28 އޮކްޓޯބަރ 2016 - 17:26

ނޯތު ކެރޮލީނާ (އޮކްޓޯބަރު 28) - އެމެރިކާގެ ރިޔާސީ އިންތިޚާބެއްގައި އެކަމާނާގެ ހަޔާތުގައި ހިލަރީ ވަރުގެ ކުޅަދާނަ ރިޔާސީ ކެންޑިޑޭޓެއް ވާދަކޮށްފައިވާ ނުވާ ކަމަށް ފަސްޓް ލޭޑީ މިޝޭލް އޮބާމާ ވިދާޅުވެއްޖެ އެވެ.

ނޯތު ކެލޮރީނާގައި ހިލަރީ އަށް ކެމްޕޭން ކޮށްދެއްވަމުން މިޝޭލް ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން ކޮމާންޑާ އިން ޗީފްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ކުރީގެ ޚާރިޖީ ވަޒީރު ހުންނެވީ ތައްޔާރަށް ކަމަށާއި ހުރިހާ ގޮތަކުން ބެލި ނަމަވެސް އެކަމަނާއަކީ ތަޖްރިބާކާރެއް ކަމަށެވެ.
"ހިލަރީ ކްލިންޓަން ވަރުގެ ކުޅަދާނަ، ގާބިލް ކެންޑިޑޭޓެއް އަދި ވެރިކަމަށް އެހާ ފުރިހަމަ އަށް ތައްޔާރުވެފައިވާ ކެންޑިޑޭޓެއް މީގެ ކުރިން އަޅުގަނޑު ނުދެކެން. އާދެ، ބަރަކް އޮބާމާ އަށް ވުރެ ވެސް، ބިލް ކްލިންޓަނަށް ވުރެ ވެެސް ބޮޑަށް އެކަމަނާ ވަނީ މި ރޭހަށް ތައްޔާރުވެވަޑައިގެންފައި. ހިލަރީ އަކީ ގާނޫނީ ވަކީލެއް. ގާނޫނީ ޕްރޮފެސަރެއް. އާކަންސަސްގެ ފަސްޓް ލޭޑީ. އެމެރިކާގެ ފަސްޓް ލޭޑީ. އެމެރިކާގެ ސެނެޓަރެއް. އެމެރިކާގެ ޚާރިޖީ ވަޒީރެއް. މިއަށް ވުރެ ތަޖްރިބާ ހުރި ރިޔާސީ ކެންޑިޑޭޓަކީ ކޮބައިތޯ،" ހިލަރީއާ އެކު ސްޓޭޖުގައި ހުންނަވާ މިޝޭލް ވިދާޅުވި އެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި މިޝޭލް، 52، ވަނީ ހިލަރީ އަށް ވަރަށް ބޮޑަށް ކެމްޕޭން ކޮށްދެއްވަން ފައްޓަވައިފަ އެވެ.
"މިފަހަރު ލިބިފައި މިވަނީ ވަރަށް ތަފާތު ދެ ކެންޑިޑޭޓެއް. އެއް ކެންޑިޑޭޓް ގައުމު ބިނާ ކުރުމުގެ ވިސްނުން ގެންގުޅުއްވާ އިރު އަނެއް ކެންޑިޑޭޓް ގެންގުޅުއްވަނީ މާޔޫސްކަން ބޮޑު އުއްމީދެއް ނެތް ވިސްނުމެއް. ގައުމު ބައިބައިކޮށް ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ވިސްނުމެއް،" ޑޮނަލްޑް ޓްރަމްޕުގެ ނަން ވިދާޅު ނުވެ ފަސްޓް ލޭޑީ ވިދާޅުވި އެވެ.