އެޓްލީގެ ފިލްމުގައި ޝާހްރުކް ޚާންގެ ޑަބަލް ރޯލެއް
އެޓްލީގެ ފިލްމުގައި ޝާހްރުކް ޚާންގެ ޑަބަލް ރޯލެއް

އިންޑިއާގެ ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފިލްމެއްގައި ޝާހްރުކް ޚާން މަސައްކަތްކުރަން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. މި ފިލްމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އެޓްލީ މިހާރު އަންނަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސްގެ ލިޔުންތެރިންގެ ޓީމަކާ ގުޅިގެން ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކުރަމުންނެވެ.

އެޓްލީގެ ފިލްމުގައި ޝާހްރުކް ޚާންގެ ޑަބަލް ރޯލެއް
އެޓްލީގެ ފިލްމުގައި ޝާހްރުކް ޚާންގެ ޑަބަލް ރޯލެއް

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެޓްލީގެ ފިލްމުގައި ޝާހްރުކް ކުޅޭނީ ޑަބަލް ރޯލެކެވެ. އޭގެ ތެރެއިން އެއް ކެރެކްޓާ އަކީ ވަރަށް ވަރުގަދަ އިންވެސްޓިގޭޝަން އޮފިސަރެއްގެ ރޯލެވެ. އަނެއް ކެރެކްޓާ އަކީ ބޮޑު ކުށްވެރިއެކެވެ. އަދި ފިލްމުގައި ފެނިގެންދާނީ އެ ދެ ކެރެކްޓާގެ ކޯޅުންތަކެވެ. ޝާހްރުކް މީގެ ކުރިން ވެސް ޑަބަލް ރޯލެއް ކުޅެފައިވެ އެވެ. އެއީ 1998 ގެ "ޑުޕްލިކޭޓް" ގަ އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޓްލީ އާއި ޝާހްރުކްގެ ފިލްމުގެ ނަމަކީ "ސާންކީ" އެވެ. ނަމަވެސް އެ ނަމުގެ ރައިޓްސް އޮތީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ އަތުގައި ކަމަށްވާތީ އެ ހޯދަން މަސައްކަތްކުރި ނަމަވެސް ލިބޭ ގޮތެއް ނުވި އެވެ. ދާދި ފަހުން މީޑިއާތަކުން ބުނީ "ސާންކީ" ގެ ނަމުގައި ވަރުން ދަވަނާ އެކު ސާޖިދު ފިލްމެއް ހަދަން ނިންމާފައިވާ ކަމަށެވެ.

އެޓްލީގެ ފިލްމުގެ މަސައްކަތް ޝާހްރުކް ފަށާނެ ކަމަށް ބެލެވެނީ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ބުނާ ޑައިރެކްޓަރު ސިދާތު އާނަންދު އެކްޝަން ފިލްމު "ޕަތާން" އާއި ރާޖްކުމާރު ހިރާނީގެ ސޯޝަލް ކޮމެޑީގެ މަސައްކަތް ނިންމުމަށް ފަހު އެވެ. ހިރާނީގެ ފިލްމުގެ ޝޫޓްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

ދެހާސް އަށާރައިގައި ރިލީޒްކުރި "ޒީރޯ" އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން ޝާހްރުކް އޭގެ ފަހުން އެއްވެސް ފިލްމަކަށް ރަސްމީކޮށް ސޮއިކުރިކަން އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު އެކްޓިންއާ ދުރުގައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ފަހުން އޭނާގެ ކެމެރާގެ ކުރިމައްޗަށް ނުކުންނާނީ "ޕަތާއިން" ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ އެ ފިލްމު އިއުލާންކުރާނެ ކަމަށް ބެލެވެނީ މި މަހުގެ 27 ގަ އެވެ. އޭގެ ކާސްޓްގައި ޖޯން އަބްރަހަމާއި ދީޕިކާ ޕަދްކޯން ވެސް ހިމެނޭ ކަމަށްވެ އެވެ.