24 ސެޕްޓެމްބަރ 2020 - 22:42

ކޮވިޑް-19 އަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 54 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 30 ދިވެއްސަކާއި 24 ބިދޭސީއަކަށް އަލަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު 9،939 މީހަކަށް މިހާތަނަށް އެ ބަލި ޖެހިފައި ވެ އެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވަނީ 50 މީހަކަށެވެ. އެކި ރަށްރަށާއި ރިސޯޓުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 87 އަށް މަދުވެފަ އެވެ. ބަލިން 67 މީހަކު ރަނގަޅުވެފައިވާތީ މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1،301 މީހުންނެވެ.
މާލޭން ބޭރުން 21 ރަށެއްގައި ކޮވިޑްގެ 40 މީހުން އެބަތިއްބެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިހާރު ކުރިއަށް ގެންދާ ނިއުސް ކޮންފަރެންސްގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ޖެހޭ މީހުންގެ އަދަދު ދަށްވަމުން އަންނަ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރިއަށް ދިއުމަށް އޭނާ އެދިވަޑައިގަތެވެ.