24 ސެޕްޓެމްބަރ 2020 - 10:32

މިދިއަ މަހު ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް އަރައި، އައުންސެއް 2،000 ޑޮލަރު ހުރަސްކޮށްފަ އެވެ.

މި ބަދަލު އައީ ރަނުގެ ވިޔަފާރިކުރާ މީހުންގެ ސަބަބުން ކަމަށް ވިޔަސް، ދުނިޔޭގައި ދެން ނެގެން ހުރީ ކިހާ ރަނެއްތޯ އާއި އެ ރަނުގެ ރިޒާވް ހުސްވާނީ ކޮން އިރަކުތޯ ކުރެވޭ ސުވާލު ވެސް މިހާރު މި އޮތީ ކުރިމަތިވެފަ އެވެ.
އިންވެސްޓްމެންޓެއްގެ ގޮތުގައި ރަނަކީ އަދިވެސް އެންމެ އިތުބާރު ބޮޑު ހިމާޔަތެވެ. އަދި އިލެކްޓްރޯނިކް އުފެއްދުންތަކުގެ މުހިންމު ބައެއް ވެސް މެ އެވެ.
އެކަމަކު އެއީ ވެސް ވަކި ވަރަކަށް ދުނިޔޭގައި ހުރި މައުދަނެކެވެ. އަދި ވަކި ހިސާބަކުން ރަން ހުސްވުމުގެ މަރުހަލާއާ ވެސް ކުރިމަތިވާނެ އެވެ.
ތަޖުރިބާކާރުން އެ ވާހަކަ އަންނަނީ ދައްކަމުންނެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ރަން ނެގޭނެ މިންވަރަށް މިހާރު ވެސް ރަން ނެގިފައި އޮތުން އެކަށީގެންވެ އެވެ. އެހެންކަމުން އެއަށް ވުރެ އިތުރަށް ރަން ނުނެގި ހިނގައިދާނެ އެވެ.
މިސާލަކަށް މިދިއަ އަހަރު މުޅި ދުނިޔޭގައި އުފެއްދުނު ރަނުގެ މިންވަރަކީ 3،531 ޓަނެވެ. އެކަމަކު މިއީ 2018 އަށް ވުރެ އެއް ޕަސެންޓް ދަށް އަދަދެކެވެ. އެހެންކަމުން ބައެއް ތަޖުރިބާކާރުން ބުނަނީ އަހަރެއްގެ ތެރޭގައި އެންމެ ގިނަވެެގެން ވެސް ރަން ނެގޭނެ މިންވަރަށް މިހާރު ވެސް މަސައްކަތް ކުރެވިއްޖެ ކަމަށެވެ.
ދެން އޮންނާނީ ރަން ނެގުމާއި ފެނުން ވެސް ދަށްވުމުގެ މަރުހަލާ ކަމަށް، ބެލިދާނެ އެވެ.
އެކަމަކު ރަން ހުސްވުމުގެ މަރުހަލާ ފެށިއްޖެ ކަމަށް، އެއް ބަޔަކު ގަބޫލުކުރާ އިރު އަނެއް ބައި ތަޖުރިބާކާރުން ބުނަނީ އެގޮތަށް ނިންމުން އަދި އަވަސް ކަމަށެވެ.
ވޯލްޑް ގޯލްޑް ކައުންސިލްގެ ތަރުޖަމާން ހަންނާ ބްރެންޑްސްޓެޓާ ވިދާޅުވި ގޮތުގައި މިހާރު ރަން ނަގާ ވަޅުތަކުން ނެގޭ މިންވަރު ކުރިއަށް އޮތް އަހަރުތަކުގައި ދަށަށް ދިޔަސް އަދި އާ ވަޅުތައް ހޯދުން އުނދަގުލަސް، ދުނިޔެއިން ރަން ނެގޭނެ އެންމެ މަތީ މިންވަރަށް ވާސިލްވެވިއްޖެ ކަމަށް އަދި ނިންމޭކަށް ނެތެވެ.
ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިދިއަ އަހަރު ފެނުނު ދަށްވުން ކުރިއަށް އޮތް އަހަރުތަކުގައި މާ ބޮޑަށް ވެއްޓިދާނެ ކަމަކަށް ވެސް ނުފެނެ އެވެ. އެކަމަކު ރަން އުފެއްދޭވަރު ކުޑަކުޑަ ދަށްވުމެއްގައި، ދުވަސްގަނޑަކަށް ދެމިގެން ހިނގައިދާނެ އެވެ.
