22 ސެޕްޓެމްބަރ 2020 - 21:46

ހަތަރު ގާނޫނަކަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވީ، ވަޒީފާއާ ބެހޭ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލާއި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު، 2020 އާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާއި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ނިމުމުން ރިސޯޓްް ދޫކޮށް ރަށަށް ދެވޭ ގޮތް ހިމެނެ އެވެ.
ނުވަ ދާއިރާއަކުން މިނިވަން ވޭޖް ކަނޑައަޅާފައިވާ އިރު އޭގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމާއި ކޮންސްޓްރަކްޝަނާއި ޓްރާންސްޕޯޓާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ އިތުރުން އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިންނެވެ.
ރަށަށް ނިދަން ދެވޭ ގޮތަށް ގެނައި އިސްލާހުގެ ދަށުން، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުންކުރުމުގެ ހުއްދަ ލިބޭނެ އެވެ. އަދި އެމީހުން ދަތުރުކުރަން ބޭނުންވާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނައެއް ވެސް ނުކުރެވޭނެ އެވެ.
މި ގާނޫނަށް ގެނައި އިތުރު އިސްލާހުގެ ދަށުން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާއި ހަވާލުކުރުމަށް ލާޒިމް ކުރަން ޖެހެ އެވެ. އަދި މަސައްކަތު ގަޑި ނިމުމުން މަސައްކަތްކުރާތަން ދޫކޮށް ދިއުމުގެ ހައްގު މިހާރު މުވައްޒަފުންނަށް ލިބޭނެ އެވެ.
ޖިނާޢީ އިޖުރާއަތުގެ ގާނޫނަށް ވެސް ބޮޑެތި އިސްލާހުތަކެއް ވަނީ މިހާރު ގެނެސްފަ އެވެ. އެގޮތުން "ޖިނާއީ ބޮޑު ކުށެއް" ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރެއަށް ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން 500,000 ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ އަަދަދު ހިމެނޭ ކުށްތައް އިތުރުކުރުން ހިމެނެއެވެ.
ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމުގައި އަމަލު ކުރާނެ ގޮތް ބަޔާން ކުރުމާއި އެލްޖީއޭއިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ އެ އޮތޯރިޓީގެ ރައީސް ކަމުގައި ކަނޑައެޅުން ހިމެނެ އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގައި ކޮވިޑް-19އާ ގުޅިގެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމާއި އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ގާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ހިމަނާފައިވެ އެވެ.