ސަލްމާނަށް ޑްރަގްގެ ތުހުމަތުކުރާތީ ދައުވާ ކުރާނެކަމުގެ އިންޒާރު ދީފި
ސަލްމާނަށް ޑްރަގްގެ ތުހުމަތުކުރާތީ ދައުވާ ކުރާނެކަމުގެ އިންޒާރު ދީފި

ބޮލީވުޑްގައި މިހާރު ހިލިފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުވައިގެން ސަލްމާން ޚާންގެ ނަން ހަރާބުކުރަން ބަޔަކު މަސައްކަތްކުރާ ކަމަށް ބުނެ އެފަދަ ވާހަކަ ފަތުރާ ނޫސްތަކަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެލެންޓް މެނޭޖްމަންޓް އެޖެންސީއެއް ކަމަށްވާ ކްވާން އަކީ ސަލްމާންގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި އެތަނުގައި މަސައްކަތްކުރާ ބައެއް މީހުންނާއި މަސްތުވާތަކެއްޗާ ބޮޑެތި ގުޅުންތަކެއް އޮންނަ ކަމަށްވެ އެވެ. އޭގެ ތެރޭގައި ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާ އެކު މަސައްކަތްކުރި ޖާޔާ ސާހާ އާއި މިހާރު މަސްތުވާތަކެތީގެ ތުހުމަތުތަކެއް ކުރެވި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ސަމާލުކަމަށް އައިސްފައިވާ ބަތަލާ ދީޕިކާ ޕަދްކޯންގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ކަރިޝްމާ ހިމެނެ އެވެ.

ޑްރަގް މައްސަލަތަކާ ގުޅުވައިގެން މިހާރު ސަލްމާނަށް އިނގިލި ދިއްކުރަމުންދާ އިރު، މީޑިއާތަކުން ބުނީ ކްވާން އަކީ މިފަދަ ކަންކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނީގައި ސަލްމާންގެ ހިއްސާ އޮތުމަކީ ބަޔަކު ހަލާކުކޮށްލަން މަގުފަހިކުރަން އޭނާ ހިންގާ ސިއްރު ވިޔަފާރީއެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ނަމަވެސް ތުހުމަތުތަކަށް އިންކާރުކޮށް ސަލްމާންގެ ގާނޫނީ ޓީމް ޑިއެސްކޭ ލީގަލްގެ ފަރާތުން ވަކީލު އާނަންދު ދެސާއީ ނެރުއްވި ބަޔާނެއްގައި ވަނީ ކްވާން ޓެލެންޓް މެނޭޖްމަންޓް އެޖެންސީ ލިމިޓެޑާއި ސަލްމާނާ އެއްވެސް ގުޅުމެއް، އެއްވެސް އިރެއްގައި ނެތް ކަމަށެވެ.

"އެ ކުންފުނީގައި ސީދާކޮށް އަދި ނުސީދާކޮށް ވެސް ސަލްމާންގެ އެއްވެސް ހިއްސާއެއް ނެތް. މީޑިއާތަކުން ކްވާންއާ ގުޅުވައި ސަލްމާނާ ބެހޭ ގޮތުން ފަތުރަނީ މުޅިން ދޮގު ވާހަކަތަކެއް،" ބަޔާނުގައި ބުންޏެވެ. "އެހެންވެ އެފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކަށް ދައުވާ ކުރާނަން. އަދި މީޑިއާތަކުން ވެސް ސާބިތު ނުހިފޭ ޚަބަރުތައް ނުފަތުރަން ގޮވާލަން."

ސުޝާންތު މަރުވި މައްސަލައިގެ ތަހުގީގު މިހާރު މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ބެލެވި، ތަހުގީގު ފޯކަސް އެ ދިމާއަށް ހުއްޓުނީ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އެންސީބީ އަށް ދިން ބަޔާންތަކާ ގުޅިގެންނެވެ. ރިއާ ބުނެފައިވާ ގޮތުގައި ސުޝާންތަކީ މެރުއާނާ އަށް އެޑިކްޓެކެވެ. އަދި އެކަން އޭނާ ކުރާތާ ވެސް އެތައް ދުވަހެއްވެއްޖެ ކަމަށާއި ސުޝާންތު ބޭނުންވެގެން މަސްތުވާތަކެތި ހޯދައި ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރިއާގެ ބަޔާންތަކުގައި ވަނީ ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު މަސްތުވާތަކެތި ޓްރެފިކްކޮށް، ބޭނުންކުރާ ކަމަށް ވެސް ބުނެފަ އެވެ. އަދި އޭނާ އެންސީބީ އަށް ދިން ލިސްޓްގައި 25 ވަރަކަށް ފަންނާނުންގެ ނަން ހިމެނެ އެވެެ. އެންސީބީން މިހާރު ވަނީ އެ މީސްމީހުންނާ ސުވާލުކޮށް، އެ މީހުންގެ ބަޔާންތައް ނަގަން ނިންމައިފަ އެވެ.

މަސްތުވާތަކެއްޗާއި ސަލްމާން، 54، ގުޅުވާ އިރު، ޖޫން މަހުގެ 14 ގައި ސުޝާންތު މަރުވުމާ އެކު، އެ މަރުގެ ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު އިނގިލި ދިއްކުރި މީހުންގެ ތެރޭގައި ވެސް ސަލްމާން ހިމެނެ އެވެ. ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި ސަލްމާނަކީ ސުޝާންތުގެ ކެރިއަރު ހަލާކުކުރަން މަސައްކަތްކުރި މީހެކެވެ. މިކަމާ ގުޅިގެން ސަލްމާންގެ ފިލްމުތައް ބޮއިކޮޓްކުރަން ވެސް ގޮވާލާފައިވެ އެވެ.