25 ސެޕްޓެމްބަރ 2020 - 07:44

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރާ އެކު ނެޓްފްލިކްސް އިން 100 ކްރޯޑް ރުޕީސް (14.4 މިލިއަން ޑޮލަރު) ގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ބުނެ މީޑިއާތަކުން ފެތުރި ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.
ނެޓްފްލިކްސްގެ އޮފިޝަލަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ޝާހިދާ އެކު އެފަދަ އެއްބަސްވުމެއް ނުހަދާ ކަމަށާއި އެފަދަ އެއްބަސްވުމަކާ ބެހޭ ގޮތުން ވާހަކަ ވެސް ނުދެކެވޭ ކަމަށެވެ. ނެޓްފްލިކްސް އިން މިހެން ބުނެފައި ވަނީ ޝާހިދު ލީޑް ރޯލް ކުޅޭ ބޮޑު ފިލްމެއްގެ މަސައްކަތް އެ ކުންފުންޏާ ގުޅިގެން ހަދަން ނިންމާފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައި ވަނިކޮށެވެ.
އެ ފިލްމަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިރަށް މާލެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖެ އަށް އެހީވާން ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމާ ބެހޭ ގޮތުން މީޑިއާތަކުން ބުނީ މިއީ ވަރަށް ބޮޑު ބަޖެޓަކުން ހަދާނެ ބިޔަ، ފިލްމެއް ކަމަށެވެ.
ބޮލީވުޑް ހަންގާމާ އަށް ވާހަކަ ދެއްކި ނެޓްފްލިކްސްގެ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި ޝާހިދާ އެކު 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމެއް ހެދި ކަމަށް ބުނާ އިރު، އޭނާ އަކީ އެ ވަރުގެ އަގެއް ހައްގުވާ ވަރުގެ އެކްޓަރެއް ވެސް ނޫނެވެ. އަދި އަކްޝޭ ކުމާރާއި ޝާހްރުކް ޚާނާއި ސަލްމާން ޚާން ފަދަ ތަރިންނާ ޝާހިދު އަޅާވެސް ނުކިޔޭނެ ކަމަށާއި ބޮލީވުޑްގެ ކޮންޓެންޓްތަކަށް އިސްކަންދޭ އިރު، ނެޓްފްލިކްސް އިން އަބަދު ވެސް ބަލަނީ އެކްޓަރުންނަށް ވުރެ ބޮޑަށް ޑައިރެކްޓަރުންނަށް ކަމަށް ބުނެފައިވެ އެވެ.
ނެޓްފްލިކްސް އަކީ މިހާރު އިންޑިއާގައި ވަރަށް ނުފޫޒު ގަދަ ކުންފުންޏެކެވެ. އިންޑިއާގެ ވަރަށް ގިނަ ފިލްމުތަކާއި ވެބް ސީރީޒްތައް މިހާރު އެ ޕްލެޓްފޯމް މެދުވެރިކޮށް ގެނެސްދެ އެވެ. ނެޓްފްލިކްސްގެ އިތުރުން އެމެޒޯން ޕްރައިމް ވީޑިއޯ އަކީ ވެސް އިންޑިއާގައި ވަރަށް މަގުބޫލު ޕްލެޓްފޯމެކެވެ.
ކޮވިޑް-19 އާ ހެދި އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި ހުރުމުން މި އަހަރު ބޮލީވުޑްގެ ގިނަ ފިލްމުތައް ޕްރިމިއާކުރަނީ ވެސް ނެޓްފިލްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯގަ އެވެ.