29 އޮކްޓޯބަރ 2016 - 09:01

އެފްއޭއެމްގެ އިންތިހާބަކީ ފުޓްބޯޅައިގެ ވެރިޔަކު ކަނޑައަޅަން ކްލަބްތަކުން ބައިވެރިވެގެން ބާއްވާ އިންތިހާބެކެވެ. އެކަމަކު މި ފަހަރުގެ އިންތިހާބުން ފެންނަނީ އެހެން މަންޒަރުތަކެކެވެ. ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގައި މަޖިލިސް މެމްބަރުންގެ ބައިވެރިވުން އާދަޔާ ހިލާފު މަތީ މިންވަރަކަށް މި އިންތިހާބުން އެބަ ދައްކައިދެ އެވެ. ފުޓްބޯޅަ ކްލަބްތަކުގެ އަޑަށް ވުރެ ގަދަވެފައިވަނީ އެހެން އަޑުތަކެކެވެ.

އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް ބައްސާމް އަދީލް ޖަލީލުގެ އެކްސްކޯގައި މެޖޯރިޓީ އަކީ މަޖިލިސް މެމްބަރުންނެވެ. ބައްސާމާ އެކު ނޯމަލައިޒޭޝަން ކޮމިޓީގައި މަސައްކަތްކުރެއްވި އަލީ އުމަރާއި އަހުމަދު ޝަކީބް (ޑޮކް) އެކްސްކޯގައި ހިމެނޭނެ ކަމަށް ބެލެވުނު ނަމަވެސް، އޭގެ ބަދަލުގައި ގިނައީ ސިޔާސީ ފަރާތްތަކެވެ. ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި މޯލްޑިވްސް ގޭސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު ފިޔަވައި ދެން ތިއްބެވީ ހުސް މަޖިލިސް މެމްބަރުންނެވެ.

އެކަމާ ގުޅިގެން ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެ ފާޑުކިޔުންތަކަށް ރައްދެއްގެ ގޮތުގައި އެންމެ ފަހުން ބައްސާމުގެ ޓީމުން ނުކުތީ ރާއްޖޭގެ މެޖޯރިޓީ ކުޅިވަރު އެސޯސިއޭޝަންތަކާ އެކު އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެސޯސިއޭޝަންތަކުގެ އިސް ވެރިންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމުގެ ސީނިއަ ވައިސް ޕްރެޒިޑެންޓަކަށް ކުރިމަތިލައްވާފައިވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ސިޔާސީ ބޭފުޅުން ވާދަކުރައްވާތީ އެސޯސިއޭޝަންތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންވެ އިންތިހާބުން ދުރުވާން ނިންމާފައިވާ ކަމަށާއި އެކަމަކު އެކަން ކުރާނީ ދެން ވާދަކުރައްވާ އަހުމަދު ތޯރިގް (ޓޮމް) ވެސް ފަހަތަށް ޖެހުމުން ކަމަށް ހުސެއިން ވިދާޅުވި އެވެ. ސަބަބަކީ ޓޮމް އަކީ ވެސް ސިޔާސީ ބޭފުޅަކަށް ވުމެވެ.

ދެން އުފެދޭ ސުވާލަކީ ބައްސާމުގެ ޓީމުން އެންމެ ފުރަތަމަ ވެސް މަޖިލިސް މެމްބަރުންތަކެއް ކޮމިޓީގައި ހިމެނީ ކީއްވެތޯ އެވެ. ސިޔާސީ ނުފޫޒުން އެއްކިބާކުރަން ބޭނުން ނަމަ އެންމެ ފުރަތަމަ އެގޮތަށް އަމަލުކުރެއްވީ ކީއްވެތޯ އެވެ.
ބައްސާމް އެކްސްކޯ އަށް ނޮމިނޭޓްކުރައްވާފައިވާ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ސިޔާސީ މީހުންނަށްވެ ތިބެ ކުރިމަތިލެއްވީ ބައްސާމް ފަދަ ފުޓްބޯޅައަށް ހިދުމަތްކުރައްވާފައިވާ ޒުވާނުންނަށް ފުރުސަތު ހޯދައިދޭން ކަމަށެވެ.
