29 އޮކްޓޯބަރ 2016 - 05:47

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ އަހަރެމެންގެ ތެރޭގައި އާންމުކޮށް ކިޔާ ގޮތުން ނަމަ "ޔޫރިން އިންފެކްޝަން" އާ ދެކޮޅަށް ކްރޭންބެރީ ޖޫސް ބުއިމަކީ ދުނިޔޭގެ ހުރިހާ ހުރިހާ ހިސާބެއްގައި ވެސް އަންހެނުން ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. އެ ބުއިމުން ޔޫޓީއައި ނުވަތަ ބްލެޑާ އާއި ކިޑްނީގެ އެކި އުނދަގޫތަކަށް ވަރަށް އަވަހަށް ލުއިވާ ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ.
ނަމަވެސް ޔޭލް ސްކޫލް އޮފް މެޑިސިން އިން ކުރި ދިރާސާއަަކަށް ފަހު ބުނަނީ ކްރޭންބެރީން ޔޫޓީއައި ރަނގަޅުވާ ކަމަށް ޒަމާނުންސުރެ ގަބޫލުކުރިޔަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
މި ދިރާސާކުރުމަށް ޔޫޓީއައިގެ މައްސަލަ ވަރަށް އާންމުކޮށް ދިމާވާ މީހުން އުޅޭ ނާސިން ހޯމްތަކަކުން، ބައެއް މީހުންގެ ސާމްޕަލްތައް ނެގި އެވެ. ދިރާސާގައި ބައިވެރިވިކުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއް ބައި މީހުންނަށް ކްރޭންބެރީ ކެޕްސޫލް ދިނެވެ. ދެން ތިބި މީހުންނަށް ދިނީ ބޭހުގެ ސިފަޔަށް ހަދާފައި ހުންނަ، ހަށިގަނޑަށް އެއްވެސް ރާހަތެއް ނުކުރާ -ޕްލަސީބޯ- އެވެ.
ކްރޭންބެރީ ކެޕްސޫލްގައި ހިމެނެނީ ކްރޭންބެރީގެ އެއް ޕައިންޓް ޖޫސް އެއް ދުވަހުން ބުއިމުން ލިބޭ 72 މިލިގްރާމްގެ ޕްރޮއެންތޯސަޔާނިޑިންސް އެވެ.
މިގޮތަށް އަހަރު ދުވަސް ވަންދެން ބޭސް ދިންއިރު ވެސް، ކްރޭންބެރީގެ ފަރުވާއިން، އަންހެނުންގެ ކުޑަކަމުދާ އެއްޗެއްހީގައި ވައިޓް ބްލަޑް ސެލް ނުވަތަ ބެކްޓީރިއާ ހުންނަ މިންވަރަށް އެއްވެސް ބަދަލެއް ނާދެ އެވެ. މިއީ ޔޫޓީއައިގެ އާންމު ފާހަގަ އެވެ.
ކްރޭންބެރީ ބޭސް ދިން މީހުންނާއި ހަށިގަނޑަށް އެއްވެސް އަސަރެއް ނުކުރާ "ޕްލަސީބޯ" ދިން މީހުންގެ މެދުގައި ޔޫޓީއައި ހުންނަ މިންވަރުގައި ހުރީ އެންމެ 0.1 ޕަސެންޓުގެ ތަފާތެކެވެ. ކްރޭންބެރީ ދިން މީހުންގެ މެދުގައި ޔޫޓީއައި ރަނގަޅުވި ނިސްބަތް 29.1 ޕަސެންޓުގައި ހުރި އިރު އެ ނުދާ މީހުންގެ މެދުގައި މި ނިސްބަތަކީ 29.0 އެވެ. މިވަރުގެ ތަފާތަކުން ޔޫޓީއައި ނުވަތަ ބްލެޑާގެ އުނދަގުލުން ތަފާތުކަމެއް ނުފެނެ އެވެ.
"ކްރޭންބެރީން ޔޫޓީއައި ރަނގަޅުވާ ކަމަށް ބުނާ ބުނުން ކަށަވަރުކުރުމަށް ފަހަކަށް އައިސް ވަރަށް ގިނަ ދިރާސާތައް ކޮށްފައިވޭ. ދިރާސާތަކުން ނިކުންނަކީ އެ ވާހަކައާ އިދިކޮޅު، އެކި ފަހަރު އެކި ނަތީޖާ،" ޑރ. މަނީޝާ ޖުތާނީ-މެހްތާ ވިދާޅުވެފައިވެ އެވެ.
ކްރޭންބެރީ އަކީ ސިއްހަތަށް ފައިދާހުރި މޭވާއެކެވެ. ނަމަވެސް ޔޫޓީއައި އަށް ފަރުވާއެއް ނޫނެވެ. ކުރީގެ ބައެއް ދިރާސާތަކުގައި ބުނީ ޔޫޓީއައި ރަނގަޅު ކުރުމަށް، ގިނައިން ދިޔާ އެއްޗެހި ބުއިން މުހިންމު ކަމަށާއި ޔޫޓީއައިގެ އުނދަގޫ ޖެހުމުން، ފެން ބުއިން މަދު މީހުން ވެސް ކްރޭންބެރީ ޖޫސް ބޯން ފެށުމުން ލުއިވާން ފަށަނީ ދިޔާ އެއްޗެހި ކުރިއަަށް ވުރެ ގިނައިން ބޯން ފަށާތީ ކަމަށް ވެދާނެ ކަމަށެވެ.