23 ސެޕްޓެމްބަރ 2020 - 17:23

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރި ކަމަށް ބުނެ ރ. މަޑުއްވަރިން ހައްޔަރުކޮށް، ދައުވާ އުފުލި ހަ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން މި އަހަރު ކުރީކޮޅު މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށް، ދައުވާ އުފުލީ ރ. މަޑުއްވަރީ މީރާ، ހަސަން ރާޒީ އާއި އެރަށު ގުލްއަލާގޭ އިބްރާހިމް ޖިހާދާއި އެރަށު މީޒާން، ހަސަން ސިޔާދާއި އެގޭ އާދަމް ސުހައިލްގެ އިތުރުން ނ، މަނަދޫ ގަހާ، އިބްރާހިމް ޝިބުނީގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ.
އޭގެ ތެރެއިން ރާޒީ ފިޔަވައި ދެން ތިބި މީހުން ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. ކޯޓުން މިއަދު ރާޒީ ވެސް ބަންދުން ދޫކޮށްލީ ދެން ތިބި މީހުން ދޫކޮށްލާފައިވާތީ އޭނާގެ ބަންދަށް ލުޔެއް ދޭން މިއަދުގެ އަޑުއެހުމުގައި އޭނާގެ ވަކީލް އެދިވަޑައިގަތުމުންނެވެ.
އެނގިިފައިވާ ގޮތުގައި ދެން ތިބި މީހުން މީގެކުރިން ދޫކޮށްލީ އެ މީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ އެވެ.
އެ މައްސަލާގެ އަޑުއެހުން މިއަދު ކުރިއަށް ގެންދަން ހަމަޖެއްސިޔަސް، އިންޓަނެޓްގެ މައްސަލަތަކާ ހެދި އަޑުއެހުން އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.