބަރ 2020 - 10:45

ބުޑަޕެސްޓް، ހަންގޭރީ (ސެޕްޓެމްބަރު 25) - އިތުރު ވަގުތުގެ ފުރަތަަމަ ހާފުގައި ހަވި މާޓިނޭޒް ޖެހި ގޯލާ އެކު 2-1 އިން ސެވިއްޔާ ބަލިކޮށް ބަޔާން މިއުނިކުން ރޭ ޔޫރަޕިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

މީގެ ހަތް އަހަރު ކުރިން 2013 ވަނަ އަހަރު ބަޔާނުން އެންމެ ފުރަތަމަ ސުޕަ ކަޕް ހާސިލްކުރި މެޗުގައި ވެސް މާޓިނޭޒް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެ ފަހަރު ބަޔާނުން ޗެލްސީ ބަލިކޮށް ސުޕަ ކަޕް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އެ ފަހަރު ޗެލްސީ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ފަހު މިނިޓްގައި ބަޔާނަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މާޓިނޭޒް އެވެ.
ބަޔާނުން ވަނީ 2020 ވަނަ އަހަރުގެ މިހާތަނަށް ހަތަރު ތަށި އުފުލާލައިފަ އެވެ. އެއީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޖަރުމަނު ކަޕްގެ އިތުރުން ޖަރުމަނު ލީގާއި ސުޕަ ކަޕް އެވެ.
ޕުސްކަސް އެރީނާގައި ރޭ 15،180 މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ އިންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޖެހީ އާޖެންޓީނާގެ މިޑްފީލްޑަރު ލޫކަސް އޮކަމްޕޯސް އެވެ. މިއީ ސެވިއްޔާގެ އިވާން ރަކިޓިޗް އަށް އޭރިއާ ތެރެއިން ބަޔާނުގެ ޑޭވިޑް އަލަބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނަށް އެއްވަރުކޮށްދިން ގޯލު ޖެހީ ލެއޯން ގޮރެޓްޒްކާ އެވެ. އޭރިއާ ތެރެއިން ރޮބަޓް ލެވަންޑޯސްކީ ޖައްސާލި ބޯޅަ ގޮރެޓްޒްކާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ބަޔާނަށް އަލުން ލީޑުނަގައިދޭން ލެރޯއި ސާނޭ އާއި ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިދިޔައިރު، ސެވިއްޔާ އަށް ކުރި ހޯދައިދޭން ޔޫސެފް އެންނެސްރީ ޖެހި ބޯޅަ ބަޔާނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.
މާޓިނޭޒް ކުޅެން އެރީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގަ އެވެ. އޭނާ ލަނޑު ޖެހީ ކުޅެން އެރިތާ މާގިނަ އިރެއްނުވެ އެވެ. ޔޯޝުއާ ކިމިޗް ނެގި ކޯނަރެއްގައި އޭރިއާ ބޭރުން ލިބުނު ބޯޅަ ޑޭވިޑް އަލަބާ ފޮނުވާލުމުން ސެވިއްޔާ ކީޕަރު ބޯނޯ އަތުގައި ޖެހިފައި ލިބުނީ އޭރިއާ ތެރެއިން މާޓިނޭޒް އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މާޓިނޭޒް ބުނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާން ދޫކޮށްލަން ނިންމައިގެން ހުރި ނަމަވެސް އޭނާ އެ ކްލަބްގައި ހުރިހާ ދުވަހަކު ފުރުސަތު ލިބިއްޖަނަމަ ޓީމު މޮޅުކޮށްދޭން ކޮންމެ މަސައްކަތެއް ވެސް ކުރަން ތައްޔާރު ކަމަށެވެ.