ފިޔަވަޅު އަޅަން ކުރާ ތުހުމަތުތަކުގެ ތަފްސީލު ދޭން ޝުއައިބު އެދިއްޖެ
ފިޔަވަޅު އަޅަން ކުރާ ތުހުމަތުތަކުގެ ތަފްސީލު ދޭން ޝުއައިބު އެދިއްޖެ

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުން ސަސްޕެންޑުކޮށް، އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް އެ ޕާޓީން ކުރާ ތުހުމަތުތަކުގެ ތަފްސީލު ސާފުކޮށްދޭން ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) މިއަދު އެދިވަޑައިގެންފި އެވެ.

ފިޔަވަޅު އަޅާ ކޮމިޓީން މިދިޔަ ހަފުތާގައި އޭނާ ސަސްޕެންޑްކުރީ އެ ކޮމިޓީގެ ނައިބު މުގައްރިރުގެ ގޮތުގައި ހުންނަވައި، ސޯޝަލް މީޑިއާގައި އެމްޑީޕީގެ އަގު ވައްޓާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް ޝިފާޒަށް ފޮނުއްވި ސިޓީގައި ޝުއައިބު ވިދާޅުވީ، އޭނާ ކޮމިޓީން އެއްފަރާތް ކުރީ، ކުރި ތުހުމަތަށް ޖަވާބުދާރީވެވަޑައިގަތުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ ކަމަށެވެ. އެ ބައްދަލުވުމަށް ފަހު، ހަތަރު ތުހުމަތަކަށް ޖަވާބުދޭން އެމްޑީޕީން އެދިފައިވާ ކަން އޭނާ ސިޓީގައި ފާހަގަކުރެއްވި އެވެ.

ޝުއައިބު ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޕާޓީގެ އަގު ވައްޓާލުމާއި ފިތުނަ އުފެއްދުމާއި ޕާޓީ އަށް ގެއްލުންވާ ގޮތަށް އަމަލުކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސަށް ނިސްބަތްކޮށް ހުތުރުބަހުން މުއާމަލާތް ކުރެއްވުމެވެ. އޭނާ އެދިވަޑައިގަތީ ޕާޓީ އަށް ގެއްލުންވާ ގޮތަށާއި ފިތުނަ އުފެދޭ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސަށް ހުތުރު ބަހުން މުއާމަލާތް ކުރައްވާފައިވާ ކަމަށް ޕާޓީން ކުރާ ތުހުމަތުގެ ތަފްސީލަށެވެ.

ފިޔަވަޅު އަޅަން ތުހުމަތުކުރާ ކަންކަމުގެ ތަފްސީލުތައް ފޮނުވައި ދެއްވާއިރު ޕާޓީގެ އަސާސީ ގަވާއިދާއި ނޫނީ އެ ނޫން ވެސް ޕާޓީގެ ގަވާއިދެއްގެ ދަށުން އެ ކަންކަމަކީ ކުށެއް ކަމަށް ބަޔާންކުރާ މާއްދާތަކާ ހަވާލާދީފައިވާ ގަވައިދުތައް ވެސް ފޮނުވަން އެދިވަޑައިގަތެވެ.

"އެމްޑީޕީއަކީ ޑިމޮކްރެޓިކް ސިޔާސީ ޕާޓީއެކެވެ. މި ޕާޓީގެ އެއްވެސް ގުނަވަނަކުން ހުދުމުހުތާރު ސިފަޔަށް އަމަލުތައް ހިންގުމަކީ ޕާޓީގެ އަސާސީ އުސޫލްތަކާ ހިލާފު ކަމެކެވެ. ކޮމިޓީގެ އެއްވެސް މެމްބަރަކު މި ކަމުގައި އިސްތިސްނާއެއް ނުވެ އެވެ،" ޝުއައިބުގެ ސިޓީގައިވެ އެވެ.

އޭނާ އަކީ އެމްޑީޕީ އަށް ގެއްލުންވާނެ ގޮތަށް އަމަލުކުރާނެ މީހެއް ނޫން ކަމަށް ޕާޓީގެ އިސް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ޝުއައިބު ވިދާޅުވި އެވެ.

އެމްޑީޕީ އުފެއްދުމަށް ފުރަތަމަ ސޮއިކުރި މީހުންގެ ލިސްޓުގައި ވެސް ހިމެނޭ ޝުއައިބަށް އެ ޕާޓީން ފިޔަވަޅު އެޅީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ކުރައްވާ މަސައްކަތަކީ ބަރުލަމާނީ ނިޒާމަކުން ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅެއްގެ ތުހުމަތާ އެކު، އެކަން ހުއްޓުވައިދޭން ޕާޓީ އަށް ސިޓީ ފޮނުއްވާފައި ވަނިކޮށެވެ. އަދި ޕާޓީގެ އެންމެ އިސް ފަރާތް ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެކޮޅަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ހިމޭނެ ބަޣާވާތެއް ކުރައްވާ ކަމުގެ ތުހުމަތު ވެސް ކުރައްވާފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގައި އެމްޑީޕީގެ އަގު ވައްޓާކަމުގެ ތުހުމަތު ޝުއައިބަށް ކޮށްފައިވާއިރު އޭނާ ގެންދަވަނީ ޓުވިޓާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކާޓޫން ކުރަހައި ތަފާތު މެސެޖު އާއްމުކުރައްވަމުންނެވެ. އެމްޑީޕީގެ ބައެއް ސިޔާސަތުތަކާ ދެކޮޅަށް ވެސް ފާޑުވިދާޅުވާ އިރު ޝުއައިބު އެންމެ ބޮޑަށް ޓުވިޓާގައި ހިތްހަމަނުޖެހުން ފާޅުކުރާ މައްސަލައަކީ، މާލޭގެ ރައްޔިތުންނަށް ގޯތި ނުދޭ މައްސަލަ އެވެ. އެކަމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓުވީޓްތައް ކުރައްވާފައިވެ އެވެ. އަދި ތަފާތު ފޯރަމްތަކުގައި ވެސް އެ މައްސަލައިގައި ޝުއައިބު ގެންދަވަނީ އަޑު އުފުއްލަވަމުންނެވެ.