22 ސެޕްޓެމްބަރ 2020 - 12:29

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު ދެ މަހެއްހާ ދުވަސް ފަހުން 100 އަށް ވުރެ ދަށްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރާ ދުވަހު ހިސާބަށް ބަލާއިރު ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 100 އަށް ވުރެ ދަށުގައި ހުރީ މީގެ 49 ދުވަސް ކުރިންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެނީ 96 މީހުންނަށް ކަމަށް އެޗްޕީއޭ އިން ރޭ އާންމުކުރި ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް މިހާރު އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ. އެޗްޕީއޭ އިން ބުނީ އިއްޔެގެ ހަވީރު 6:00 އިން ކުރީ ދުވަހުގެ ހަވީރު 6:00 އާ ދެމެދު ޕޮޒިޓިވްވެފައި ވަނީ 46 މީހުން ކަމަށެވެ. އެ 24 ގަޑިއިރު ތެރޭ 1،372 ސާމްޕަލް ޓެސްޓްކުރި ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ. މިއީ 24 ގަޑިއިރެއްގެ ތެރޭ މި ފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވި ފަހަރެވެ.
ކޮވިޑާ ގުޅޭ އެހެން ހިސާބުތަކަށް ބަލާ އިރު، ކޮމިއުނިޓީ ސްޕްރެޑް ވެސް މަޑުމަޑުން ދަށްވާ ކަމަށް ދައްކަ އެވެ. އެއްވެސް ގުޅުމެއް ނެތި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދާ ބެހޭ ގޮތުން އެޗްޕީއޭގެ ޑޭޝްބޯޑުގައި އެންމެ ފަހުން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 21 ވަނަ ހަފުތާގައި 34 ގައި ހުރުމަށް ފަހު 22 ވަނަ ހަފުތާގައި ވަނީ 32 އަށް ދަށްވެފަ އެވެ. މިއީ މި މަހުގެ 9-15 އާ ދެމެދެވެ. އެއްވެސް ގުޅުމެއް ނެތި، ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެންމެ މަތިވެފައި ވަނީ ރާއްޖެއިން ކޮވިޑް ފެނުނުތާ ނުވަ ވަނަ ހަފުތާގަ އާއި 16 ވަނަ ހަފުތާގަ އެވެ. މިދިޔަ ޖޫން މަހު އެ އަދަދު 51 އަށް އެރި އެވެ.
މީގެ އިތުރުން ފްލޫ ކްލިނިކުން ނަގާ ސާމްޕަލްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވެސް 21 ވަނަ ހަފުތާގައި 13.4 ޕަސެންޓްގައި ހުރުމަށް ފަހު 22 ވަނަ ހަފުތާގައި ވަނީ 12.61 އަށް ދަށްވެފަ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު ދެ ގުނަ އިތުވާން ނަގާ މުއްދަތު ނުވަތަ ޑަބްލިން ރޭޓް އެންމެ ފަހުން 58 ދުވަހުގައި ހުރުމަށް ފަހު މިހާރު ވަނ 76 ދުވަހަށް މައްޗަށް ގޮސްފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެ ވަނީ 9،770 އަށް އަރައިފަ އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 1،346 މީހުންނެވެ. މިހާތަނަށް 8،390 މީހުން ރަނގަޅުވެފައިވާ އިރު، 34 މީހަކު ވަނީ މަރުވެފަ އެވެ.