"އަޅުގަނޑަކީ ފޯވާޑެއް، ފަހަތަށް ކުޅެން ވަރަށް އުނދަގޫވާނެ"
"އަޅުގަނޑަކީ ފޯވާޑެއް، ފަހަތަށް ކުޅެން ވަރަށް އުނދަގޫވާނެ"

އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ބައްސާމް އަދީލް ޖަލީލްގެ ޓީމުގައި ހިމެނޭ ސިޔާސީ ފަރާތްތަކުން ފަހަތަށް ޖެހޭނީ، އަހުމަދު ތޯރިގް (ޓޮމް) ވެސް ފަހަތަށް ޖެހުމުން ކަމަށް ކަމަށް ކުރި ޝަރުތު ގަބޫލުނުކުރައްވާ ކަމުގެ އިޝާރާތެއް ޓޮމް ދެއްވައިފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ޓޮމް މިއަދު ފޭސްބުކުގައި ލިޔުއްވާފައިވަނީ "އަޅުގަނޑަކީ ފޯވާޑެއް. ފަހަތަށް ކުޅެން ވަރަށް އުނދަގޫވާނެ" ކަމަށެވެ.

ބައްސާމް ހުށައެޅުއްވި އެކްސްކޯގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ހިމެނޭތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ބައްސާމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ކުރިމަތިލައްވާފައިވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ އެކަމާ ގުޅިގެން ކުޅިވަރުގެ ފަރާތްތަކާއި އާއްމުންގެ ޝަކުތާތައް ހުރުމުން ފަހަތަށް ޖެހެން ތައްޔާރު ކަމަށެވެ.

"މި އިންތިހާބުގައި މަޖިލީސް މެމްބަރުންތަކެއް ދެ ފަރާތުގައި ވާދަކުރާތީ ކަންބޮޑުވުން ކުރިމަތިކޮށްފި ރައްޔިތުންގެ ފަރާތުން. ޖުމްލަކޮށް މުޅި ކުޅިވަރުގެ މީހުންގެ ޝަކުވާ އާއި ކަންބޮޑުވުން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފި. އެހެންކަމުން އެސޯސިއޭޝަންތަކާ މަޝްވަރާކުރުމަށް ފަހު އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އަޅުގަނޑުމެން މިކަމުން ނުކުތުމަށް. ކުޅިވަރުގެ ފަރާތްތަކަށް އެކަން ދޫކޮށްލަައި މިކަން ސިޔާސީ ނުކުރަން ތައްޔާރު،" ހުސެއިން ވިދާޅުވި އެވެ.

އެކަމަކު އެކަމަށް އޭނާ ކުރެއްވި ޝަރުތަކީ ޓޮމް އަކީ ވެސް ސިޔާސީ މީހަކަށް ވާތީ ޓޮމް ވެސް އިންތިހާބުން ދުރުވުމެވެ. ހުސެއިން ވިދާޅުވީ އެ ޓީމުން ފަހަތަށް ޖެހެން ތައްޔާރު ކަމަށާއި އެކަމަކު އެ ޓީމުގެ ފަރާތުން ކުރިމަތިލައްވާފައިވާ ބައްސާމް އަދީލް ޖަލީލަކީ ސިޔާސީ ބޭފުޅަކަށް ނުވާތީ ފަހަތަށް ޖެހެވޭނީ އެބޭފުޅާގެ ހައްގު ހިމާޔަތްކުރުމަށް ކަމަށެވެ. ހުސެއިން ވިދާޅުވީ، އެކަމަށްޓަކައި އަލުން އިންތިހާބަކަށް އިއުލާންކުރަން ޓޮމް އަށް ހުށައަޅުއްވާފައިވާ ކަމަށާއި އެކަމަކު ޓޮމް އެކަމާ އެއްބަސްނުވާ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދުދީ ޓޮމް އަށް ތާއީދުކުރާ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ބުނީ ޓޮމް އަކީ މުޅި ހަޔާތް ކުޅިވަރުގައި ހޭދަކުރެއްވި މީހެއް ކަމަށާއި ޓޮމް މަޖިލީހަށް ވަނަސް ސިޔާސީ މީހަކަށް ނުވާނެ ކަމަށެވެ.