24 ސެޕްޓެމްބަރ 2020 - 11:58

އިއްޔެ ފާހަގަކުރި، ބައިނަލްއަގުވާމީ އިޝާރާތްބަހުގެ ދުވަހާ ގުޅިގެން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު (ފަޒޫ) އިޝާރާތުގެ ބަހުން ކުޑަކުދިންގެ ވާހަކައެއް އިއްޔެ ކިޔައިދެއްވައިފި އެވެ.
ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތްޕުޅު ކުރައްވާފައިވާ ފަޒޫ ވާހަކަފުޅުދައްކަވަން ފައްޓަވާފައި ވަނީ އިޝާރާތް ބަހުގެ ދުވަހުގެ ހެޔޮ ދުއާ އާއި ތަހުނިޔާ އަރިސްކުރައްވަމުންނެވެ. އެއަށްފަހު އަޑުއިވުމުން މަހްރޫމްވެފައިވާ މީހުން ޝާމިލްކުރުމަށްޓަކައި އިޝާރާތްބަހުން ކޮންމެ ވެސް ވަރެއް ދަސްކުރެއްވުމަށް އެކަމަނާ އެދިވަޑައިގަތެވެ.
ވާހަކައިގައި އުޅެނީ މީހަކާއި ގަހެކެވެ. ދެއްވި މެސެޖަކީ އަހަރެމެންގެ ދިރިއުޅުމަށް ގަހުގެ މުހިއްމު ކަމެވެ.
އޭގައި، ފިރިހެން މީހާ އަށް މޭވާ އާއި ހިޔާވަހިކަން ލިބުނު ގަސް ކަނޑާލަނީ ގެއެއް އެޅުމުގެ މަގުސަދުގަ އެވެ. ނަމަވެސް ގަސް ކަނޑާލުމަށްފަހު ގޭގައި އަރާމުކޮށްލަން އިންދާ އެ މީހާ އަށް ހޫނުވެ ބަނޑުހައިވާން ފެށި އެވެ. އެއާއެކު އޭނާ ރޯން ފެށީ އެވެ. ނަމަވެސް ފަހުން ގަސް އިންދައި އެ ގަސްތައް ރޯވެ މޭވާ އާއި ހިޔާވަހިކަން ލިބެން ފެށުމުމާ އެކު އެ މީހާ އުޅެމުން ދިޔައީ ވަރަށް އުފަލުންނެވެ.
ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ފަސްޓް ލޭޑީ ވަނީ ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ. އެންމެ ފަހުން ހުންނެވީ ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށެވެ.
"މިހާރު" އަށް މީގެ ކުރިން ދެއްވި އިންޓަވިއުގައި ފަޒޫ ވިދާޅުވީ އިޖުތިމާއީ ގިނަ މައްސަލަތަކަކަށް ހައްލު ހޯދަން ޖެހިފައިވާ ކަމަށެވެ. އެކަމަނާގެ އެންމެ ބޮޑު ކަންބޮޑުވުން އޮތީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކާއި ނަފްސާނީ ބަލިތަކަށެވެ.
ފަސްޓް ލޭޑީ ގެންދަވަނީ ޔުނިސެފްގެ އެމްބެސެޑަރުގެ ހައިސިއްޔަތުން ކުޑަކުދިންނާއި އަންހެނުންނާ ގުޅޭ ތަފާތު އެކި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.