22 ސެޕްޓެމްބަރ 2020 - 22:47

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ 48 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް 1،190 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. މާލެ ސަރަހައްދުން 47 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ރަށްރަށުން ނުވަތަ ރިސޯޓުތަކުން ޕޮޒިޓިވްވީ އެންމެ މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 20 ބިދޭސީންނެވެ. މިއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަަދު މިފަހުން 50 އަށް ވުރެ ދަށްވި ދެ ވަނަ ދުވަހެވެ. އިއްޔެ، ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 46 މީހުންނެވެ.
ކޮވިޑަށް ރާއްޖޭގައި ފަރުވާ ހޯދަމުން އަންނަނީ 1،340 މީހުންނެވެ. އޭގެ ތެރެއިން 92 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރޭގައި 16 ޓޫރިސްޓުންނާއި 34 ރިސޯޓު މަސައްކަތްތެރިން ހިމެނެ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ 23 ރަށެއްގަ އާއި 25 ރިސޯޓުގައި ކޮވިޑްގެ އެކްޓިވް ކޭސްތައް އުޅޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިިވްވެފައި ވަނީ 9،818 މީހުންނެވެ. މި ބަލި ޖެހިގެން މަރުވެފައި ވަނީ 33 މީހެކެވެ.