"މިއަދުގެ ސިޔާސީ ހަގީގަތަކީ ސިޔާސީ މީހުން ކުޅިވަރުގައި ހަރަކާތްތެރިވާން ބޭނުންވުން. އެގޮތަށް ނޫނީ ފުރުސަތު ލިބެން ނެތް އެހެން ބަޔަކަށް،" މުއާޒް ވިދާޅުވި އެވެ.
އޭގެން ދޭހަވީ އެސޯސިއޭޝަންތަކަށް ވަކި ބަޔަކަށް މިއަދު އާދެވެން އޮތީ ސިޔާސީ ނުފޫޒެއް އޮވެގެން ކަމެވެ. އެއް ބަޔަކު އެ ނުފޫޒު ބޭނުންކޮށްފި ނަމަ އަނެއް ބަޔަކު ވެސް ސިޔާސީ އެހެން ބާރުވެރި ފަރާތެއްގެ ބޭނުން ހިފާކަން މި އޮތީ ފެންނާށެވެ.
ބައްސާމު ޓީމުން ބުނީ ޓޮމް ފަހަތަށް ނުޖެހިއްޖެ ނަމަ އިންތިހާބާ އެކު ކުރިއަށްދާނެ ކަމަށެވެ. އަދި އިންތިހާބުވުމާ އެކު މަޑުމަޑުން ސިޔާސީ މީހުން އެއްފަރާތް ވުމަށް ކުޅިވަރުގެ މީހުންނަށް ފުރުސަތު ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ،
އެފްއޭއެމްގެ ރައީސްގެ މަގާމަށް ތޯރިގް ހޮވިވަޑައިގެންތާ ތިން މަސް ނުވަނީސް، އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދެއްވުމުން ޓޮމްގެ މަގާމް ގެއްލުނީ އެވެ. އޭރު އިސްތިއުފާ ދިން މެމްބަރުން މިހާރު ތިބީ ބައްސާމްގެ ޓީމުގަ އެވެ. އޭރު އިވުނު އަޑުތަކަށް ބަލާއިރު ޓޮމް ކުރިމަތިނުލައްވާނެ ކަމަށް ވެސް ހީވި އެވެ. އެކަމަކު ކުއްލިއަކަށް ފެނުނީ ރާއްޖޭގެ ބޮޑު ތިން ކްލަބެއްގެ ތާއީދާ އެކު ޓޮމް އަލުން ކުރިމަތިލެއްވި މަންޒަރެވެ.
ޓޮމް އަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ އޭނާގެ އެކްސްކޯގައި ފުޓްބޯޅައިގެ މީހުން ތިބުމެވެ. ހާއްސަކޮށް އެކަމާ ގުޅިގެން އާއްމުންގެ ތާއީދު ޓޮމް އަށް ވަނީ ބޮޑުވެފަ އެވެ. ނިއު ރޭޑިއަންޓާއި މާޒިޔާގެ އިތުރުން ވިކްޓަރީގެ އިސް އޮފިޝަލުންތަކެއް ޓޮމްގެ އެކްސްކޯގައި ހިމެނެ އެވެ.
ޓޮމް ވިދާޅުވީ ކުރީގެ ތަޖުރިބާގެ އަލީގައި މި ފަހަރު އޭނާގެ ޓީމުގައި ހިމެނީ ކްލަބްތަކުގެ މަންދޫބުން ކަމަށާއި އެއީ ކްލަބް ހިންގުމުގައި ގުރުބާނީވެ ބުރަކޮށް މަސައްކަތްކޮށްފައި ތިބި ފަރާތްތައް ކަމަށެވެ. އޭނާގެ ކެންޑިޑެސީ ފޯމް އެފްއޭއެމަށް ހުށައެޅުއްވީ 21 ކްލަބުގެ ތާއީދާ އެކު އެވެ.
އެކަމަކު ބައްސާމްގެ ޓީމުން ބުނަނީ ޓޮމް އަކީ ވެސް ސިޔާސީ ބޭފުޅެއް ކަމަށާއި އޭނާގެ އެކްސްކޯގައި ފުޓްބޯޅައިގެ ހިންގުންތެރިން ތިއްބަސް ޓޮމް ވަޑައިގެންފި ނަމަ އެފްއޭއެމް ސިޔާސީ ވާނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ ތާއީދު އޮތް ކަމަށް ޓޮމް ވިދާޅުވުމުން ވެސް ދައްކައިދެނީ އޭނާ ސިޔާސީ ކާޑް ބޭނުންކުރައްވާކަން ކަމަށް ވެސް އެ ޓީމުން ތުހުމަތު ކުރެ އެވެ.
ބައްސާމްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މެމްބަރު ހުސެއިން ވިދާޅުވީ ކިތަންމެ ކުޅިވަރެއް ކުޅެފައި ހުރި ކަމަށް ވިޔަސް ސިޔާސީ ވުމުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުން އެ މީހަކު ވާނީ ސިޔާސީ މީހަކަށް ކަމަށެވެ.
"ރައްޔިތުން ގަބޫލުކުރާ ގޮތުގައި މަޖިލިސް މެމްބަރެއް ވެއްޖެއްޔާ ހުންނާނީ ކޮންމެވެސް ކުލައެއް ޖެހިފައި. ކޮންމެ ޕާޓީއެއްގެ މެމްބަރަކަށް ވިޔަސް ރައްޔިތުން ބަލައިގަންނަ ގޮތް ތަފާތު،" އޭނާ ވިދާޅުވި އެވެ.
މިކަމަށް ޓޮމް ސީދާ ރައްދެއް ނުދެއްވަ އެވެ. އެކަމަކު އޭނާގެ ޓީމުގައި ހިމެނޭ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ބުނީ ޓޮމް ސިޔާސީ މީހަކަށް ހަދަން އުޅެނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން ކަމަށެވެ.
"ޓޮމްގެ މުޅި ލައިފް ކުޅިވަރުގައި ހޭދަކުރީ. ގައުމީ ލެވެލް އާއި ކްލަބް ލެވެލްގައި ޓޮމްގެ މުޅި ކެރިއަރު ހޭދަކުރުމަށް ފަހު ގޮސް މަޖިލީހަށް ވަނަސް އޭނާ އަކީ ސިޔާސީ މީހަކަށް ވާން ނުޖެހޭ. އަނެއްކާ މަޖިލީހަށް ގޮސް ވެސް އޭނާ ކުޅިވަރުގެ ބިލް ހުށައެޅީ ވެސް. ޓޮމް އަކީ ކުޅިވަރުގެ ގައުމީ ބަތަލެއް،" 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ޓޮމް ވިދާލި އިރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ސުޒޭން ބުންޏެވެ.
އާއްމުން ޓޮމް ދަންނަނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވުމުން ސިޔާސީ ދާއިރާ އިން ވެސް އޭނާ ފެންނާނެ އެވެ. އެއާ ހިލާފަށް ބައްސާމްގެ ޓީމުގައި ހިމެނޭ މަޖިލީހުގެ ގިނަ މެމްބަރުން އާންމުންނަށް ފެނިފައި ވަނީ ހަމައެކަނި ސިޔާސީ ދާއިރާ އިންނެވެ.
ކޮންމެ ގޮތެއް ވިޔަސް ސިޔާސީ މެމްބަރުންތަކެއް ހިމެނުމުން ބައްސާމުގެ ޓީމަށް ކުރިމަތިވި ފާޑުކިޔުންތަކަށް އެ ޓީމުން މި ވަނީ ޖަވާބު ދީފަ އެވެ. އެއީ ޓޮމް ފަހަތަށް ޖެހިވަޑައިގެންފި ނަމަ އެ ބޭފުޅުން ވެސް ފަހަތަށް ޖެހި ކުޅިވަރުގެ މީހުންނަށް ޖާގަ ދިނުމެވެ. އެކަމަކު ޓޮމް އަކީ، ބައްސާމް ޓީމުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަށް ވުރެ ކުރިން އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާ އަދި ކާމިޔާބުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ޓޮމް އިއްޔެ ފޭސްބުކުގައި ލިޔުއްވާފައިވަނީ "އަޅުގަނޑަކީ ފޯވާޑެއް. ފަހަތަށް ކުޅެން ވަރަށް އުނދަގޫވާނެ" ކަމަށެވެ.
މި ހުރިހާ ކަންކަމަށް ބަލާއިރު އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކުރިން އަދިވެސް ތަފާތު މަންޒަރުތައް ފެންނާނެ އެވެ.