އޭސީސީގެ އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އަށް ފިޔަވަޅު އަޅައިފި
އޭސީސީގެ އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އަށް ފިޔަވަޅު އަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އަށް އެ ކޮމިޝަނުން ފިޔަވަޅު އަޅައި، ކޭސް އިންވެސްޓިގޭޓަރަކަށް އޭނާ ބަދަލުކޮށްފި އެވެ.

މީގެ ދެ މަހެއްހާ ދުވަސްކުރިން އޭނާއާ މެދު ފިޔަވަޅު އެޅީ، އެނގިފައިވާ ގޮތުގައި، ކޮމިޝަނުން ތަހުގީގު ކުރާ ހެލްތު މިނިސްޓްރީގެ ވެންޓިލޭޓަރުތަކުގެ ކޭސްއާ ގުޅޭ މައުލޫމާތު ލީކުކޮށްލި ކަމުގެ ތުހުމަތުތަކެއް ކުރެވުމުންނެވެ. އެކަމުގައި އޭސީސީން އެތެރޭގެ ތަހުގީގެއް ހިންގި އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލް ކޮމެންޓެއް ނުކުރެއްވި އެވެ.

އޭސީސީން ތަހުގީގު ކުރާ މައްސަލަތަކާ ގުޅޭ މައުލޫމާތު އެއްކުރާ އިންޓެލިޖެންސް ޔުނިޓު ވަގުތީ ގޮތުން މީހަކާ ހަވާލުކޮށްފައިވާއިރު، އެ ޔުނިޓަށް އިސްވެރިއަކު ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އޭސީސީން އަންނަނީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. ކުރީގެ ކޮމިޝަނުގެ ދައުރު ހަމަވިއިރު ނުނިމި ހުރި މައްސަލަތަކާއި އާ ކޮމިޝަން އައި ފަހުން ހުށަހެޅި ގިނަ މައްސަލަތަކާ އެކު ބުރަ ބޮޑުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެކަމަކު އޭގެ ތެރެއިން އެންމެ އިސްކަންދޭން ޖެހޭ މައްސަލަތައް އަވަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދިމާވާ ދައްޗަކީ ވަސީލަތްތައް މަދުވުން ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އެ ކޮމިޝަނުން ތަހުގީގުކުރާ އާއްމުންގެ މަސްލަހަތު އޮންނަ ބައެއް މައްސަލަތަކުގެ ތަހުގީގު ލަސްވާތީ ޝަކުވާ ބޮޑެވެ.

މި ފަހުން އޭސީސީން ވަނީ ތަހުގީގު ކުރި ބޮޑެތި ބައެއް މައްސަލަތަކުގައި ދައުވާ އުފުލައިދޭން ޕީޖީ އަށް ހުށަހަޅައިފަ އެވެ.