"ގޭމް އޮފް ތުރޯންސް" ނިމުމުން ހިތްދަތިވެގެން އެކްޓްކުރުން ހުއްޓާލަން އުޅުނިން: ކިޓް ހެރިންޓަން
"ގޭމް އޮފް ތުރޯންސް" ނިމުމުން ހިތްދަތިވެގެން އެކްޓްކުރުން ހުއްޓާލަން އުޅުނިން: ކިޓް ހެރިންޓަން

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" މިދިޔަ އަހަރު ނިންމައިލުމުން ހިތްދަތިވެގެން އެކްޓްކުރުން ހުއްޓާލަން އުޅުނު ކަމަށް، އެ ސިލްސިލާގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށްވާ ޖޮން ސްނޯގެ ރޯލް ކުޅުނު ކިޓް ހެރިންޓަން ބުނެފި އެވެ.

އޭނާ އަކީ އެ ސިލްސިލާގެ ފުރަތަމަ ސީޒަނުން ފެށިގެން އަށް ވަނަ ސީޒަނާ ހަމައަށް ކާސްޓްގައި ހިމެނުނު ތަރިއެކެކެވެ. އެޕިކް ސްޓްރީމަށް ދިން އިންޓަވިއެއްގައި، އިނގިރޭސިވިލާތަށް އުފަން 33 އަހަރުގެ އެކްޓަރު ބުނީ 2011-2019 އަށް "ގޭމް އޮފް ތުރޯންސް" ގެ މަސައްކަތްކުރުމުން އެއީ ޖަޒުބާތީ ގޮތުން ވެސް އަމިއްލަ ނަފުސާ ވެސް ވަރަށް ބޮޑަށް ގުޅިފައި އޮތް އެއްޗެއް ކަމަށެވެ.

"އެހެންވެ އެއަށް ނިމުން އައުމަކީ ވަރަށް ވެސް ދެރަވެ، ހިތްދަތިވި ކަމެއް. އެކަމާ ވަރަށް ރުއިން. އަދި އެކްޓިން ދޫކޮށްލަން ވެސް ވިސްނިން،" ހެރިންޓަން ބުންޏެވެ.

އޭނާ ބުނީ "ގޭމް އޮފް ތުރޯންސް" އަކީ އަބަދު ވެސް ފަހުރުވެރިވާނެ މަސައްކަތެއް ކަމަށާއި އެއީ ހަޔާތުގައި ކުރެވުނު ވަރަށް މުހިއްމު، އުފާވެރި ތަޖުރިބާއެއް ކަމަށެވެ. އަދި އެކްޓަރަކަށް އެވަރުގެ ސިލްސިލާއެއް ކުޅެން ލިބުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

ހެރިންޓަން ބުނީ އެއްވެސް އެއްޗަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫން ކަމަށެވެ. އެހެންވެ ކޮންމެވެސް ހިސާބަކުން "ގޭމް އޮފް ތުރޯންސް" އަށް ވެސް ނިމުން އަންނާނެ ކަމަށް ގަބޫލުކުރި ކަމަށާއި އެކަމަކު އެ ނިންމާލުން ވެގެން ދިޔައީ މިހާތަނަށް މީހާ އެންމެ ބޮޑަށް ޖަޒުބާތީކޮށްލި ކަންތަކަށް ކަމަށް ބުންޏެވެ.

"އަހަރެން މިހުރީ އެކްޓިން އިން ކުރިއަށް ދާން ނިންމައިގެން މިހާރު. ލިބޭ ރަނގަޅު ފުރުސަތުތަކުގެ ބޭނުން ހިފާނަން،" ހެރިންޓަން ބުންޏެވެ.

"ގޭމް އޮތް ތުރޯންސް" ނިންމައިލުމާ އެކު އޭނާ އަށް މަސައްކަތްކުރަން ލިބުނީ ވެސް އާދައިގެ ޕްރޮޖެކްޓެއްގައެއް ނޫނެވެ. އެއީ މާވެލް ސްޓޫޑިއޯގެ ސުޕަހީރޯ ފިލްމު "ދި އިޓާނަލްސް" އެވެ. އެ ފިލްމުގައި ހެރިންޓަން ފެނިގެންދާނީ އެންޖެލީނާ ޖޮލީ އާއި ރިޗަޑް މެޑެން އާއި ސަލްމާ ހަޔޭކާއި ޑޮން ލީ އާއި ކުމައިލް ނަންޖާނީ ފަދަ ތަރިންނާ އެކީގަ އެވެ.

"ދި އިޓާނަލްސް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 5 ގަ އެވެ.

ހެރިންޓަން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ސައިލެންޓް ހިލް: ރިވެލޭޝަން" އާއި "ސެވެންތު ސަން" އަދި "ދަ ޑެތު އެންޑް ލައިފް އޮފް ޖޯން އެފް ޑޮނޯވަން" ހިމެނެ އެވެ.