"ރަން ވަޅުތަކުން ރަން ނެގޭ ވަރު ހުރީ ތިރިކޮށް އެއްވަރެއްގައި. އެ މިންވަރު ކުޑަކޮށް ދަށަށް ޖެހިލަފާނެ އެކަމަކު އެއީ މާ ބޮޑު ދަށްވުމަކަށް ނުވާނެ،" ތަޖުރިބާކާރެއް ކަމަށްވާ ރޮސް ނޯމަން ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ރަން ނެގޭނީ ކިހާ ވަރަކަށްތޯ ކުރެވޭ ސުވާލުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބޮޑެތި ރަން ވަޅުތައް ބޭނުންކުރާތާ މާ ގިނަ ދުވަސްވުމާއި އަލަށް މާ ގިނަ ވަޅުތަކެއް ފެނުން ވެސް ދުރުކަމުންނެވެ. ތަޖުރިބާކާރުން ބުނަނީ އާ ރަން ވަޅުތައް ހޯދަންކުރާ މަސައްކަތުގައި އެންމެ ބޮޑު އުއްމީދެއް އޮތީ އެފްރިކާގެ ހުޅަނގު ސަރަހައްދަށް ކަމަށެވެ.
ދުނިޔެއިން ރަން ހުސްވުމަކީ، އިންސާނުންގެ ދިރިއުޅުމުގެ ތެރެއިން ރަން ނެތިގެން ދިއުމެއް ނޫނެވެ. ހަނދުގައި ގިނަ އަދަދަކަށް ރަން ހުރިކަމުގެ ހެކި ވަނީ ލިބިފަ އެވެ. އަދި އާ ޓެކްނޮލޮޖީއާ އެކު އިންސާނުން އަލުން ހަނދަށް ދަތުރު ފަށަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
އެކަމަކު ތަޖުރިބާކާރުން ބުނާ ގޮތުގައި ހަނދުން ރަން ކޮނެ، އެ ދުނިޔެއަށް ގެނެސް ވިއްކޭ ވަރަށް ވުރެ މާ އަގުބޮޑުވާނެ އެވެ. އެހެންކަމުން ނުވިއްކޭނެ އެއްޗެއް ނަގަން ބޮޑު ހޭދައެއްކުރުމުގެ އިގުތިސާދީ ފައިދާއެއް އަދި ނެތް ކަމަށް، އެމީހުން ބުނެ އެވެ.
"ހަނދުގައި ރަން ހުއްޓަސް އެ ހޯދަން އުޅުމަކީ އިގުތިސާދީ ގޮތުން އެއްވެސް މާނައެއް ހުރި ކަމެއް ނޫން،" ޖައްވާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ސުނީޑް އޯސްލިވަން ވިދާޅުވި އެވެ.
"އެ ގެނެސް ވިއްކޭނެ އަގަށް ވުރެ މާ ބޮޑު ހޭދައެއް އެ ނަގަން ކުރަން ޖެހޭނެ."
ހަނދުގެ އިތުރުން، އެ ނަގަން ކުރަން ޖެހޭ ހޭދަ އާއި މަސައްކަތަށް ބަލާ އިރު، އެއްވެސް ފައިދާއެއް ނުލިބޭނެ އެކަމަކު ރަން ހުރި ބައެއް ސަރަހައްދުތައް ދުނިޔޭގައި ވެސް އެބަ ހުއްޓެވެ: އެއް ތަނަކީ ފިނި އެންޓާޓިކާ އެވެ. އަނެއް ތަނަކީ ކަނޑު އަޑި އެވެ. އެކަމަކު މިއިން އެއްވެސް ތަނަކަށް ގޮސް ރަން ނަގައިގެން އުފެއްދުމަށް، އެ ވިއްކޭނެ އަގަށް ވުރެ މާ ބޮޑު ހަރަދެއް ކުރަން ޖެހޭނެ އެވެ. އެހެންކަމުން އެއީ ރަން އުފައްދާ ކުންފުނިތަކުގެ ނަޒަރު ހުއްޓޭނެ ހިސާބުތަކެއް ނޫނެވެ.