24 ސެޕްޓެމްބަރ 2020 - 10:12

އައިޖީއެމްއެޗު ލެބޯޓްރީން ކޮވިޑް-19 އަށް 100،000 ޓެސްޓު ހަދައިފި އެވެ.
އެ ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނުގައި ބުނީ މިދިޔަ ފެބްރުއަރީ 29 ވަނަ ދުވަހު ކޮވިޑަށް ޓެސްޓުކުރަން ފަށައި، މާޗު، 7 ގައި އެ ބަލީގެ ފުރަތަމަ މީހާ ރާއްޖެއިން ފެނުނު ފަހުން މެދުކެނޑުމެއްނެތި 24 ގަޑިއިރު ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެންމެ ފުރަތަމަ ކޮވިޑަށް ޓެސްޓުކުރަން ފެށީ ތިން މުވައްޒަފުން ހިމެނޭ ޓީމަކުންނެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު ޕީސީއާރު ޓެސްޓިން ޓީމުގައި ހިމެނޭ މުވައްޒަފުންގެ އަދަދު މަޑުމަޑުން ދިޔައީ އިތުރު ކުރަމުންނެވެ. މިހާރު އެ މަސައްކަތުގައި 22 މުވައްޒަފުން ހަރަކާތްތެރިވާ ކަމަށް ބުންޏެވެ.
ފުރަތަމަ ޓެސްޓު ހަދަން ފެށިއިރު ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރު ޓެސްޓެވެ. ނަމަވެސް މިހާރު އެ އަދަދު ކޮންމެ 24 ގަޑިއިރަކު 1،500 ޓެސްޓަށް ވަނީ އިތުރުކޮށްފަ އެވެ.
"މިއީ ސާމްޕަލް އެކްސްޓްރެކްޓް ކުރުމަށްޓަކައި ޒަމާނީ މެޝިންތަކާއި ޕީސީއާރު މެޝިންތައް އަދި ހަމަ އެހެންމެ އިތުރު މުވައްޒަފުންތަކެއް ތަމްރީނުކުރެވިގެން ދިއުމުގެ ނަތީޖާކަމަށް ފާހަގަކޮށްލަމެވެ،" ބަޔާނުގައި ބުންޏެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެންމެ މުހިއްމީ ބަލިޖެހިފައިވާ މީހާ ދެނެގަނެ އެ މީހަކު އެކަހެރިކުރުން ކަމަށް ވާތީ ލެބޯޓްރީ މުވައްޒަފުންނަކީ ޕްރޮންޓްލައިންގެ އެންމެ ކުރީ ސަފުގައި ހިދުމަތްދޭ މީހުން ކަމަށެވެ. އެ މީހުން ރެއާއި ދުވާލު ހީވާގިކޮށް މަސައްކަތް ކުރަމުން އަންނަ ލެބޯޓްރީގެ ހުރިހާ މުވައްޒަފުންގެ އަގު ވަޒަންކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.
އައިޖީއެމްއެޗުގެ އިތުރުން ޕޮލިސް ލެބާއި އޭޑީކޭ އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ރީޖަނަލް ބައެއް ހޮސްޕިޓަލްތަކުގައި ވެސް މިހާރު އަންނަނީ ކޮވިޑް-19 އަށް ޓެސްޓްކުރަމުންނެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑަށް 143،472 ޓެސްޓު ހަދާފައި ވެ އެވެ. އޭގެ ތެރެއިން ޕޮޒިޓިވް 9,885 ކޭސް އިއްޔެގެ ނިޔަލަށް ފެނިފައިވެ އެވެ.